ހަބަރު

ފުރިހަމަ އަގުލަބިއްޔަތާއެކު އިބޫއަށް އެމްޑީޕީގެ ޓިކެޓް ދޭން ފާސްކޮށްފި

އއ. އުކުޅަހުން: ނާޒިމް ހަސަން
Jun 30, 2018
8

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޓިކެޓް ދޭން އެ ޕާޓީގެ ކޮންގްރެސްއިން ފާސްކޮށްފި އެވެ. އެގޮތަށް ފާސްކުރީ މިހާރު އއ. އުކުޅަހުގައި ކުރިއަށްދާ ޕާޓީގެ އަދާޔާ ހިލާފު ކޮންގްރެސްގަ އެވެ.

އިބޫއަށް ޓިކެޓް ދޭން ފާސްކުރީ ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރައްވައި ޓިކެޓް ކާމިޔާބު ކުރެއްވި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ޓިކެޓް ދޫކޮށްލައްވާފައިވާކަން ކޮންގްރެސްއަށް އަންގަވާފައިވާތީ އެވެ. އިބޫއަށް ޓިކެޓް ދޭން ފާސްކުރީ އެމްޑީޕީގެ އަސާސީ ގަވައިދަށް ބަދަލުތަކެއް ވެސް ގެނައުމަށްފަހު އެވެ.

ކޮންގްރެސްގައި އަސާސީ ގަވައިދަށް ބަދަލު ގެނެސްފައިވަނީ ޕްރައިމަރީގައި ކާމިޔާބު ހޯދާ ފަރާތަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ގޮތް ވެއްޖެނަމަ ހަދާނެ ގޮތެއް އެމްޑީޕީގައި މިހާރު ނެތުމުންނެވެ.

އެ ޕާޓީއަށް ކުރިމަތީ އެ ހާލަތެވެ. އެމްޑީޕީއިން ބޭއްވި ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ހޯއްދަވައިގެން ޓިކެޓް ހޯއްދަވާފައިވަނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރުމަށް ގާނޫނީ ގޮތުން މަގުތައް ބަންދުވެފައިވާތީ އެމަނިކުފާނު ވަނީ ޓިކެޓް ދޫކޮށްލެއްވުމަށް ނިންމަވާފަ އެވެ.

އިންތިހާބަށް ކުރިމަތިލާން ހުޅުވާލަން ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު އިތުރު ޕްރައިމަރީއެއް ބާއްވާނެ ވަގުތެއް މިހާރު އެމްޑީޕީއަކަށް ނެތެވެ. އެހެންވެ އެ ޕާޓީން ނިންމާފައިވަނީ ކޮންގްރެސްގައި އަސާސީ ގަވައިދަށް ބަދަލު ގެނެސްގެން ހައްލު ހޯދުމަށެވެ.

އަސާސީ ގަވައިދަށް ގެނައި ބަދަލުގައިވާ ގޮތުން އިތުރު ޕްރައިމަރީއެއް ބާއްވާނެ ވަގުތު ނެތްނަމަ ކެންޑިޑެސީ ހަވާލު ކުރާނެ ފަރާތެއް ހޮވުމުގެ ބާރު ޕާޓީގެ ކޮންގްރެސްއަށް ލިބޭނެ އެވެ. ކޮންގްރެސްއަށް ނަމެއް ހުށަހެޅި ތާއިދު ލިބިއްޖެނަމަ އެމީހަކަށް ޓިކެޓް ހަވާލުކުރާނެ އެވެ.

އެގޮތުގެ މަތިން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ނަން ހުށަހެޅުމަށް ހުށަހެޅުމުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ގަރާރެއް ހުށަހަޅުއްވާފަ އެވެ. އޭނާ ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި އިބޫގެ ނަން ހުށަހަޅާ ކަމަށެވެ.

އިބޫގެ ނަން ކެންޑިޑޭޓެއްގެ ގޮތުގައި ހުށަހެޅި ނަމަވެސް އިލެކްޝަން ކޮމިޝަނުން އިންތިހާބަށް ކުރިމަތިލާން ހުޅުވާލާ މުއްދަތު ހަމަވުމުގެ ކުރިން ރައީސް ނަޝީދަށް އެއްވެސް ފުރުސަތެއް ލިބިއްޖެނަމަ ކެންޑިޑޭޓަކީ ރައީސް ނަޝީދު ކަމަށް ވެސް ގަރާރުގައި ވަނީ ބުނެފަ އެވެ. އެ ގަރާރު ކޮންގްރެސްއިން ފާސްކޮށްފައިވަނީ ކޮންގްރެސްގައި ބައިވެރިވި 791 މަންދޫބުންގެ ފުރިހަމަ އިއްތިފާގުންނެވެ.

ގަރާރު ހުށަހެޅުމާއެކު ކޮންގްރެސްގެ ގިނަ މަންދޫބުންގެ ތާއިދު ލިބުނެވެ. އަދި އެކަމާ ގުޅޭ ގޮތުން ބަހުސް ކުރުމަށް ހުޅުވާލުމުން ގިނަ މަންދޫބުން ބަހުސް ކުރެއްވި އެވެ. އެގޮތުން މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، އެ ގަރާރަށް ވަރަށް ބޮޑަށް ރުހޭ ކަމަށެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ރައީސް ނަޝީދަށް ކުރިމަތިލެއްވޭތޭ އެމަނިކުފާނުގެ ފަހަތުގައި ތިއްބަވާނެ ކަމަށާއި އެކަމަކު ސަރުކާރުގެ އަނިޔާއަށް ބޯނުލެނބުމަށް އިބޫ ކެންޑިޑޭޓެއްގެ ގޮތުގައި ނެރެނީ ކަމަށެވެ. އިބޫއަކީ ރައީސް ނަޝީދުގެ ފަހަތްޕުޅުން ރައީސް އަބްދުﷲ ޔާމީން ބަލިކުރައްވައި ވެރިކަމަށް ވަޑައިގަންނަވާނެ ބަތޮލެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އިބޫއަކީ މިވަގުތަށް އެންމެ އެކަށޭނަ ކެންޑިޑޭޓް ކަމަށާއި އިބޫ ވަނީ އިދިކޮޅު ކޯލިޝަންގެ އެއްބައިވަންތަކަން ހިފެހެއްޓުމުގައި ބޮޑު ދައުރެއް އަދާކޮށްފަ ކަމަށެވެ. އިބޫއަކީ މިކަން ކުރެވޭނެ ފެންވަރުގެ ބޭފުޅެއް ކަމަށެވެ.