ހަބަރު

ނަޝީދާ ބައްދަލުކުރަން އިބޫ ލަންކާއަށް ވަޑައިގެންފި

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރެއްވުމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އަވަށްޓެރި ސްރިލަންކާއަށް މިއަދު ވަޑައިގެންފި އެވެ.

އިތުބާރު ހުރި ފަރާތްތަކުން މައުލޫމާތު ދިން ގޮތުގައި އިބޫ ލަންކާއަށް ފުރާވަޑައިގެންނެވީ މިއަދު ހަވީރެވެ. މިރޭގެ ވަގުތެއްގައި ރައީސް ނަޝީދާއި އިބޫ ބައްދަލުކުރައްވާނެ ކަމަށްވެ އެވެ. މީގެކުރިން ވެސް ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށް އިބޫ ލަންކާއަށް ވަޑައިގެންފައިވެ އެވެ.

މިފަހަރު އިބޫ، ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށް ލަންކާއަށް ވަޑައިގެންފައިމިވަނީ މި މަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް އިބޫއަށް ދޭން ނިންމާފައިވާ ކަމަށް އަޑުތައް ފެތުރިފައިވަނިކޮށެވެ.

އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައި ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދައްވާފައިވީ ނަމަވެސް އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެކަން އިލެކްޝަން ކޮމިޝަނުން ވަނީ އަންގާފަ އެވެ. އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ވިސްނުން މިހާރު ހުރީ އިތުރަށް ވަގުތު ގެއްލުވާނުލާ ވާދަ ކުރެއްވޭ ކެންޑިޑޭޓަކާއެކު ކެމްޕެއިން ފެށުމެވެ. އެކަމަށް ރައީސް ނަޝީދު ވެސް އެއްބަސްވެވަޑައިގަންނަވާ ކަމަށްވެ އެވެ.

މިކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ރަސްމީ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.

ބެލެވޭ ގޮތުގައި އއ. އުކުޅަހުގައި ބާއްވާ އަދާޔާ ހިލާފު ކޮންގްރެސްގައި އެމްޑީޕީގެ އަސާސީ ގަވައިދަށް ބޮޑު ބަދަލުތަކެއް ގެންނާނެ އެވެ. ޕްރައިމަރީގައި ކާމިޔާބު ހޯދާ ފަރާތަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ގޮތް ވެއްޖެނަމަ ހަދާނެ ގޮތެއް މިހާރު އެމްޑީޕީއަކު ނެތެވެ. އެކަމަށް ގޮތްތަކެއް ހޯދައި ގަވައިދަށް އަކުރެއް ނުތައް މާއްދާއެއް އިތުރު ކުރުމަކީ ކޮންގްރެސްގެ މަގުސަދު ކަމަށް ބެލެވެ އެވެ. އިތުރު ޕްރައިމަރީއެއް ބާއްވާނެ ވަގުތު ނެތްނަމަ ކެންޑިޑެސީ ހަވާލު ކުރާނެ ފަރާތެއް ހޮވުމުގެ ބާރު ޕާޓީގެ ގައުމީ މަޖިލީހަށް ދީފާނެ ކަމަށް ވެސް ބެލެވެ އެވެ.