ކުޅިވަރު

ޒިދާންގެ ކުއްލި އިސްތިއުފާ، އެންމެންނަށް ހައިރާކަން

މިދިޔަ ތިން ސީޒަންގައި ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްދިން އެޓީމުގެ ލެޖެންޑް ޒައިނުއްދީން ޒިދާން ރެއާލްގެ ކޯޗު ކަމުން އިސްތިއުފާ ދީފި އެވެ.

ކުޅުންތެރިޔެއްގެ ގޮތުގައިވެސް ރެއާލް މެޑްރިޑަށް ކާމިޔާބު ހޯދައިދިން، ޒިދާން ރެއާލްގެ ކޯޗު ކަމާ ހަވާލުވީ 2016 ވަނަ އަހަރު ޖަނަވަރީ މަހު އެވެ. ސީޒަންގެ މެދު ތެރެއިން ރެއާލްގެ ކޯޗު ކަމާ ހަވާލުވީ، އޭރު ކޯޗަކަށް ހުރި ރަފާ ބެނިޓޭޒްއާ އެކު ހޯދަމުން ދަށް ނަތީޖާތަކުގެ ސަބަބުން އޭނާ ކޯޗު ކަމުން ވަކި ކުރުމަށް ފަހު އެވެ.

ޒިދާންގެ ފުރަތަމަ ސީޒަންގައި އޭނާ ވަނީ ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގް ހޯދައިދީފަ އެވެ. އަދި ދެހާސް ސަތާރަ ވަނަ އަހަރު އެ މުބާރާތް ރެއާލްއަށް ކާމިޔާބު ކޮށްދީ ޗެމްޕިއަންސް ލީގްގެ ޒަމާނީ ހަޔާތުގައި އެ މުބާރާތް ޖެހިޖެހިގެން ކާމިޔާބު ކުރި ފުރަތަމަ ކުލަބުގެ ޝަރަފު ރެއާލް އަށް ހޯދައިދިނެވެ. އަދި މި އަހަރުގެ ޗެމްޕިއަންސް ލީގް ހޯދުމާއެކު އޭނާ ވެފައި ވަނީ ޖެހިޖެހިގެން ތިން ފަހަރަށް ޗެމްޕިއަންސް ލީގް ހޯދި ފުރަތަމަ ކޯޗަށެވެ.

ރެއާލްގެ ކޯޗުގެ ގޮތުގައި ހޭދަ ކުރި ފުރަތަމަ ސީޒަންގައި ސްޕެނިޝް ލަލީގާ އާއި ޗެމްޕިއަންސް ލީގް ރެއާލް އަށް ހޯދައިދީ، އެ އަހަރުގެ ފީފާގެ މޮޅު ކޯޗުގެ އެވޯޑް އޭނާ ހޯދި އެވެ. އެ އެ ވޯޑާއެކު އޭނާ ވެފައި ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދި ދެ މީހުންގެ ތެރެއިން އެކަކަށެވެ.

"މި ޓީމު ދޫކޮށްލާ ވާހަކަ އިއުލާން ކުރުމަކީ އަހަންނަށް އުނދަގޫ ކަމެއް،" ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަމުން ޒިދާން ބުންޏެވެ. "ނަމަވެސް މިއީ އަހަންނަށް ހިތާމަވެރި ދުވަހެއް ނޫން."

ރެއާލްގެ ކޯޗު ކަން ޒިދާން ދޫކޮށްލާ ވާހަކަ އިއުލާން ކުރުމުން ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެވެ. ފްރާންސަށް 98 ވޯލްޑްކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ހޯދައިންދިން ޒިދާން ރެއާލްގެ ކޯޗުކަން ދޫކޮށްލުމުން ފްރާންސްގެ ޓީވީ ޗެނަލް "ފްރާންސް 24" އިން ވަނީ އޭނާ އަށް ހާއްސަ ކަވަރޭޖެއް ގެނެސްދީފަ އެވެ.