ދުނިޔެ

މެލޭޝިއާގައި ޖީއެސްޓީ ނެގުންް ހުއްޓާލައިފި

މެލޭޝިއާގެ ގިނަ ބަޔަކު އެ ޓެކުހެއް ދެކެ ރުޅި އަން ގުޑްސް އެންޑް ސާވިސަސް ޓެކްސް ( ޖީއެސްޓީ) ނެގުން އެގައުުމުގެ ސަރުކާރުން މިއަދު ހުއްޓާލައިފިއެވެ. މެލޭޝިއާގައި ޖީއެސްޓީ ނަގަން ފެށީ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ކުރެވޭ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި 2015 ވަނަ އަހަރުއެވެ.

ޖީއެސްޓީ ނެގުން މިއަދު ހުއްޓައިލީ އާއްމު އިންތިހާބުގެ ކެމްޕޭނުގައި މިހާރުގެ ސަރުކާރުން ވެފައިވާ ވައުދެއް ފުއްދުމަށެވެ. މެލޭޝިއާގެ ފިނޭންސް މިނިސްޓްރީއާ ހަވާލާދީ ނޫސްތަކުން ބުނީ ޖީއެސްޓީ ނެގުން ހުއްޓައިލުމުން ފަސްބިލިޔަން ޑޮލަރުގެ ފޫނުބެދުމެއް އަންނާނެ ކަމަށެވެ. އެހެން ނަމަވެސް އެއާ އެކުގައި ވެސް މިއަހަރަށް ކަނޑައަޅާފައިވާ ވަރަށް ވުރެ ބަޖެޓް ޑެފިސިޓް ބޮޑުވިޔަ ނުދީ ހިފެހެއްޓޭނެ ކަަމަށް ވެސް ބުންޏެވެ.

މެލޭޝިއާގައި މޭމަހު ބޭއްވި އާއްމު އިންތިހާބުގެ ދުވަސްވަރު މިހާރު ވެރިކަން ކުރާ ޕަކަޓާން ހަރަޕަން ކޯލިޝަނުން ވައުދުވެފައިވާ އެއް ކަމަކީ މެލޭޝިއާގެ ދަރަނި ކުޑަކުރުމަށާއި ދިރިއުޅުމުގެ އަގުހެޔޮކޮށްދިނުމަށެވެ. ކޮރަޕްޝަނުގެ ތެރެއިން ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދައިދިނުމަަށް ވެސް ވައުދުވިއެވެ.

މެލޭޝިއާގެ ފިނޭންސް މިނިސްޓަރު ލިމް ގުއާން އެން ވިދާޅުވީ ޓެކްސް ކަނޑައިލުމުން ގެއްލޭ ފައިސާ ތެލާއި ގުޅޭ އާމްދަނީން ހަމަޖެއްސޭނެ ކަމަށެވެ.