އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ކާމިޔާބު ހޯދުމަށް އެންމެ އިސް އެކްޓިވިސްޓްގެ ގޮތުގައި ކެމްޕެއިނުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ކޮންގްރެސްގެ ރަސްމީ އެޖެންޑާއިން ބޭރުން ދެއްވި މެސެޖެއްގަ އެވެ.
އއ. އުކުޅަހުގައި ބާއްވާ ކޮންގްރެސްގެ މެދު ތެރެއިން ރައީސް ދެއްވި މެސެޖްގައި ވިދާޅުވީ، އެމަނިކުފާނަށް ދެއްވާފައިވާ ޕާޓީގެ ރިޔާސީ ޓިކެޓާ ގުޅޭ ގޮތުން އިތުރު ގޮތެއް ނިންމުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ކޮންގްރެސްގެ ތެރޭގައި ގޮތެއް ނިންމައި އެހެން ބޭފުޅަކު ކެންޑިޑޭޓެއްގެ ގޮތުގައި ހޮވުމަށް އެދިވަޑައިގެންނެވި އެވެ.
ރައީސް ނަޝީދު ޕާޓީގެ ރިޔާސީ ޓިކެޓް ދޫކޮށްލެއްވުމަށް ނިންމެވީ އެމަނިކުފާނަށް އިލެކްޝަން ކޮމިޝަނުން ފުރުސަތު ނުދެއްވާނެކަން މެންބަރުން ޔަގީންވެ އެމްޑީޕީގެ ކެންޑިޑޭޓެއް ނުހުރެދާނެ ކަމުގެ ކަންބޮޑުވުން އިންތިހާއަށް މެންބަރުންގެ އޮތުމުންނެވެ.
"އަޅުގަނޑު އެދެނީ އެހެން ބޭފުޅަކު ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅުން، އަޅުގަނޑަށް ކުރިމަތިލެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ އެ މަސައްކަތް އަޅުގަނޑު ކުރާނެ ކަމުގެ ޔަގީންކަން އަރުވަން، އެހެން ނަމަވެސް މިހިނދު މިވަގުތަށް އަޅުގަނޑު ކޮންގްރެސްގެ ކިބައިން އެދެނީ އަޅުގަނޑުގެ ބަދަލުގަ ރިޔާސީ އެހެން ކެންޑިޑޭޓެއް ހަމަޖައްސަވާފަ ބަހައްޓަން،" ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ސިޔާސީ ހަރަކާތްތަކުން ދުރަކަށް ނުދަން، އަޅުގަނޑު އެމްޑީޕީގެ ހަރަކާތްތަކުން ދުރަކަށް ނުޖަހަން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އެންމެ ބޮޑަށް މަސައްކަތް ކުރާނެ އެއް އެކްޓިވިސްޓަކީ އަޅުގަނޑު، އަޅުގަނޑަށް ވީވަރަކުން އަޅުގަނޑުމެންގެ ކެންޑިޑޭޓަށް ކާމިޔާބު ހޯދުމަށް މަސައްކަތް ކުރާނަން،"
ނަޝީދު އިތުރަށް ވިދާޅުވީ، މި އިންތިހާބަށް ރާއްޖެ ނުކުންނަނީ ހުރިހާ ސިޔާސީ ޕާޓީއެއްގެ ވެރިން ހިފައި ހައްޔަރުކޮށް ނިޒާމްތައް ގަނޑުބަނޑުކޮށްފައިވާ ހާލަތެއްގަ ކަމަށެވެ. އެހެންވެ ކުރިއަށް އޮތް އިންތިހާބުގައި ދިވެހިން ނިންމާ ނިންމުމަކީ ރައީސް އަބްދުﷲ ޔާމީން ދުރުކުރުމަށް ނިންމާ ނިންމުމެއް ކަމަށެވެ.
އެމްޑީޕީގެ ކޮންގްރެސް ކުރިއަށްދާއިރު ރައީސް ނަޝީދުގެ ބަދަލުގައި އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ޓިކެޓް ދޭން ނިންމާނެ ކަމަށް ބެލެވެ އެވެ.