ހޮލީވުޑް

ކޭންސް ފެސްޓިވަލްގެ މޮޅު ފިލްމުން ސިހުން

ޝަރަފްވެރި ކޭންސް ފިލްމު ފެސްޓިވަލް އިއްޔެ ނިމުމަކަށް އައިއިރު މިފަހަރުގެ ފެސްޓިވަލަކީ ވެސް ގިނަ ބަޔަކު ސިއްސުވާލި 12 ދުވަހެވެ.

މި އަހަރުގެ ފެސްޓިވަލްގައި އެންމެ ގިނަ ބަޔަކު ސިއްސުވާލީ ޕަލްމެ ދޯ އެވޯޑް ނުވަތަ ފެސްޓިވަލްގެ ރަން ވަނަ ހާސިލުކުރި ފްރެންޗު ޑްރާމާ "ދީޕަން" އެވެ. މި ފިލްމަކީ ފްރާންސްގެ މަޝްހޫރު ޑައިރެކްޓަރު ޒެކް އޮޑާޑްގެ ފިލްމެއް ނަމަވެސް ފެސްޓިވަލްގެ މޮޅު ފިލްމުގެ ޝަރަފް މި ފިލްމަށް ލިބިދާނެ ކަމަކަށް މާ ގިނަ ބަޔަކު އުއްމީދެއް ނުކުރެ އެވެ.

އެހެން ނަމަވެސް އޮޑާޑް އަކީ ކޭންސް ފެސްޓިވަލް އާއި މިފަދަ ޝަރަފްވެރި އެހެން ފިލްމު ފެސްޓިވަލްތަކަށް ވެސް އާ މޫނެއް ނޫނެވެ. އޭނާ 2009 ވަނަ އަހަރު ގެނެސްދިން ފިލްމު "އަ ޕްރޮފެޓް" ވަނީ އެ އަހަރުގެ ކޭންސް ފެސްޓިވަލް ދެ ވަނަ އަށް އެންމެ މޮޅު ފިލްމުގެ އެވޯޑް ހާސިލުކޮށްފަ އެވެ.

މި ޑައިރެކްޓަރުގެ އާ ފިލްމު މި އަހަރުގެ ގޯލްޑެން ޕާމް ގެންދިޔައިރު އޭނާގެ އާ ފިލްމުގައި ދައްކުވައި ދެނީ ސްރީ ލަންކާގެ ދާޚިލީ ހަނގުރާމައިގެ ތެރެއިން ނުކުމެގެން ފްރާންސަށް ދާ ޓައިގަރު ހަނގުރާމަވެރިޔަކު ފްރާންސުން ހިމާޔަތް ހޯދުމަށް ކުރާ މަސައްކަތެވެ.

މި ފިލްމަށް އެއް ވަނަ ދިން ޖޫރީގެ ރައީސުންގެ ގޮތުގައި ތިބީ އެމެރިކާގެ މަޝްހޫރު ދެ ޑައިރެކްޓަރުން ކަމުގައިވާ ޖޮއެލް އާއި އީތަން ކޮއެން އެވެ.

މި ދެ ބެއިން ބުނެފައި ވަނީ އެމީހުންގެ ހޮވުމަކީ ފިލްމަށް ފާޑުކިޔާ މީހުންގެ ހޮވުމެއް ނޫން ކަމަށާއި ފިލްމުގެ އާޓަށް މަސައްކަތްކުރާ ބައެއްގެ ހޮވުމެއް ކަމަށެވެ.

ފެސްޓިވަލްގެ ދެ ވަނަ އަދި ޖޫރީންގެ ހޮވުމަކަށްވީ "ދަ ލޮބްސްޓާ" އެވެ.