ހަބަރު

ރަނިންމޭޓަށް އެއްބަސްވީ ރިސްކެއް ނުނަގަން: ޑރ. ހުސެއިން

އއ. އުކުޅަހުން: ނާޒިމް ހަސަން
Jun 30, 2018
11

ޖުމްހޫރީ ޕާޓީން ކޯލިޝަންގެ ކެންޑިޑޭޓްކަން ދޫކޮށް، ރަނިންމޭޓަކަށް އެއްބަސްވީ އިންތިހާބާ ދިމާކޮށް އެއްވެސް ރިސްކެއް ނަގަން ބޭނުންނުވާތީ ކަމަށް އެ ޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުންދާ ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ރޭ ގުޅިފައިވާ ޕާޓީތަކުން ވަނީ އެއް ކެންޑިޑޭޓަކަށް އެއްބަސްވެ ގޮތްތަކެއް ނިންމާފަ އެވެ. އެގޮތުން އިދިކޮޅު އެއް ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓް ނެރެ، ރަނިންމޭޓްކަން ޖުމްހޫރީ ޕާޓީގެ ބޭފުޅަކަށް ދޭން ވަނީ ނިންމާފަ އެވެ.

އެމްޑީޕީގެ ކޮންގްރަހުގެ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އއ. އުކުޅަހަށް ވަޑައިގެން އުޅުއްވާ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ހުސެއިން ރަޝީދު ވިދާޅުވީ، ޖުމްހޫރީ ޕާޓީއިން ރަނިންމޭޓް ކަމަށް އެއްބަސްވުމަކީ އެ ޕާޓީން ތަކުރާރުކޮށް ބުނަމުން އައި މިއީ ޖުމްހޫރީ ޕާޓީގެ ފަހަރު ކަމަށް ބުނާ ބުނުން ބަދަލުކުރުން ނޫން ކަމަށެވެ.

ހުސެއިން ރަޝީދު ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުން އުފައްދާ ސަރުކާރަކީ ގުޅިގެން އެކުގައި މަސައްކަތް ކުރާ ގައުމުގެ މަސްލަހަތަށް އިސްކަންދީ ރައްޔިތުންގެ އުއްމީދުތައް ފުރިހަމަކޮށްދޭ ސަރުކާރެއް ހަދަންޖެހޭ ކަމަށެވެ. އެގޮތަށް އެކަން ނުކުރެވިއްޖެނަމަ އެއީ އިދިކޮޅު ޕާޓީތަކުގެ ފެއިލީއަކަށް ވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިބުނާ ޖޭޕީގެ ފަހަރޭ ބުނާ ބުނުމަކީ ޖޭޕީއަށް ވެސް ގުޅިގެން އުފައްދާ ސަރުކާރެއްގެ މުހިންމު ރޯލެއް އޮވެފަ، އަޅުގަނޑުމެންނަށް ވެސް އެއީ އަޅުގަނޑުމެންގެ ސަރުކާރެއްކަން އަޅުގަނޑުމެންނަށް ބައިވެރިވެވޭ ސަރުކާރެއްކަން އިހްސާސްވުން، މި ދައްކަނީ މުޅި ކޭކް އެއްކޮށް އަޅުގަނޑުމެންނަށް ލިބޭ ވާހަކައެއް ނޫން، މި ދައްކަނީ އަޅުގަނޑުމެންނަށް ވެސް ބައިވެރިވެވިފަ އަޅުގަނޑުމެންނަށް ވެސް އެއީ ހިއްސާއެއް އޮންނަ ސަރުކާރަކަށްވުން،" ހުސެއިން ވިދާޅުވި އެވެ.

ހުސެއިން ރަޝީދު އިތުރަށް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ރަނިންމޭޓަކު ހުރެގެން އިންތިހާބު ކާމިޔާބުވެއްޖެނަމަ އެއީ ޖުމްހޫރީ ޕާޓީގެ ފަހަރަށްވާނެ ކަމަށެވެ.

އެމްޑީޕީއަށް ވެސް ޖުމްހޫރީ ޕާޓީއަށް ވެސް ވަކިން ކުރިމަތިލައިގެން ކާމިޔާބު ކުރެވޭނެ ދުވަހެއް އަތުވެދާނެ ކަމަށާއި ނަމަވެސް މިވަގުތަކީ ވަރަށް ނާޒުކު ދަނޑިވަޅެއް ކަމަށެވެ. ޕާޓީތަކުގެ އެންމެ އަސާސީ މަގުސަދަކީ މި ސަރުކާރުގެ އަނިޔާވެރިކަން ނިންމުން ކަމަށް ހުސެއިން ވިދާޅުވި އެވެ.

"ރައްޔިތުން ސަލާމަތްކޮށް އެމީހުން އުއްމީދުކުރާ ފަދަ ވެރިކަމެއް ހޯދައިދިނުމަކީ ޕާޓީތަކުގެ އަމާޒު، މިކަން އެންމެ ރަނގަޅަށް ކުރެވޭނީ ހުރިހާ ބޭފުޅުން ވެސް ދެކޭ ގޮތުގައި ގުޅިގެން އެކުގައި ނުކުމެ އަޅުގަނޑުމެން ކެމްޕެއިންކޮށްގެންކަން، ވަކިވަކިން ކުރީމަ ވަރަށް ބޮޑު ރިސްކު އެބަ އޮތް އަޅުގަނޑުމެން ފެއިލްވެގެން ދިޔުން، އަޅުގަނޑުމެން އިންތިހާބު ކާމިޔާބުކުރުން އެއީ ރިސްކުކުރާ ކަހަލަ ކަމެއް ނޫން، އެ ފުރުސަތު ދޭކަށް އަޅުގަނޑުމެން އެއްވެސް ވަރަކަށް ބޭނުމެއް ނޫން،" ހުސެއިން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން ރަނިންމޭޓަކަށްވުމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި މިހާރު އެކަން ހާމަކުރައްވަމުން ދިޔަ ނަމަވެސް ޕާޓީގެ ކައުންސިލާ ހަމައަށް އަދި އެއްވެސް ނަމެއް ނާންނަ ކަމަށް ހުސެއިން ވިދާޅުވި އެވެ. ރަނިންމޭޓެއް ހޮވާނީ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު މަޝްވަރާކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.

"ދަންމަ ދަންމާ ތިބޭ ކަހަލަ ކަމެއް ނޫން މިއީ، ވަރަށް އަވަހަށް އަޅުގަނޑުމެން މިކަމުގައި ގޮތެއް ނިންމާނަން،" ހުސެއިން ވިދާޅުވި އެވެ.

ހުސެއިން ވަނީ އެމްޑީޕީގެ ކެންޑިޑޭޓަކަށް ވާނެ ކަމަށް ބެލެވޭ އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ތައުރީފް ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އިބޫއަކީ ކަަމަށް ގާބިލް، ތަޖުރިބާކާރު ބޭފުޅެކެވެ. ކެންޑިޑޭޓަކަށް އިބޫ ވަރަށް ރަނގަޅު ކަމަށް ވެސް ވިދާޅުވި އެވެ.