ކަޝްމީރުގައި އިންޑިއާއިން ކޮންޓްރޯލް ކުރާ ސަރަހައްދުގެ ވެރިރަށް ޝްރިނަގަރުގައި އިންޑިއާ ފުލުހުން ދުއްވި ޖިޕަކުން ޖައްސައި ޒުވާނަކު މަރައިލުމުން އެރަށުގައި ބޮޑު ހަމަނުޖެހުމެއް ފެށިއްޖެއެވެ.
ބީބީސީ ބުނީ އިންޑިއާ ފުލުހުން ދުއްވި ޖިޕެއްގެ ދަށުވީ މުޒާހަރާކުރަމުން ދިޔަ ބައެއްގެ ތެރެއިން ދެމީހަކު ކަމަށެވެ. ޖިޕުގެ ދަށުވެ ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް އޭގެ ތެރެއިން އެކަކު މަރުވުމުން އާއްމުން ވަނީ ފުލުހުންނާ ދިމާލަށް ގާއުކާފައެވެ. މުޒާހަރާ ކޮންޓްރޯލްކުރަން ފުލުހުން ކަރުނަގޭސް ޖެހިއެވެ.
ދެމީހެއްގެ ގައިމަތިން ޖިޕުދުއްވުމުގެ ހާދިސާ ހިނގީ ހަނގުރާމަވެރިން އުޅޭ ކަަމަށް ބުނެ މިސްކިތެއް ފާސްކުރުމަށް އިންޑިއާ ފުލުހުން ކުރި މަސައްކަތުގައި ހަރުކަށިކަން ދެއްކުމުން މީހުން އެކަމާ ދެކޮޅު ހެދުމުން ހިނގި ހަމަނުޖެހުމެއްގެ ތެރޭގައެވެ. އިންޑިއާ ފުލުހުން ބުނީ ދެމީހުންގެ ގައިގައި ޖިޕުން ޖެހުނީ އަމިއްލަ ނަފުސުގެ ދިފާއުގައި ފުލުހުން މަސައްކަތްކުރަނިކޮށް ކަމަށެވެ. އެކަމަކު މަންޒަރު ދުށް މީހުން ބުނީ ފުލުހުން އެ ދެމީހުންގެ ގައިގައި ގަސްދުގައި ޖައްސައި އެމީހުންގެ ގައިމަތުން ޖިޕު ދުއްވީ ކަމަށެވެ.
އިންޑިއާ ފުލުހުންގެ ޖިޕުގެ ދަށުވެ މަރުވި ޒުވާނާގެ ހަށިގަނޑަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އެއާ އެކު މިއަދު މީހުން މުޒާހަރާއަަށް ނުކުތުމުން އިންޑިއާ ސަރުކާރުން މިހާރު ވަނީ ޝްރިނަގަރުގައި ކާފިއު ހިންގައި އިންޓަނެޓުގެ ހިދުމަތްވެސް ކަނޑާލާފައެވެ.
ކަޝްމީރުގައި އިންޑިއާއިން ކޮންޓްރޯލްކުރާ ސަރަހައްދުގައި ސަލާމަތީ ބާރުތަކުން އާއްމުން މެރުމަކީ ގިނައިން ހިނގާ ކަމެކެވެ.