ލައިފްސްޓައިލް

ޗައިނާގެ ބިއްލޫރި ބުރިޖް 300 މީޓަރު އުހުގައި

May 25, 2015

ޗައިނާގައި ބިއްލޫރި ބްރިޖެއް އަޅަނީ

ދުނިޔޭގެ އެންމެ ދިގު، އެންމެ އުސް، އަދި ބެލެވޭ ގޮތުން އެންމެ ބިރުވެރި ފާލަން ޗައިނާގައި ހަދަމުން އެބަދެއެވެ. އެންމެ ބިރުވެރިއޭ ބުނަނީ މި ފާލަމުގެ އަށިގަނޑު ނުވަތަ "ފްލޯ" ހުންނާނީ ބިއްލޫރީން ކަމަށްވާތީއެވެ. މިއީ ހަމައެކަނި ހިނގާ މީހުންނަށް ޚާއްސަ ފާލަމެކެވެ.

މި ފާލަން ހަދަމުންދަނީ މަޝްހޫރު ސައެންސް ފިކްޝަން ފިލްމު އެވެޓާގެ "ހޭންގިން މައުންޓަންސް" ޚިޔާލަށް ގެނައުމަށް އެހީއަކަށްވި، ރީތި ފަރުބަދަތައް ހުރި ޗައިނާގެ ނޭޝަނަލް ޕާކްގަ އެވެ. "ޖަންގްޖާޖިއެ ގްރޭންޑް ކެންޔަން ގްލާސް ބްރިޖް" ގެ ނަމުން ނަންދެވިފައިވާ މި ފާލަމުގެ ދިގުމިނުގައި 380 މީޓަރު (1247 ފޫޓު)، ފުޅާމިނުގައި ހަ މީޓަރު (20 ފޫޓު) ހުންނައިރު ފާލަން އޮންނާނީ ބިމުން ފެށިގެން 300 މީޓަރު (984 ފޫޓު) އުހުގައެވެ.

ވާދީތަކެއްގެ މަތީގައި އޮންނަ މި މުޅި ފާލަމުގެ ފްލޯ އޮންނާނީ ތިރި ފެންނަ ބިއްލޫރީންނެވެ. މި ފާލަން ފަރުމާ ކޮށްފައިވަނީ އިޒްރޭލްގެ އިންޖިނިއަރުންގެ ޓީމަކުންނެވެ.

ބްރިޖްގައި އެއްފަހަރާ 800 މީހުންނަށް ހިނގޭނެ ޖާގަ އޮންނައިރު، ވަލެއްގައި ބަނދެވި އޮވެ، އުސްތަންތަނުން ފުންމުމުގެ ކުޅިވަރެއް ކަމަށްވާ "ބަންގީ ޖަމްޕް" ކުރާ ތަނެއްވެސް މި ބްރިޖްގައި ހުންނާނެއެވެ. އެތަން ވެގެންދާނީ ދުނިޔޭގެ އެންމެ އުސް ބަންގީ ޖަމްޕް ކުރާ ތަނަށެވެ. މީގެ އިތުރުން ޚާއްސަ ބައެއް ފެޝަން ޝޯވތައްވެސް މި ފާލަން މަތީގައި ބޭއްވޭނެ ކަމަށް ޑިޒައިން ޓީމުން އުއްމީދު ކުރެއެވެ.