ރިޕޯޓް

މަގުތަކުގައި ދުއްވާ ބިރުކުޑަ ބެލެނިވެރިންނަށް ސާބަސް!

ދާދި ފަހުން ފެނުނު މަންޒަރެއް ސިފަކޮށްލާނަމެވެ. ސްޓެލްކޯ އިން ފެށިގެން ކަލާފާނު ސްކޫލާއި ހަމައަށް އަމީނީ މަގުގެ ބޮޑު ބައެއް ކޮނެފައި އޮންނަތާ ދުވަސްގަނޑެއް ވެއްޖެ އެވެ. ކޮނެފައިހުރި ފަސްގަނޑުގެ ދެ ފަރާތުން، ސައިކަލަކަށް ދެވޭހާ ހަނި ޖާގަ އެއް ލިބޭތީ، އެ ދިމާލަށް އަނބުރާލީމެވެ. އޮށްގާތަކާއި، ވެލި ހުރުމުގެ ސަބަބުން އިތުރަށް ފަރުވާތެރިވެލީމެވެ. އޭރު ކުރިމަތިން ސައިކަލެއްގައި މީހަކު އެއްއަތުން ހުންގާނުގައި ހިފައިގެން، އެ ހަނި ޖާގައިން ދުއްވަމުން ދިޔަ އެވެ. ފަހަތުން އައިސް ތަންކޮޅެއް ކައިރިއަށް އާދެވުމުން، އޭނާ އެއްއަތުން ހުންގާނުގައި ހިފައިގެން އިން ސަބަބު ފެނުނެވެ.

ކިރިޔާ ސައިކަލުގެ ފުރޮޅު ފެތޭ ވަރުގެ ހަނި ޖާގައިން، އެމީހާ ދިޔައީ އެއް އަތުން ހިފަހައްޓައިގެން ކުޑަ ކުއްޖަކު ގޮވައިގެންނެވެ. ރަނގަޅަށް ކަނދުރާވެސް ހަރުނުލާ ވަރުގެ ތުއްތު ކުއްޖާ ގޮވައިގެން ދިޔައީ ބެލްޓެއް ވެސް ނާޅުވަ އެވެ. ޖެހިގެން އޮތީ ކޮނެފައި އޮތް ބޮޑު ވަޅުގަނޑެކެވެ. ވެއްޔާއި، އޮށްގާ ހުރުމުގެ ސަބަބުން، ސައިކަލުގެ ފުރޮޅު ކަހާލުމުގެ ފުރުސަތު ވަރަށް ވެސް ބޮޑެވެ. ނަމަވެސް، އެމީހާ ވަރަށް ކުޅަދާނަ އެވެ. ބިރުވެސް އެހާމެ ކުޑަ އެވެ. ރަގަޅަށް އަހަރު ވެސް ނުފުރޭ ކުއްޖެއް ގޮވައިގެން އެވަރުގެ ރިސްކު ނަގަން ކެރޭ ވަރުގެ މީހުން މަދުވާނެ އެވެ.

އެހެން ދުވަހެއްގެ ވާހަކައެކެވެ. މާފަންނު އިއްޒުއްދީނު މަގަށް އެޅިއިރު ފެނުނު މަންޒަރެކެވެ. ތަންކޮޅެއް ކުރިން ކުޑަ ކުއްޖަކު ފަހަތަށް އަރުވައިގެން ސައިކަލުގައި ދިޔަ މީހެކެވެ. ތިނެއް ނޫނީ ހަތަރު އަހަރުގެ އެ ކުއްޖާ އިނީ އެމީހާގެ ބަނޑާ ދިމާލުން ބާރަށް ހިފަހަށްޓައިގެންނެވެ. ވަޅުގަނޑަކަށް ޖެހުމާއެކު، އެ ކުއްޖާ މަޑިން ކައްސާލި އެވެ. އޭރު އެ ކުއްޖާ އޮތީ ތިން ބައި ކުޅަ ދެ ބައި ސައިކަލުގެ މަޑިން ބޭރުވެފަ އެވެ. ދުއްވަން އިން މީހާއަކަށް އެ ކުއްޖާ ވެއްޓެނީ ކަމެއް ނޭނގޭނެތާ އެވެ. އެ ކުއްޖާ ސަލާމަތްކުރީ ފަހަތުން އައި ސަކަލުގަ އިން މީހާ އެވެ. ބެލްޓެއް ނާޅުވާ ގެންދިޔަ އެ ކުއްޖާ ސަލާމަތްވީ، ފަހަތުން އައި މީހާގެ ހުޝިޔާރު ކަމުންނެވެ. ފަހަތުން އަންނަ ނުވެސް ދަންނަ މީހެއްގެ އަތް މައްޗަށް ތުއްތު ކުއްޖެއްގެ ފުރާނަ ދޫކޮށްލަން ކެރޭނީ ވަރަށް ވެސް އާދަޔާ ހިލާފު ހިތްވަރެއް ހުރި މީހަކަށެވެ.

އަނެއްކާވެސް އެހެން ހާލަތެކެވެ. މިފަހަރު ކުރިމަތިން އައި ސައިކަލަކުން ފެނުނު މަންޒަރެކެވެ. ކުޑަ ކުއްޖަކު ސައިކަލުގެ ކުރީގައި ބަހައްޓައިގެން ދިޔަ އަންހެނެކެވެ. އޭނާ ވެސް ޖެހިލުން ކުޑަކަމުން ދިޔައީ ބެލްޓް ނާޅުވަ އެވެ. ފިނި ބުރެއް ޖަހާލަން ނިކުމެ އުޅުން ދެމައިން ކަމަށް ވެދާނެ އެވެ. އޭރު އެ ކުއްޖާ އަށް ނިންޖައިގެން ރަނގަޅަށް ކޮޅަށް ނުހުރެވޭތާ ކިހާއިރެއްވެއްޖެ ކަމެއް ނޭނގެ އެވެ. ކޮންމެ އަކަސް، އެ ކުއްޖާ ނިދިގެން، ކުރި މައްޗަށް ވެށްޓެން ދިޔަ މަންޒަރު ފެނުނެވެ. އަންހެން މީހާ ވެސް ސިއްސައިގެންގޮސް އެ ކުއްޖާ ހިފެހެއްޓިހެވެ. ކުއްލިއަކަށް ގެންނަން ޖެހުނު އެ ހަރަކާތުން، ސައިކަލު ކޮންޓްރޯލުން ނެއްޓިގެން ދެމީހުން އެކުގައި ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ނަމަވެސް، ދަރިފުޅު ކައިރީގަ ކޮންމެ އެއްޗެއް ބުނެލުމަށްފަހު، ހެވިލާފައި އިނދެގެން އަނެއްކާވެސް ނައްޓާލައިގެން ދިޔުމަކީ އާދައިގެ މަންމައަކަށް ނޫނީ ދައްތައަކަށް ވާނެ ކަމެއް ނޫނެވެ.

މިއީ ދެ ފުރޮޅުލީ އުޅަނދުގައި އުޅޭ ކެރޭ ބެލެނިވެރިންނެވެ. އަދި ފައިމަގުގައި އުޅޭ ބިރުކުޑަ ބެލެނިވެރިންގެ ވާހަކަ އޮތީ އެވެ. ދަރިފުޅުގެ އަތުގައި ހިފައިގެން މަގަކުން ދާއިރު، ދުއްވާ އެއްޗެހި ފަޅިއަށް ދަރިފުޅު ލައިގެން، ތިމާ ފާރު ކައިރީގައި ހުރެގެން ދާން ކެރޭނީ ހަމަ ޔަގީނުންވެސް ވަރަށް ޖެހިލުން ކުޑަވީމަ އެވެ. ކުޑަ ކުދިންގެ މާ ބޮޑު ވިސްނުމެއް ނުހުންނާ އެވެ. އެހެން ދަމުން، އަތުގައި ހިފައިގެން ހުއްޓަސް، މަގު މެދަށް މިސްރާބު އަނބުރާލަފާނެ އެވެ. ނޫނީ ވެހިކަލްތަކާއި ދިމާލަށް އަތް ނެރެފާނެ އެވެ. ބޫން ކަނޑާފައި ވެހިކަލްތައް ދުއްވާނަގާއިރު، މިފަދަ ބެލެނިވެރިންގެ ބިރުކުޑަކަމަކީ އެހެން ބެލެނިވެރިންނަށް މިސާލެކެވެ.

ނުދަންނަ މީހަކާއި ވާހަކަވެސް ނުދައްކަން ދަރިންނަށް ނަސޭހަތްދޭ އިރު، މަގުމަތީގައި ދުއްވާ އެހެން މީހުންގެ އަތް މައްޗަށް ދަރިފުޅުގެ ސަލަމާތާއި، ރައްކާތެރިކަން ދޫކޮށްލަން ކެރޭނީ ތަފާތު ހިތްވަރެއް ލިބިގެންވާ މީހުން ކަމުގައި ދެބަސްވެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ އެވެ. މިފަދަ ބިރުކުޑަ، ކެރޭ ބެލެނިވެރިންނަށް ހަމަ ހަގީގަތުގައި ވެސް އެންމެންގެ ތައުރީފާއި، ސާބަސް ހައްގެވެ.