ހަބަރު

ފްލެޓް ފޯމްތައް ބަލައިގަންނަން ފަށައިފި

މި ސަރުކާރުން ކުރިޔަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓަށް އެދޭ ފޯމްތައް ބަލައިގަންނަން ފަށައިފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ، ފޯމްތައް ބަލައިގަންނަން ފަށާފައިވަނީ މިއަދު 10 ޖެހި އިރު ކަމަށާއި ގިނަ އަދަދެއްގެ ފަރާތްތަކަކުން ފޯމް ހުށަހެޅުމަށް ދަރުބާރު ގެއަށް ގޮސްފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ، ދަރުބާރު ގޭގައި 20 ކައުންޓަރަކުން ފޯމްތައް ބަލައިގަންނަމުންދާ ކަމަށެވެ. އަދި އެތަނުގައި ތޮއް ޖެހުންވެސް ކުޑަކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ، ފޯމް ހުށަހެޅުމަށް ނަމްބަރު ނަގަން ޖެހެނީ "ކިއުބީ އެޕް" މެދުވެރިކޮށް ކަމަށާއި އެޕް މެދުވެރިކޮށް ނުނެގޭ ފަރާތްތަކުން ދަރުބާރުގެއަށް ވަޑައިގެން ނަމްބަރު ނެގޭނެ ކަމަށެވެ. އެތަނުންވެސް ނަމްބަރު ދޫކުރާނީ ކިއުބީ މެދުވެރިކޮށް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ހުޅުމާލޭގައި މި ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއު، "ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 7000 ފްލެޓް އިމާރާތް ކުރަން ވަނީ ނިންމައިފަ އެވެ. އެ ޕްރޮގްރާމަށް ކުރިމަތިލާން ފޯމް ދޫކުރަން ފެށީ މޭ ހަވަނަ ދުވަހު އެވެ. އެކްސްޕޯއެއް ގޮތަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން، 40،096 ފޯމް ވަނީ ނަގައިފަ އެވެ. އަދި އަންނަ މަހުގެ ނިޔަލަށް ވެސް ދަރުބާރުގެއިން ފޯމް ލިބޭނެ އެވެ. އަދި އޮންލައިންކޮށް ވެސް ފޯމް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.