ހަބަރު

އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތުން އެކުލަވާލާނީ ދޮޅު އަހަރު އިންތިގާލީ ސަރުކާރެއް

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއިން ރިޔާސީ އިންތިހާބަށް ތައްޔާރުކުރި މެނިފެސްޓޯގައި ދޮޅު އަހަރުގެ އިންތިގާލީ ސަރުކާރެއް ހިމަނައިފި އެވެ. މެނިފެސްޓޯގައި ލޯންޗުކުރީ އެމްޑީޕީގެ ތިންވަނަ ކޮންގްރެސްގަ އެވެ.

އއ. އުކުޅަހުގައި ކުރިއަށްދާ ކޮންގްރެސްގައި ލޯންޗުކުރި މެނިފެސްޓޯގައި ވަނީ މައިގަނޑު ފަސް ކަމެކެވެ. އެއީ ޖަޒީރާ ރާއްޖެ، ނޫ އިގްތިސޯދު، ފަހުރުވެރި އާއިލާ، އޯގާތެރި ސަރުކާރު އަދި އިންސާފެވެ.

މެނިފެސްޓީގައި ހިމެނޭ އިންސާފުގައި ހިމެނޭ ކަންކަން ތަމްސީލްކުރެއްވުމުގެ ގޮތުން މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ، އިންތި ވިދާޅުވީ، ޕާޓީތަކުން ޕްރައިމަރީތަކުގައި އިންތިހާބުކުރި އެ ޕާޓީތަކުގެ އެންމެ ތާއިދު ބޮޑު ބޭފުޅާ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ސަރުކާރުން ނިގުޅައިގެންފައިވާ ކަމަށެވެ.

އެފަދަ ބޭފުޅުންނަށް ފުރުސަތު ދިނުމަށްޓަކައި ދޮޅު އަހަރުގެ އިންތިގާލީ ސަރުކާރެއް ބޭނުންވާ ކަމަށް އިންތި ވިދާޅުވި އެވެ.

"ދޮޅު އަހަރަށް ދެމިގެންދާނެ ސަރުކާރަކަށް މި ސަރުކާރު ވާންޖެހޭނެ ކަމަށް އެމްޑީޕީއިން ގަބޫލުކުރަން، މި ދެންނެވި ދޮޅު އަހަރަކީ ރައްޔިތުން އިތުބާރު ކުރާނެ މުއައްސަސާތަކަކަށް ހަދާނެ، އަދި ޕާޓީތައް ހިމެނޭ ކޯލިޝަންތަކަށް ގާނޫނީ ބާރުވެރިކަން ލިބިގެން ދާނެ،" އިންތި ވިދާޅުވި އެވެ.

އެމްޑީޕީ މެނިފެސްޓޯގެ މުހިންމު ބައިތައް:

  • ޖަޒީރާ ރާއްޖެ: އެ އަތޮޅެއްގެ ގުރުދަތީ ވަސީލަތްތަކުގެ ފައިދާ ސީދާ އެ އަތޮޅަށް ލިބުން
  • ނޫ އިގްތިސާދު: އަމިއްލަ ވިޔަފާރިތައް ކުރިއަރުވަން އިސްކަން ދިނުން
  • ފަހުރުވެރި އާއިލާ: ދުޅަހެޔޮ ސިއްހަތެއްގައި އާއިލާތަކެއް ބިނާކުރުން
  • އޯގާތެރި ސަރުކާރު: ސިޔާސީ، އިޖުތިމާއީ ކަންކަމުގައި ހުރިހާ އެންމެންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް
  • އިންސާފު: އިންސާފުވެރި ފަނޑިޔާރުގެއެއް ގާއިމްކުރުން.

އިންތި ވިދާޅުވީ، ސިޔާސީ ހަލަބޮލި ކަމެއް ނެތި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައްޔިތުން ނުރުހޭ ވެރިކަންތައް އަވަހަށް ނިންމުމުގެ ފުރުސަތު ލިބޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ވެސް ގެންނާނެ ކަމަށެވެ.

ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ، ފަނޑިޔާރުގެތަކަށް ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށް ބޭރުގެ ތަޖުރިބާކާރު ފަނޑިޔާރުން ރާއްޖޭގެ ފަނޑިޔާރު ގެތަކުގައި މަސައްކަތް ކުރެވޭނެ ގޮތް ހަދާނެ ކަމަށެވެ. އެމްޑީޕީގެ ވެރިކަމެއްގެ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ދައުރު ތިން އަހަރުގެ މުއްދަތައް ކުޑަކުރާނެ ކަމަށެވެ.

އެ ކޮމިޝަނުގައި ފަނޑިޔާރުންނާއި މަގާމުގެ ހައިސިއްޔަތުން ވަޑައިގަންނަވާ ބޭފުޅުންގެ ބަދަލުގައި ތައުލީމީ ދިވެހި ރައްޔިތުން އައްޔަންކުރާނެ ކަމަށް ހިސާން ވިދާޅުވި އެވެ. ބާ ކައުންސިލް އުފައްދައި ވަކީލެއް އައްޔަންކުރެވޭނެ މާލީ ތަނަވަސްކަން ނެތް މީހުންނަށް ވަކީލުން ހޯދޭނެ އޮފީހެއް ވެސް ގާއިމުކުރާނެ ކަމަށެވެ.

ޖަޒީރާ ރާއްޖެއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި އެ އަތޮޅެއްގެ ގުރުދަތީ ވަސީލަތްތަކުގެ ފައިދާ ސީދާ އެ އަތޮޅަށް ލިބޭނެ ކަމަށެވެ. ރަށު ތަރައްގީގެ ކަންކަން ހިންގުމުގެ ހުރިހާ ބާރެއް ކައުންސިލްތަކަށް ދޭނެ ކަމަށެވެ. މިނިވަން އަދި ގާބިލް ކައުންސިލްތައް އުފައްދައި އިގްތިސާދީ މިނިވަންކަން ދޭނެ ކަމަށެވެ.

ނޫ އިގްތިސާދާ ގުޅޭ ގޮތުން ގައުމީ މަޖިލީހުގެ މެންބަރު ހަސަން ލަބީބު ވިދާޅުވީ އަމިއްލަ މީހުން އުފައްދާ ތަކެތީގެ އަގު މަތިކަން އެމްޑީޕީ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. ސަރުކާރުގެ ކުންފުނިތަކުގެ ހިއްސާ މަދުކޮށް އަމިއްލަ ވިޔާފާރިތަކުގެ ހިއްސާ ބޮޑުކުރަން މަސައްކަތް ކުރާނެ ކަމަށެވެ. ހުރިހާ ރަށެއްގައި އުފެދޭ ކުނިން މާލީ މަންފާއެއް ހޯދާނެ ގޮތާއި މަސްވެރިންގެ ސީދާ ޖީބަށް ޑޮލަރު ލިބޭނެ ގޮތް ވެސް ހަދާނެ ކަމަށެވެ.

ފަހުރުވެރި އާއިލާއާ ގުޅޭ ގޮތުން މެންބަރު އީވާ އަބްދުﷲ ވިދާޅުވީ، ދުޅަހެޔޮ ސިއްހަތެއްގައި އުޅޭ އާއިލާތަކެއް ހަދައި، ގޭތެރޭގައި އަންހެނުން ކުރާ މަސައްކަތްތައް ބަލައިގަނެވޭނެ ގޮތް ހަދާނެ ކަމަށެވެ. ޗުއްޓީތަކުގައި ގެސްޓް ހައުސްތަކަށް ގޮސް އުޅެލެވޭ ފަދަ އާއިލާތަކަށް ވެސް ހަދާނެ ކަމަށެވެ.

އޯގާތެރި ސަރުކާރާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ، ސިޔާސީ، އިޖުތިމާއީ ކަންކަމުގައި ހުރިހާ އެންމެންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް އެމްޑީޕީގެ ވެރިކަމުގައި ލިބޭނެ ކަމަށެވެ. މަސްވެރިންކަން ފަދަ މަސައްކަތްތައް ކޮށްފައިވާ މީހުންގެ އަގު ވަޒަންކުރުމުގެ ގޮތުން ޕެންޝަން ދެވޭނެ ކަމަށެވެ. އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއްގެ ގޮތުން ފޮއްޓެއް ދޭނެ ކަމަށާއި އެ ފޮށީގައި ކުއްޖާއަށް އެ ވަގުތަށް ބޭނުންވާ ތަކެތި ހުންނާނެ ކަމަށެވެ. މައިމީހާއަށް މުސާރަ ލިބޭ ގޮތަށް ހަ މަސް ދުވަހުގެ ޗުއްޓީއެއް އަދި ބައްޕައިންނަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށެވެ.