ހަބަރު

އެމްޑީޕީ ކޮންގްރެސް އަންނަ މަހު 29، 30 ގައި

އެމްޑީޕީގެ "އާދަޔާ ހިލާފު ކޮންގްރެސް" އެއް އަންނަ މަހު ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފި އެވެ.

އެމްޑީޕީން ބުނީ، މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ޕާޓީގެ އަސާސީ ގަވާއިދުގެ 24 ވަނަ މާއްދާ އާއި 28 ވަނަ މާއްދާގައި ބަޔާންކުރާ ކޮންގްރެސް އަންނަ ޖޫން މަހުގެ 29 އަދި 30 ވަނަ ދުވަހު ބޭއްވުމަށް ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް ބައްދަލުވުން ބާއްވާނެ ވަކި ތަނެއް އަދި ހާމައެއް ނުކުރެ އެވެ.

އިއްޔެ އެމްޑީޕީން ވަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ވެސް ބާއްވާފަ އެވެ. އަދި އެ ޕްރައިމަރީއަށް ފުލުހުން އިއްޔެ ވަނީ ހުރަސް އަޅާފަ އެވެ. އެގޮތުން ސިވިލް ކޯޓްގެ އަމުރަކާއެކު ޕްރައިމަރީ ހުއްޓުވަން ފުލުހުން މަސައްކަތް ކުރި ނަމަވެސް އެ ޕްރައިމަރީ ކުރިޔަށް ގެންދިޔަ އެވެ.

އެގޮތުން އިއްޔެ ބޭއްވި ޕްރައިމަރީގެ ވަގުތީ ނަތީޖާގައިވާ ގޮތުގައި އިއްޔެ މުޅި ރާއްޖެ އާއި ތިން ގައުމެެއްގައި ބޭއްވި ޕްރައިމަރީގެ ވޯޓްލުމުގައި އެ ޕާޓީގެ 44،011 މެންބަރުން ވަނީ ވޯޓްލައިފަ އެވެ. އޭގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އާނއެކޭ ބުނެފައި ވަނީ 43،922 މެންބަރުން ކަމަށް އެ ޕާޓީ އިން ބުންޏެވެ. ނުފެންނަ ކަމަށް 14 ވޯޓްވަނީ ލައިފަ އެވެ. އަދި ބާތިލް 75 ވޯޓް ވަނީ ލައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް މީގެ ކުރިން ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ކުރިމަތިލުމުގެ ޝަރުތު ހަމަނުވާ ކަމަށާއި އެހެންކަމުން އެމަނިކުފާނު ވާދަކުރެއްވޭ ގޮތަށް ރިޔާސީ ޕްރައިމަރީ ބޭއްވުން ގާނޫނު އަސާސީ އާއި ގާނޫނުތަކާ ވެސް ހިލާފު ކަމެއް ކަމަށް ބުނެފަ އެވެ. އަދި އެކަން ކޮށްފި ނަމަ، އެމްޑީޕީއަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އީސީއިން ވަނީ ދީފަ އެވެ.

އެމްޑީޕީން އަންނަ މަހު ޕްރައިމަރީ ބާއްވަން ނިންމާފައިވާއިރު ޖުމްހޫރީ ޕާޓީންވެސް ވަނީ އަންނަ މަހު ޕްރައިމަރީ ބާއްވާނެކަން އިއުލާާން ކޮށްފަ އެވެ. އެގޮތުން އެޕާޓީގެ ހިންގާ ކޮމިޓީގެ 112 ވަނަ ބައްދަލުވުމުގައި ކޮންގްރެސް ބޭއްވުމަށް ފާސްކޮށްފައިވަނީ އަންނަ ޖޫން މަހުގެ 21 އަދި 22 ވަނަ ދުވަހު ކަމަށެވެ. އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ނިންމާފައިވަނީ ޕެރެޑައިސް އައިލޭންޑް ރިސޯޓްގައި އެވެ.