އަހަރެން ވެސް "#ތަބަކާ ދެކޮޅު"، މިއީ މިވަގުތު ޓްވިޓާގައި ގިނަ ބަޔަކު ބުނަމުންދާ ވާހަކައެކެވެ. އަޑު ގަދަވަމުންދާ ކެމްޕެނެކެވެ.
މި ކެމްޕެއިން ފަށާފައިވަނީ ޒުވާނުންނެވެ. އެއީ އަންނަ އަހަރުގެ މާޗް މަހުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ޕާޓީތަކުން ޑިމޮކްރަޓިކް އުސޫލާ ހިލާފަށް "ތަބަކަކަށްލާފައި" ބައެއް މެންބަރުންނަށް ޓިކެޓް ދޭން އުޅޭތީ އެކަމާ ނުރުހުން ފާޅުކުރުމަށެވެ. --- "ތަބަކަކަށްލާފައި" ޓިކެޓް ދިނުމަކީ ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމެވެ.
ރައްޔިތުންގެ މަޖިލީހަށް ޕްރައިމަރީ ބާއްވާނެކަން އިއުލާން ކޮށްފައިވަނީ ހަމައެކަނި އެމްޑީޕީއިންނެވެ. ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީގެ ވިސްނުން އަދި ހާމައެއް ނުކުރެ އެވެ. އިދިކޮޅު ޕީޕީއެމްއިން ވެސް ވަނީ ޕްރައިމަރީއެއް ނެތި ޓިކެޓްތައް ބަހާލަން ނިންމާފަ އެވެ.
ޓްވިޓާގައި ކެމްޕެއިން ކުރަމުންދާ ޒުވާނުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވަނީ ޑިމޮކްރަސީގެ ނަމުގައި ވެރިކަމަށް އައި ކޯލިޝަން ތެރޭގައި އެ އުސޫލުން ބޭރުން އަމަލުކުރާތީ އެވެ. ކޯލިޝަންގެ ލީޑަރެއް ކަމަށްވާ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ މަޖިލީހުގެ ގޮނޑީގެ މައްސަލަ ޖެހުނު 12 މެންބަރުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދޭން އެއްބަސްވެފައިވާކަން ހާމަ ކުރައްވާފަ އެވެ.
އޭރު އެ 12 މެންބަރުންގެ ތެރެއިން ގިނަ މެންބަރުން މަސައްކަތް ކުރައްވަމުން ގެންދެވީ ރައީސް މައުމޫންގެ އެމްއާރްއެމްގެ ތެރެއިންނެވެ. އެ މެންބަރުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދޭން ނިންމާފައިވާކަން ހާމަވުމާއެކު ވެސް ބޮޑެތި ފާޑުކިޔުންތައް ކޯލިޝަނަށް އަމާޒުވި އެވެ. މިހާރު އޭގެ ތެރެއިން ގިނަ މެންބަރުން ވަނީ ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގެންފަ އެވެ. އޭގެ އިތުރުން ބައެއް ޕީޕީއެމް މެންބަރުން ވެސް އެ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.
އެ މެންބަރުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަމުން ދަނީ ޓިކެޓް ދޭނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ ތެރެއިން ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެސް ބުރަ މަސައްކަތްތަކެއް ކުރި ގިނަ ޒުވާނުން އެބަ ތިއްބެވެ. މަޖިލީހަށް ޝައުގުވެރިވާ ޒުވާނުން ވެސް އެބަ ތިއްބެވެ. ކުއްލިއަކަށް ޕާޓީއަށް ގުޅޭ މެންބަރުންނަށް ޓިކެޓް ދޭން ހަދައިގެން އެ ޒުވާނުންނަށް ފުރުސަތު ގެއްލުމަކީ ކަންބޮޑުވުމެކެވެ.
މިފަހަރު މަޖިލީހަށް ކުރިއަށްވުރެ ގިނައިން ޒުވާނުން ދަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. ޒުވާނުން ބޭނުން ވަނީ މަޖިލިސް އެއްކޮށް ބަދަލުކުރާށެވެ. ނިމިގެންމިދާ މަޖިލީހުގެ އެއްވެސް މެންބަރަކަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ހައްގު ނުވާ ކަމަށް އެ ޒުވާނުން ދެކެ އެވެ.
"ނިމިގެން މިދާ މަޖިލީހަކީ އެންމެ ކަޅު މަޖިލިސް، ޑިމޮކްރަސީއާ ބީރަށްޓެހި އެތައް އަމަލެއް އެތާ ހިނގައި ދިޔަ، ބައެއް މެންބަރުން ތިބީ ބަލަން، އަނެއް މެންބަރުން ތިބީ ދުރުގައި، އަނެއް މެންބަރުން އެކަންކަމުގައި ބައިވެރިވީ، އެހެންވީމަ އެއިން އެއްވެސް މެންބަރަކަށް އެފަދަ ފަސޭހަ ފުރުސަތުތަކެއް ދޭން ނުޖެހޭ،" ޒުވާނަކު ބުންޏެވެ.
ބައެއް ޒުވާނުން ވަނީ އިންތިހާބެއް ނުވަތަ ވޯޓު ފޮށި ދެކެ ބިރުގަންނަ ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ހޯދަން ނޫޅުމަށް ވެސް މިހާރު މަޖިލީހުގައި ތިއްބެވި މެންބަރުންނަށް ގޮވާލާފަ އެވެ.
"ޕްރައިމަރީގައި ވާދަކުރަން ބިރުން ޖެހިލުންވާތީ ގޮސް ތަބަކަށްލާފައި ޓިކެޓް ދޭ މީހާގެ ނިވާފަތްގަނޑަކަށް ވަންނަ މީހާ ރައްޔިތުންނަށް އިހްލާސްތެރިއެއް ނުވާނެ،" އިއްޒަތު ހަސަން ކިޔާ ޒުވާނަކު ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހަކީ ކޯލިޝަންގެ މެދުގައި ފަޅާ ކޭކަށް ހަދައިގެން ނުވާނެ ކަމަށް ވެސް ދަނީ ބުނަމުންނެވެ.
"ރައްޔިތުންގެ މަޖިލީހަކީ ކޯލިޝަން ލީޑަރުން ބޭނުންވާ ގޮތަށް ފަޅަން އޮންނަ ކޭކްއަކަށް ހަދައިިގެން ނުވާނެ، ކެބިނެޓް ކަނޑައެޅީ ކޯލިޝަން، ރައްޔިތުންގެ މަޖިލިސް ކަނޑައެޅުން ރައްޔިތުންނަށް ދޫކޮށްލާ، އެތައް ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމާ ދެކޮޅު،" ވިލިމާލެ ދާއިރާއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އެމްޑީޕީގެ ހަމް ވަހީދު ޓްވިޓާގައި ވިދާޅުވެފައިވެ އެވެ.
ޓިކެޓްގެ ޔަގީންކަމާއެކު ޖުމްހޫރީ ޕާޓީއަށް މަޖިލީހުގެ މެންބަރުން އިތުރުކުރަމުންދާއިރު، ކޯލިޝަންގެ މެދުގައި އަދި ދާއިރާތައް ބަހާނެ ގޮތާމެދު އެއްބަސްވެފައެއް ނުވެ އެވެ. ބާރަ މެންބަރުންނަށް ޕްރައިމަރީއަކާ ޓިކެޓް ދިނުމާ އެމްޑީޕީއިން ދެކޮޅެވެ. އެމްޑީޕީއިން ވަނީ ޓިކެޓް ދިނުމުގެ ބަދަލުގައި އެ 12 މެންބަރުން ޕާޓީއަކާ ގުޅިއްޖެނަމަ އެ ޕާޓީއަކަށް އެ ދާއިރާ ދިނުމުގެ ހިޔާލު މަޝްވަރާ ކޮމެޓީއަށް ހުށަހަޅާފަ އެވެ. ނަމަވެސް އެކަމާމެދު އަދި ގޮތެއް ނުނިމެ އެވެ.
އިދިކޮޅު ލީޑަރުން ވިދާޅުވެފައިވާ ގޮތުގައި މަޖިލިސް އިންތިހާބަށް ޕާޓީތަކުން ނުކުންނާނީ އެކުގަ އެވެ. ކޯލިޝަނަށް ކާމިޔާބު ބޮޑީ އެގޮތަށް ކަމަށް ލީޑަރުން ދެކެ އެވެ. ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް ވަނީ އެމްޑީޕީއިން ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ތާއިދުކޮށްފަ އެވެ. އަންނަ ހުކުރު ދުވަހު އެމްޑީޕީއިން ގޮތެއް ނިންމާނެ އެވެ.