ކުޅިވަރު

ދުންތަރި އިބްރާހިމް މަނިކުގެ ތަރިއަށް އޮއްސުމެއް ނެތް

ނޮވެމްބަރު އެކެއް، 1973 ގައި ނެރެނު އަމާޒު ނޫހުގެ އިންޓަވިއު ބައިބައި އޭނާގެ ތާރަފެއް ދިނުމުގެ ގޮތުން ލިޔެފައިވެ އެވެ؛ "ކުޅިބަލާ މީހުންނަށް ހައިރާންކަން ގެނެސްދިނީ މި ކުޅުންތެރިޔާ" އެވެ.

މިއީ ކުރީގެ އެއް ވަނަ ޓީޓީ ކުޅުންތެރިޔާ ދުންތަރި އިބްރާހިމް މަނިކު އޭރު ސިފަކޮށް ދީފައިވާ ގޮތެވެ. އޭނާގެ އިންޓަވިއު އެ ނޫހުގައި ގެނެސްދިން އިރު، އިބްރާހިމް މަނިކުގެ އުމުރަފުޅަކީ 16 އަހަރެވެ. ހަގު ނަމަވެސް، ޓީޓީގެ ގައުމީ މުބާރާތުގެ ދެ ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ކަށަވަރު ކުރީ އޭނާ އެވެ. ފައިނަލުގައި އޭނާއާ ދެކޮޅަށް ކުޅުއްވީ ޓީޓީ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހްމަދު ލަތީފު (ސީވިޑް ލަތީފު) އެވެ. ދެ ކުޅުންތެރިންނަކީވެސް ރާއްޖޭގެ ކުޅިވަރުގެ އުޑުގައި އެންމެ އަލިގަދަ ދެ ތަރިން އެވެ.

ދުންތަރި އިބްރާހިމް މަނިކަކީ ކުރީގެ އެއް ވަނަ ޓީޓީ ކުޅުންތެރިޔާ އެވެ. ގައުމީ ސިންގަލްސް ޗެމްޕިއަންކަން އޭނާ ވަނީ ހޯއްދަވާފަ އެވެ. އޭނާ އަކީ 1979 ގައި ރީޔޫނިއަންގައި ބޭއްވުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ވަޑައިގެންނެވި ޓީޓީ ޓީމުގެ ކުޅުންތެރިޔެކެވެ. އެ ގޭމްސްގެ ޓީމު އިވެންޓްގައި ރާއްޖެއިން ހޯދި ބްރޯންޒް މެޑަލް ހޯދައިދިނުމުގައި ދުންތަރި އިބްރާހިމް މަނިކު ވަނީ ވަރަށް ހިތްވަރު ކުރައްވާފަ އެވެ. އެއީ ރާއްޖޭގެ ޓީޓީން ލިބުނު ފުރަތަމަ މެޑަލްގެ ފަހަތުގައި ހުރި ދުންތަރި އިބްރާހިމް މަނިކެވެ.

"އަޅުގަނޑަށް ވާގޮތަކީ ކުޅިބަލާ މީހުންގެ ތަރުހީބު ވީ އެންމެ އަވަހަކަށް އަޅުގަނޑަށް ލިބޭތޯ މަސައްކަތް ކުރާ ހިތްވަނީ." އަމާޒު ނޫހަށް ދިން އިންޓަވިއުގައި ކުޅި ބަލާ މީހުން، އިދިކޮޅު ކުޅުންތެރިޔާއަށް މާބޮޑަށް ސަަޕޯޓް ކުރުމުން އެކަމުން އަސަރެއް ކުރޭތޯ ސުވަލު ކުރުމުން، ދުންތަރި އަހުމަދު މަނިކު ވިދާޅުވެފައި ވަނީ މިހެން އެވެ.

މީގެ 45 އަހަރު ކުރީގެ އެ އިންޓަވިއުއަށް ބާރު ދެއްވައި ސީވީޑް ލަތީފު ވިދާޅުވީ އިބްރާހިމް މަނިކު އަކީ އޭނާގެ ހުނަރު އިތުރު ކުރުމަށް ވަރަށް މަސައްކަތް ކުރާ ކުޅުންތެރިޔެއް ކަމަށެވެ.

"މޮޅު ކުޅުންތެރިޔެއްގެ އިތުރުން ވަރަށް ރަނގަޅު ޝަހުސިއްޔަތެއްވެސްމެ އެއީ، ވަރަށް އުޅުއްވުން ހުންނާނެ، އަމިއްލައަށް ކުރިއެރުމަށް ވަރަށް މަސައްކަތް ކުރާނެ." ދުންތަރި އިބްރާހިމް މަނިކުއާ ބެހޭގޮތުން ލަތީފު ވިދާޅުވި އެވެ.

ލަތީފު އާއި ދުންތަރި އަކީ ޑަބަލްސް އިވެންޓްގެ ޕެއާއެވެ. ވިކްޓަރީ ސްޕޯޓްސް ކުލަބަށް އޭރު ޓީޓީން ލިބުނު ގިނަ ކާމިޔާބުތައް ހޯއްދައި ދެއްވުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރެއްވި ކުޅުންތެރިންގެ ތެރޭގައި ދުންތަރި މަނިކު އާއި ސީވިޑް ލަތީފު ނުހިމެނިއެއް ނުދާނެ އެވެ.

"ދުންތަރި މަނިކުއަކީ އަޅުގަނޑުގެ ޕެއާ، ކުޅުއްވާ ވަގުތު ވަރަށް ސީރިއަސްކޮށް އެކަމަށް ސަމަާލުކަން ދެއްވާނެ." ލަތީފު ވިދާޅުވި އެވެ. ދުންތަރި މަނިކު ފާހަގަ ކުރެވެނީ ވަރަށް ކުރު މުއްދަތެއްގައި ޓީޓީގައި ހޭދަ ކުރައްވައި ބޮޑު މަޝްހޫރު ކަމެއް ހޯއްދެވި ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އޭނާ އެންމެ ފަހުން ޓީޓީ ކުޅުއްވީ 1982 ވަނަ އަހަރު އެވެ. އެ އަހަރު މުބާރާތުން އެއް ވަނަ ހޯއްދަވައި ޓީޓީ އާ އޭނާ ވަކިވެ ވަޑައިގެންނެވި އެވެ.


"އެ އަހަރު އިންޑޮނޭޝިއާގައި އޮތް މުބާރާތަކަށްވެސް ގައުމީ ޓީމުގައި ވަޑައިގެންނެވި، އެ މުބަރާތަށް ފަހު އަހަރުގެ ގައުމީ މުބާރާތް އޮތީ "މުބާރާތު ކާމިޔާބު ކުރެއްވުމަށް ފަހު ދުންތަރި ޓީޓީއާ ދުރައް ވަޑައިގެންނެވި،" ލަތީފު ވިދާޅުވެ ދެއްވި އެވެ.

އެ އަހަރުގެ މުބާރާތުގައި ލަތީފު ބައިވެރި ވެވަޑައި ނުގެންނެވުނެވެ. އޭނާ ހުންނެވީ ކޯހެއްގައި އިންޑިއާއަށް ގޮހެވެ. އެހެންވެ އެންމެ ފަހު މުބާރާތުގައި އޭނާގެ ޑަބަލްސް ޕެއާއާއެކު ކުޅުއްވުމުގެ ނަސީބެއް ލަތީފަކަށް ލިބިވަޑައި ނުގެންނެވި އެވެ. އެ މުބާރަތަކީ ދުންތަރި ފަހު މުބާރާތަށް ވާނެ ކަމަކަށް އެއްވެސް މީހަކު ހީއެއް ނުކުރެއެވެ.

ޓިޓީގެ އިތުރުން ބެޑްމިންޓަންވެސް ކުޅުއްވި ދުންތަރި މަނިކު ކުޅިވަރު ދޫކޮށްލެއްވުމަށް ފަހު ދެން ވަޑައިގެންނެވީ އެހެން ދާއިރާއަކަށެވެ. އޭނާ ވަޑައިގެންނެވީ ބޯޓް ދަތުރު ކުރެއްވުމަށެވެ. އެ ދަތުރަކީ ކުޅިވަރުގެ ދަނޑަށް އޭނާ އެކަނިކީ އަލްވަދާއެއް ނޫނެވެ. މުޅި ދިވެހި ގައުމު ސިއްސުވާލުމަށް ފަހު މި ކުޅިވަރު ޝަހުސިއްޔަތު އަހަރުމެންނާ ވަކިވެގެން ދިޔައީ އެވެ. އެ ވަކިވެ ދިއުން މުޅި ގައުމަށް ގެނުވީ ކުއްލި ސިހުމެކެވެ. އޭރު ރާއްޖޭގެ އެންމެ މަޝްހޫރު ކުޅިވަރު ޝަހްސިއްޔަތު ކުއްލި މަރުން މުޅި ގައުމު ސިއްސުވާލި އެވެ.

"އެއީ އަޅުގަނޑަށް އެންމެންނަށްވެސް ވަރަށް ބޮޑަށް ހައިރާންކަން ލިބުނު ޚަބަރެއް އަޅުގަނޑުވެސް ހުރީ އިންޑިއާގައި، އެ މަރު ތަހްގީގު ކުރުމަށް ރާއްޖެއިންވެސް ޓީމެއް ރާއްޖެއިން ބޭރަށް ދިޔަ، މުޅި ރާއްޖެއަށް ހައިރާކަން ގެނައި މަރެއް." އަނިޔާ ވެރިއެއްގެ އަތުން ނިމިގެން ދިޔަ ދުންތަރި މަނިކުގެ މަރާ ބެހޭގޮތުން ލަތީފު ވިދާޅުވެ ދެއްވި އެވެ.

އޭނާ އަވާހަރަވީ ފަހުން 36 އަހަރުވީ އެވެ. ނަމަވެސް ދިވެހި ޓީޓީގައި އޭނާގެ ނަމެއް ފަނޑެއް ނުވި އެވެ. ޓީޓީ އެސޯސިއޭޝަނުން މި ރޯދަ މަހު ފެށި މުބާރާތް "ދުންތަރި މަނިކު މެމޯރިއަލް" ޓީޓީ މުބާރަތަކީ ކޮންމެ އަހަރަކުވެސް ފޯރިގަދަ މުބާރާތެކެވެ. ދުންތަރި މަނިކުގެ އާއިލާ އާއި ޓީޓީ އެސޯސިއޭޝަން ގުޅިގެން ކުރިއަށްދާ މުބާރާތަކީ ޓީމު އިވެންޓްގެ އެންމެ ފޯރި ގަދަ މުބާރާތެވެ.

"މި މުބާރާތަުގައި އޮންނަނީ ޓީމުތަކެއް، ސިންގަލްސް އަދި ޑަބަލްސް ކުޅުންތެރިން ތަމްސީލު ކުރަނީ އެޓީމު، ސިންގަލްސް ކުޅުންތެރިޔާވެސް ކުޅެނީ އަނެއް ޓީމުގެ ސިންގަ؛ލްސް ކުޅުންތެރިޔާއާ ދެކޮޅަށް." ޓީޓީ އެސޯސިއޭޝަންގެ ޖެނަރަލް ސެކެޓްރީ އިސްމާއިލް ސުޖާއު ވިދާޅުވި އެވެ.

މުބާރާތް މިއަދުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. އޭނާގެ ނަމަށް ހާއްސަކޮށް މުބާރާތެއް، ޓީޓީގެ ކަލަންޑަރު ތެރޭގައި ހިމެނިގެން ދިއުމުން، އޭނާގެ ލެގަސީ ދިވެހި ޓީޓީން ފަނޑު ނުވާކަން ޔަގީންވެއްޖެ އެވެ. މިއީ އެ މުބާރާތް މެދު ނުކެނޑި ކުރިއަށްދާތާ 10 ވަނަ އަހަރެވެ. ޓީޓީގެ ދަނޑުން ވިދާލި ދުންތަރި އިބްރާހިމް މަނިކުގެ ލެގަސީ އަބަދަށްމެ ދެމި އޮންނާނެ އެވެ. އެ ހަނދާންތަކާ ޓީޓީގެ އާއިލާ ވަކިވެ ނުދާނެ އެވެ.