ކުޅިވަރު

ޗެތުރީގެ ހެޓްރިކުން އިންޑިއާއަށް ބޮޑު މޮޅެއް

ކެޕްޓަން ސުނިލް ޗެތުރީ ކާމިޔާބު ހެޓްރިކުން ޗައިނީޒް ޓައިޕޭގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ އިންޑިއާއިން ކުރިއަށް ގެންދާ އިންޓަނޭޝަނަލް ކަޕުގެ ފެށުން އިންޑިއާއިން ރަނގަޅު ކޮށްފި އެވެ.

ޗެތުރީގެ ހެދި ހެޓްރިކާއެކު، އޭނާ މިހާރު ވެފައި ވަނީ މިހާރު ކުޅެމުން ގެންދާ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް ތިން ވަނަ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. އެ ލިސްޓްގައި އޭނާއަށް ވުރެ ކުރީގައި އުޅެނީ ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ.

ގައުމީ ޓީމަށް ކުޅުނު 99 ވަނަ މެޗުގައި ޗެތުރީ ކާމިޔާބު ކުރި ލަނޑުތަކުން، އޭނަ ވަނީ އެމެރިކާގެ ގައުމީ ޓީމުގެ ކްލައިންޓް ޑެމްސީ ފަހަތަށް ޖައްސާލަފަ އެވެ. އަދި ސްޕެއިންގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ޑޭވިޑް ވިޔާއާ ހަމަހަމަ ކޮށްފަ އެވެ.

ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިން

  • ކްރިސްޓިއާނޯ ރޮނާލްޑޯ - ޕޯޗުގަލް: 81 ގޯލް
  • ލިއޮނަލް މެސީ - އާޖެންޓީނާ: 64 ގޯލް
  • ޑޭވިޑް ވިޔާ - ސްޕެއިން: 59 ގޯލް
  • ސުނިލް ޗެތުރީ - އިންޑިއާ: 59 ގޯލް
  • ކްލައިންޓް ޑެމްސީ - އެމެރިކާ: 57 ގޯލް

ޗެތުރީގެ ތިން ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެ ދެ ލަނޑު ޖަހަންވެސް ފުރުސަތު ތަނަވަސް ކޮށްދިނީ ޖޭޖޭ ލާލްޕެކްލޫއާ އެވެ. އިންޑިއާގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ބެންގަލޫރު އެފްސީގެ ފޯވަޑް އުދަންތާ ސިންހް އެވެ.

ޗެތުރީ ހެޓްރިކު ހެދީ މެޗުގެ 62 ވަނަ މިނެޓްގަ އެވެ. އިންޑިއާގެ ފަސް ވަނަ ލަނޑު ކާމިޔާބު ކުރީ ޕްރޮނީ ހަލްޑަރު އެވެ.

އިންޓަނޭޝަނަލް ކަޕުގައި މިއަދު ކުޅޭ މެޗުގައި ވާދަ ކުރާނީ ކެންޔާ އާއި ނިއުޒިލެންޑެވެ. އިންޑިއާ ދެން ކުޅޭ މެޗުގައި ނިކުންނާނީ ކެންޔާއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.