ދުނިޔެ

ކުޅުންތެރިންނާ ބެހުނު ލަންކާ ކްރިކެޓް ޓީމުގެ އޮފިޝަލުންނަށް ދައުވާ ކުރަނީ

May 25, 2015

ޓީމުގައި ދެމިތިބުމަށްޓަކައި ބަދުއަހުލާގީ އަމަލުތައް ހިންގަން ކުޅުންތެރިންނަށް މަޖުބޫރުކުރި ސްރީ ލަންކާގެ ގައުމީ އަންހެން ކްރިކެޓް ޓީމުގެ އޮފިޝަލުންނާ ދެކޮޅަށް ޖިނާއީ ދައުވާ އުފުލާނެ ކަމަށް އެ ގައުމުގެ ސަރުކާރުން މިއަދު ބުނެފި އެވެ.

ލަންކާގެ ކުޅިވަރާ ބެހޭ މިނިސްރީގެ ތަރުޖަމާނު ސްރިލާލް ގޯމެސް ވިދާޅުވި ގޮތުގައި އަންހެނުންނާއި ކުޑަކުދިން ރައްކާތެރިކުރުމާ ބެހޭ ގާނޫނުތަކުގެ ދަށުން ދައުވާ ކުރުމަށް ހަމަޖެހިފައި ވަނީ ޓީމުގެ ދެ އޮފިޝަލެއްގެ މައްޗަށެވެ. ދައުވާ ކުރުމުގެ އިތުރުން، އެ މީހުންނާ ދެކޮޅަށް މިހާރުން މިހާރަށް ވެސް އަހުލާގީ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ވަރަށް ސީއިރަސް މައްސަލައެއް،" ސްރިލާލް ވިދާޅުވި އެވެ.

އެހެން ނަމަވެސް، އެ ދެ އޮފިޝަލުންގެ ނަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކުޅިވަރާ ބެހޭ މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި އަންހެން ޓީމުގެ އޮފިޝަލުން ކުޅުންތެރިން ޖިންސީ ޝިކާރައަކަށް ހެދި ކަމުގެ ހެކިތައް ވަނީ ލިބިފަ އެވެ. އެއީ، އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ޖިންސީ ގުޅުން ހިންގަން ދެކޮޅު ހެދި ކުޅުންތެރިއަކު ޓީމުން ބާކީކުރި މައްސަލައަކާ ގުޅިގެން ފެށި ތަހުގީގެއްގެ ތެރެއިން ހާމަވި ކަމެކެވެ.