ހަބަރު

އިންތިހާބުގެ ކުރީގެ މަރުހަލާތައްދާ ގޮތުން އީޔޫއިން ކަންބޮޑުވެއްޖެ

ރާއްޖޭގެ ހާލަތު ދަނީ އިތުރަށް ދައްވަމުންދާ ކަމަށާއި ހާއްސަކޮށް އިންތިހާބުގެ ކުރީގެ މަރުހަލާތައްދާ ގޮތާމެދު ކަންބޮޑުވާ ކަމަށްބުނެ އީޔޫއިން ބަޔާނެއް ނެރެފި އެވެ.

އީޔޫން ނެރުނު ބަޔާނުގައި ބުނީ، ފްރާންސާއި ޖަރުމަނާއި އިޓަލީއާ ނެދަލޭންޑްސްއާ ރޮމޭނިއާ އިނގިރޭސިވިލާތާއި ކެނެޑާ އަދި އެމެރިކާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރުން ރާއްޖޭގެ އިންތިހާބުގެ ކުރިން ހިނގަމުންދާ ކަންކަންމާމެދު ކަންބޮޑުވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކަށް ސިޔާސީ ހަރަކާތް ހިންގުމަށް ފުރުސަތު ދިނުމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސް ކަމަށެވެ. އަދި އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަމަހަމަ ކަމާއެކު ހުރިހާ ފަރާތްތަކަށްދޭން ޖެހޭނެ ކަމަށާއި އެކަމަށް ކަމާބެހޭ މުއައްސަސާތަކުން އިހުތިރާމް ކުރުމަށްވެސް އީޔޫއިން ގޮވާލާފައި ވެއެވެ.

އީޔޫގެ ބަޔާނުގައި ވަނީ، ދެފުއް ފެންނަ ރިޔާސީ އިންތިހާބެއް ބޭއްވުމަށްވެސް ގޮވާލާފަ އެވެ. އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް މަގުފަހި ކުރުމަށްޓަކައި ރާއްޖޭގެ ހާލަތު ގާތުން ބަލަމުންދާނެ ކަމަށްވެސް އީޔޫގެ ބަޔާނުގައި ވެއެވެ.

އީޔޫ އިން މީގެ ކުރިން ވަނީ ސަރުކާރާއި ސަރުކާރުގެ އިސްވެރިންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފަ އެވެ.

އިންތިހާބާ ގުޅޭގޮތުން އީޔޫއިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އިއްޔެ އެމްޑީޕީގެ ފަރާތުން ބޭއްވި އެޕާޓީގެ ޕްރައިމަރީއަށް ފުލުހުން ވަނީ ހުރަސް އަޅާފަ އެވެ. އެގޮތުން ސިވިލް ކޯޓްގެ އަމުރަކާއެކު ޕްރައިމަރީ ހުއްޓުވަން ފުލުހުން މަސައްކަތް ކުރި ނަމަވެސް އެޕާޓީން ވަނީ ޕްރައިމަރީ ބާއްވާފަ އެވެ.

އެގޮތުން އިއްޔެ ބޭއްވި ޕްރައިމަރީގެ ވަގުތީ ނަތީޖާގައިވާ ގޮތުގައި އިއްޔެ މުޅި ރާއްޖެ އާއި ތިން ގައުމެެއްގައި ބޭއްވި ޕްރައިމަރީގެ ވޯޓްލުމުގައި އެ ޕާޓީގެ 44،011 މެންބަރުން ވަނީ ވޯޓްލައިފަ އެވެ. އޭގެ ތެރެއިން ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އާ އެކޭ ބުނެފައި ވަނީ 43،922 މެންބަރުން ކަމަށް އެ ޕާޓީ އިން ބުންޏެވެ. ނުފެންނަ ކަމަށް 14 ވޯޓްވަނީ ލައިފަ އެވެ. އަދި ބާތިލް 75 ވޯޓް ވަނީ ލައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް މީގެ ކުރިން ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ކުރިމަތިލުމުގެ ޝަރުތު ހަމަނުވާ ކަމަށާއި އެހެންކަމުން އެމަނިކުފާނު ވާދަކުރެއްވޭ ގޮތަށް ރިޔާސީ ޕްރައިމަރީ ބޭއްވުން ގާނޫނު އަސާސީ އާއި ގާނޫނުތަކާ ވެސް ހިލާފު ކަމެއް ކަމަށް ބުނެފަ އެވެ. އަދި އެކަން ކޮށްފި ނަމަ، އެމްޑީޕީއަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އީސީއިން ވަނީ ދީފަ އެވެ.