ބޮލީވުޑް

ކަރީނާ ދެން ކުޅޭ ފިލްމެއް އަކްޝޭ އާއެކު

ބަތަލާ ކަރީނާ ކަޕޫރު ވިހެއިފަހުން ކުޅުނު ފުރަތަމަ ފިލްމު "ވީރޭ ދި ވެޑިން" ވަނީ ހުކުރު ދުވަހު ރިލީޒްވެފަ އެވެ. އެ ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ކަރީނާ ވަނީ މިހާރު އޭނަގެ ތުއްތު ކުއްޖެއް އޮންނާތީ ދެން އަހަރަކު ކުޅޭނީ ފިލްމެއް ކަމަށް ބުނެފަ އެވެ.

އެހެންނަމަވެސް "ވީރީ ދި ވެޑިން" ރިލީޒްވިތާ އެއް ދުވަސްފަހުން ދެން އޭނާ ކުޅޭ ފިލްމު މިވަނީ އިއުލާންކޮށްފަ އެވެ. މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ފިލްމެއްގެ ބަތަލާގެ ރޯލު ކުޅެން ކަރިނާ ހަމަޖައްސާފައިވާއިރު، މިހާރު ވަނީ އޭނާ އާއެކު ބަތަލުގެ ރޯލުން ފެނިގެންދާނެ ތަރި ވެސް ހަމަޖައްސާފަ އެވެ.

ރާޖް މެހެތާ ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވާ އެ ފިލްމުގައި ކަރީނާ އާއެކު ލީޑްރޯލުން ފެނިގެންދާނީ ސުޕަސްޓާ އަކްޝޭ ކުމާރު އެވެ. އަކްޝޭ އާއި ކަރީނާ އެންމެފަހުން އެކުގައި ކުޅެފައިވަނީ މީގެ ނުވަ އަހަރު ކުރިން ނިކުތް "ކަމްބަގްތް އިޝްކް" އެވެ.

އަދި ނަމެއް ދީފައިނުވާ އެ ފިލްމުގައި ކަރީނާ ކުޅޭނީ މަންމައެއްގެ ރޯލެވެ. އަދި އަކްޝޭ ކުޅޭނީ ކަރީނާގެ ފިރިމީހާގެ ރޯލެވެ. މި ދެތަރިންގެ އިތުރުން ވެސް އަދި އެހެން ޖޯޑެއް ވެސް މި ފިލްމުގައި ފެނިގެންދާނެ ކަމަށްވެ އެވެ.

ނުވަ އަހަރުފަހުން އެކުގައި ފިލްމެއް ކުޅެން ފުރުސަތެ ލިބުމުން އަކްޝޭ އާއި ކަރީނާ ވެސް ތިބީ ނުހަނު އުފަލުންނެވެ.

ކަރީނާ އަކީ ކަރަންގެ އެންމެ ފެވަރިނޓް ބަތަލާއިންގެ ތެރެއިން އެކަކެވެ. އަދި އަކްޝޭ މިހާތަނަށް ކުޅެފައިވަނީ ކަރަން އުފެއްދި "ބްރަދާސް" އެކަންޏެވެ.

ކަރީނާ އާއެކު ކުޅޭ ފިލްމުގެ އިތުރުން ވެސް އަކްޝޭ ވަނީ ކަރަން އުފައްދާ "ކޭސަރީ" ވެސް ކުޅެން ސޮއިކޮށްފަ އެވެ.

މި ދެތަރިން އެކުގައި ކުޅޭ ފިލްމުގެ ޝޫޓިން ފަށާނީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.