ހަބަރު

ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން ނަޝީދު ނިންމަވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވައި އިދިކޮޅު ޕާޓީތަކަށް އެކަން ހިއްސާކުރައްވައިފި އެވެ. އެމަނިކުފާނު އެކަން އިއުލާން ކުރެއްވީ ޖޮއިިންޓް ޕީޖީ ގްރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގަ އެވެ.

ނަޝީދުގެ މެސެޖްގައި ވިދާޅުވެފައި ވަނީ، އެ މަނިކުފާނު އެގޮތަށް ނިންމެވީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ވާދަ ކުރައްވަން މަސައްކަތް ކުރައްވައިފި ނަމަ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތި، އެކަމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއަށް ގެއްލިދާނެތީ އެކަމަށް ފުރުސަތު ނުދެއްވުމަށެވެ. ނަޝީދު ވިދާޅުވީ، އެކަން އެމްޑީޕީގެ މެންބަރުންނާ ރަސްމީކޮށް ހިއްސާ ކުރައްވާނީ މާދަމާ އއ. އުކުޅަހުގައި ބާއްވާ އެ ޕާޓީގެ ކޮންގްރެސްގަ އެވެ.

އަޑުފެތުރުފައިވާ ގޮތުގައި، ނަޝީދު އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލެއްވުމަށް ފަހު ދެން ރިޔާސީ ޓިކެޓް ހަވާލު ކުރާނީ އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ކެމްޕޭން ހަރަކާތްތައް ފެށުމުން އިދިކޮޅު ޕާޓީތަކުގެ މެދުގައި މިފަހުން މައްސަލަ ގޯސްވި އެވެ.

މަސްލަހަތަށް ބައްލަވާ ނަޝީދު ނިންމެވި ނިންމުމާ ގުޅިގެން އިދިކޮޅު މެންބަރުންގެ ތައުރީފް ވަރަށް ބޮޑަށް ނަޝީދު ވަނީ ލިބިފަ އެވެ. އެގޮތުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ނަޝީދު ނިންމެވުން ސިފަ ކުރެއްވީ ހިތްވަރު ގަދަ ނިންމުމެއްގެ ގޮތުގަ އެވެ.

ރައީސް ނަޝީދަށް އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގެންނެވީ ޕްރައިމަރީގައި ވާދަކުރައްވައި ވަރަށް ބޮޑު ތާއިދަކާއެކު އެވެ. ނަމަވެސް އެ ޕްރައިމަރީއަކީ ގާނޫނާ ހިލާފު ޕްރައިމަރީއެއް ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި އެމަނިކުފާނުގެ ކެމްޕެއިނަށް ވެސް ފުލުހުން ވަނީ ހުރަސް އަޅާފަ އެވެ.

އެ ސަބަބުތަކާހުރެ އެމްޑީޕީގެ ކެންޑިޑޭޓެއް އަންނަ ރިޔާސީ އިންތިހާބުގައި ނެތި ދާނެ ކަމުގެ ބިރު ބައެއް އާންމު މެންބަރުންގެ އޮތެވެ. ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ނުކުރެއްވެނީ އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމާ ގުޅިގެންނެވެ. އޭގެ އިތުރުން ސިޔާސީ ހިމާޔަތް ހޯދައިގެން އުޅޭ މީހުންނަށް ވާދަ ނުކުރެއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.