ހަބަރު

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ނަޝީދާ ހަވާލުކޮށްފި

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރިޔާސީ ޓިކެޓު ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ރަސްމީކޮށް މިއަދު ހަވާލުކޮށްފި އެވެ.

އެމްޑީޕީއިން މިދިޔަ ބުދަ ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީ ޣައިރު ގާނޫނީ ކަމަށް ނިންމަައި އެ އިންތިހާބު ހުއްޓުވުމަށް އަމުރުކޮށްފައި ވަނިކޮށް މިދިޔަ ބުދަ ދުވަހު އެ ޕާޓީ އިން ބޭއްވި ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް 43،936 ލިބިވަޑައިގެން އެމަނިކުފާނު ވަނީ އެ އިންތިހާބު ކާމިޔާބު ކުރައްވާފައި ކަމަށް އެ ޕާޓީ އިން ވަނީ ބުނެފަ އެވެ.

މިއަދު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ޕާޓީގެ ފަރާތުން ރައީސް ނަޝީދަށް ރަސްމީކޮށް ޓިކެޓު ހަވާލުކޮށްފަ އެވެ. ސްރީލަންކާގައި ދިރިއުޅުއްވާ ރައީސް ނަޝީދުގެ ފަރާތުން ޓިކެޓާ ހަވާލުވެވަޑައިގަތީ އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރު އަހުމަދު އަސްލަމް އެވެ. އަދި އެމްޑީޕީގެ ފަރާތުން ރައީސް ނަޝީދަށް ޓިކެޓް ހަވާލު ކުރެއްވީ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފް ވިދާޅުވީ މިވަގުތަށް ކުރަން ޖެހޭ މުހިންމު ދެތިން ކަމެއް އެބައޮތް ކަމަށާއި އެގޮތުން ފުރަތަމަ ކަމަކަށް ރައީސް ނަޝީދުގެ ކެމްޕެއިން ވަރުގަދަކޮށް ވަރަށް އަވަހަށް މުޅި ރާއްޖޭގައި ފަށަން ޖެހިއްޖެ ކަމަށެވެ. ދެވަނަ ކަމަކަށް ޕާޓީގެ މެނިފެސްޓޯ ތައްޔާރު ކުރުމުގެ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށާއި އޭގެ ގިނަ މަރުހަލާތައް މިހާރު ނިމިފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން މުޅި ރާއްޖޭގައި ދަތުރުކޮށް ރައްޔިތުންގެ ހިޔާލު ހޯދައިގެން މި މަހުގެ ތެރޭގައި މެނިފެސްޓޯގެ ފުރަތަމަ ޑްރާފްޓް ނިންމާލެވޭނެ ކަމަށް ހަސަން ވިދާޅުވި އެވެ. އަދި މި މަހު 29 އަދި 30 ވަނަ ދުވަހު ކޮންގްރަސް ބާއްވަން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"ޕާޓީގެ ހުރިހާ މެންބަރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން މި ވަގުތު މި ކުރަމުން އަންނަ މަސައްކަތްތައް މި އަންނަނީ އިތުރު ސްޕީޑެއް ލައިގެން، ވަރަށް އަވަސްކޮށް ކުރަމުން މިދަނީ، މިހެން ކުރަން ޖެހޭ ކަންކަން ފަސް ކުރީމަ ވާ ގެއްލުން ވަރަށް ބޮޑު،" ހަސަން ވިދާޅުވި އެވެ. "އެގޮތަށް މަސައްކަތް ކުރީމަ އިރާދަކުރެއްވީއާ ރައީސް ނަޝީދުގެ ކެންޑިޑެންސީ ކަށަވަރުވެ ރައީސް ނަޝީދުގެ ނަން ވޯޓު ކަރުދާހުގައި އޮތުމަށް މަގުފަހި ކުރެވޭނެ،"

އެމްޑީޕީގެ ޕްރައިމަރީއާ ގުޅިގެން އީސީ އިން ބުނެފައި ވަނީ ޕްރައިމަރީ ބަލައި ނުގަންނަ ކަމަށާއި އެއީ ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ. އަދި މާދަމާ އެ ކޮމިޝަންގެ ބައްދަލުވުމަކަށް ފަހު އެމްޑީޕީއަށް އަޅާނެ ފިޔަވަޅެއް ނިންމާނެ ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ. އޭގެ އިތުރުން ރައީސް ނަޝީދުގެ ވާހަކަތައް ގެނެސްދޭ މިޑިއާތަކަށް ފިޔަވަޅު އެޅާނެ ކަމުގެ އިންޒާރު ފުލުހުންނާއި ބްރޯޑްކާސްޓިން ކޮމިޝަން އަދި ހޯމް މިނިސްޓްރީ އިން ވަނީ ދީ ފައެވެ. އެކަމާ ގުޅިގެން ނަޝީދު މިއަދު ދެއްކެވި ވާހަކަފުޅު ވެސް ރިޕޯޓް ކުރަން ވަނީ ހުރަސް އެޅިފަ އެވެ. ނަޝީދުވެސް ސްކައިޕް މެދުވެރިކޮށް އެ ހަފްލާގައި ވާހަކަފުޅު ދެއްކެވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ރައީސް ނަޝީދަކީ 13 އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ އެ މަނިކުފާނަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަވާ ބޭފުޅެއް ނޫން ކަމަށެވެ. އެހެން ކަމުން އެ މަނިކުފާނުގެ ކެންޑިޑެންސީ ބަލައި ނުގަނެވޭނެ ކަމަށާއި އެމަނިކުފާނު ބައިވެރިކޮށްގެން ޕާޓީގެ އެއްވެސް އެތެރޭގެ އިންތިހާބެއް ބޭއްވުން ވެސް މަނާވާނެ ކަމަށެވެ.