ހަބަރު

އުރުނު ބޯޓުން މަސްތުވާތަކެތި ރަށްތަކަށް ލައްގަނީ

ހއ. އިންނަފިނޮޅުގެ ފަރަށް އެރި އީރާނުގެ ބޯޓްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ހުރި ކަމަށް ބެލެވިގެން ފުލުހުން އެ ބޯޓް ބަލައި ފާސްކުރަން ފަށައިފި އެވެ. ފަރަށް އަރާފައި އޮތް އެ ބޯޓަށް އެހީވުމަށް ކޯސްޓްގާޑުން މިއަދު ދާން ފެށުމުން އެ ބޯޓްގެ ފަޅުވެރިން ވަނީ ބޯޓްގައި ހުޅުޖެހުމަށް ފަހު ފިލަން މަސައްކަތް ކޮށްފަ އެވެ.

ރޭ ފަތިހުގެ ވަގުތެއްގައި އިންނަފިނޮޅު ފަރަށް ބޯޓެއް އަރައިގެން އުޅުނު މަންޒަރު ފެނުނީ އެއަތޮޅުން މަހަށް ނިކުމެ އުޅުނު މަސްވެރިންނަށެވެ. އެއާ އެކު އެކަން ކޯސްޓްގާޑަށް ރިޕޯޓު ކުރި އެވެ. ނަމަވެސް އެމްއެންޑީއެފް ރެސްކިއު ޓީމެއް ބޯޓާއި ދިމާލަށް ދިއުމުން އޭގައި ރޯކޮށްލުމަށްފަހު ފަޅުވެރިން ވަނީ ބޯޓުން ފުންމާލައިފަ އެވެ.

އޭގައި އަށް ފަޅުވެރިން ތިއްބެވެ. އެފަރާތްތައް މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފަ އެވެ.

ހއ. އުލިގަމު ކައުންސިލަރު އިމާދު އަބުދުﷲ ވިދާޅުވީ އެރަށަށް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓް ތަކެއް ލައްގަމުންދާ ކަމަށާއި ފުލުހުން ދަނީ އެސަރައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެރަށަށް މަސްތުވާތަކެތި ކަމަށް ބެލެވޭ ވަރަށް ގިނަ އަދަދަކަށް ޕެކެޓްތަކެއް ލައްގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ އިންނަފިނޮޅު ކައިރި އާއި ބޯޓްގެ ހަލާކުނުވެ އޮތް ބައިގެ ތެރޭގައި މަސްތުވާތަކެތި ހުރިތޯ ޔަގީން ކުރުމަށް ފުލުހުން އެ ސަރަހައްދާއި ބޯޓްގެ ތެރެެ ބަލަމުން އަންނަ ކަމަށެވެ. އަދި ބެލިބެލުމުން އެފަދަ ނިޝާންތައް ފެންނަން ހުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.