މި ފެށުނު މަހާއެކު ނެޓްފްލިކްސްއިން ވަނީ އަނެއްކާވެސް އާ ކޮންޓެންޓުތަކެއް ގެނެސްދިނުމަށް ޝެޑިއުލްކޮށްފަ އެވެ. މީގެ ތެރެއިން އެންމެ އިންތިޒާރުކުރެވޭ ކޮންޓެންޓަކަށް ވާނީ ބޮލީވުޑް ކުޅަދާނީ ގިނަ ޑައިރެކްޓަރުންތަކެއް ގުޅިގެން ގެނެސްދޭ ކުރު ފިލްމު ސީރީޒް 'ލަސްޓް ސްޓޯރީސް' އެވެ.
'ލަސްޓް ސްޓޯރީސް' ގެނެސްދެނީ މަޝްހޫރު ޑައިރެކްޓަރުން ކަމަށްވާ ކަރަން ޖޯހަރް، ޒޯޔާ އަޚްތަރް، ދިބާކަރް ބަނީރްޖީ އަދި އަނޫރާގް ކަޝްޔަޕް ގުޅިގެންނެވެ. މި މަހު 15 އިން ފެށިގެން މި ސީރީޒް ސްޓްރީމްކުރެވޭނެ އެވެ.
ކޮންމެ އެޕިސޯޑެއް ވަކި ހާއްސަ ވާހަކައެއްގެ މައްޗަށް ގެނެސްދޭ މި ސީރީޒްއަކީ ލޯތްބާއި ޖަޒުބާތާއި އަދި އިންސާނީ ތަފާތު ގުޅުންތަކާއި ބެހޭ ވާހަކަތައް ގެނެސްދޭ ސީރީޒްއެކެވެ. މި ސީރީޒްގެ ތަފާތު ރޯލުތަކުން ފެނިގެންދާނެ ތަރިންގެ ތެރޭގައި ވިކީ ކޯޝަލް، ރާދިކާ އަޕްތީ، މަނީޝާ ކޮއިރަލާ، ބޫމީ ޕަދްނޭކަރް އަދި އިތުރު އެކްޓަރުން ހިމެނެ އެވެ.
މި މަހު ނެޓްފްލިކްސް ގެނެސްދޭ ފާހަގަކޮށްލެވޭ އިތުރު ކޮންޓެންޓުތައް
އެޓޭކް އޮން ޕެރިސް - މިހާރު ސްޓްރީމް ކުރެވޭ
މިއީ 2015 ވަނަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ފްރާންސްގެ ވެރިރަށް ޕެރިސްއަށް ދިން ޓެރަރިސްޓް ހަމާލާއިން ސަލާމަތްވި ބައެއް މީހުން އެމީހުންގެ ދުލުން އެ ދުވަހުގެ ހަނދާންތައް ކިޔައިދޭ ޑޮކިއުމެންޓްރީއެކެވެ.
ސެންސް އެއިޓް - ޖޫން 8 ގައި
ސައިންސް ފިކްޝަން މި ސީރީޒްގެ ދެ ސީޒަނެއް ގެނެސްދިނުމަށްފަހު ނެޓްފްލިކްސް އިން ވަނީ މި ސީރީޒް ކެންސަލްކޮށްފަ އެވެ. މި މަހު މި ގެނެސްދޭ އެއް އެޕިސޯޑަކީ މި ސީރީޒްގެ ފޭނުންގެ އެދުމުގެ މަތިން ގެނެސްދޭ ހާއްސަ އެޕިސޯޑެކެވެ. ދެ ގަޑިއިރަށް ދެމިގެންދާ މި އެޕިސޯޑަކީ މި ސީރީޒްގެ އެންމެފަހު އެޕިސޯޑެވެ.
ސެޓް އިޓް އަޕް - ޖޫން 15 ގައި
މިއީ ނެޓްފްލިކްސް އިން ގެނެސްދޭ އެމީހުންގެ އަމިއްލަ އޮރިޖިނަލް ފިލްމެކެވެ. ރޮމޭންޓިކް ކޮމެޑީ މި ފިލްމުގައި ފެނިގެންދާނީ އޮފީހެއްގެ ބޮޑު ދެމީހެއްގެ އެސިސްޓެންޓުން އެމީހުންގެ ބޮޑު މީހާއަށް ލޯބި ހޯދާދިނުމަށް ކުރާ މަސައްކަތްތަކެވެ. މި ސަކަރާތުގެ ތެރެއިން ލޯބިވެވޭނީ މި ދެ އެސިސްޓެންޓުންނަށެވެ.
ލޫކް ކޭޖް (ސީޒަން 2) - ޖޫން 22 ގައި
މާވެލް އެންޓަޓެއިންމަންޓްއިން ގެނެސްދޭ މި ސީރީޒްގެ ފުރަތަމަ ސީޒަނަށްވެސް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ. ސުޕަހީރޯ މި ސީރީޒްގެ ލީޑުން ފެނިގެންދަނީ މައިކް ކޮލްޓާ އެވެ.