ކުޅިވަރު

މޮރިޝަސްއަށް ވަރުގަދަ ޓީމެއް، އަމާޒު މެޑަލްއަށް

މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަ ކުރާ ޓީމުގެ އަމާޒަކީ މުބާރާތުން ގިނަ މެޑަލްތަކެއް ހޯދުން ކަމަށް ޓީމުން ބުނެފި އެވެ.

މިއަންނަ ބުރާސްފަތި ދުވަހުން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ބާއްވާ މުބާރާތަށް ރާއްޖެއިން ދިޔަ ޓީމުގައި ހިމެނެނީ، ވޭތު ވެދިޔަ އަހަރުތަކުގައި އެންމެ ވާދަެރިކޮށް ދިޔަ ކުޅުންތެރިނެވެ.

ފިރިހެން ޓީމުގައި ހިމެނެނީ ވޭތުވެދިޔަ 10 އަހަރު ބެޑްމިންޓަންގައި އެންމެ ކޮންސިސްޓެންޓްކޮށް ފެނިގެން ދިޔަ އެއް ކުޅުންތެރިޔާ ކަމަށްވާ މުހައްމަދު އަޖުފާން (އަޖޫ) އާއި 2016 ވަނަ އަހަރުގެ ގައުމީ ޗެމްޕިއަން ސާރިމް މުހައްމަދު، މިދިޔަ އަހަރު ސެމީ ފައިނަލުގައި އަޖުފާންއާ ދެކޮޅަށް ކުޅުނު އަހްމަދު ނިބާލް އަހްމަދު ތޯއިފް އެވެ.

އަންހެން ޓީމުގައި ހިމެނެނީ މިހާރު އެންމެ ވާދަވެރި ކުޅުންތެރިން ކަމަށް ނަބީހާ އަބްދުލް ރައްޒާގް އާި ނަބާހާ އަބުދުލް ރައްޒާގްގެ އިތުރުން އާމިނަތު ޝަހުރުނާޒް އެވެ. އަހެން ޑަބަލްސް ޓީމު މިހާރުވެސް އޮތީ ސެމީ ފައިނަލުގަ އެވެ.

"މި ޓީމާމެދު ވަރަށް ބޮޑު އުންމީދެއް އެބައޮތް މިފަހަރު ރާއްޖެ ޑްރޯ އައި ގޮތުން ވަރަށް ފުރުސަތު ބޮޑު،" ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފިޝަލަކު ބުންޏެވެ. "މި ޓީމުގައި އެބަތިބި މިދިޔަ ދެ އަހަރުގެ މުބާރާތްތަކުގެ ޗެމްޕިއަނުން މި ޓީމު ވަރަށް ވާދަވެރި ވާނެ."

އެންމެ ފަހުގެ ގައުމީ ޗެމްޕިއަން އަދި މިހާރު ރޭންކުގެ އެއް ވަނަ ހުސައިން ޒަޔާން ޝަހީދު ޒަކީ އާއި މިދިޔަ އަހަރުގެ ގައުމީ ޑަބަލްސް ޗެމްޕިއަންކަން ހޯދި އިބްރާހިމް ސާމިއު އާއި ހަސަން އަފްޝީންވެސް ޓީމުގައި ހިމެނިފައެއް ނުވެ އެވެ. އަންހެން ކުޅުންތެރިންގެ ތެރެއިން ގައުމީ ޗެމްޕިއަންކަން ނުވަ އަހަރު ހޯދި ނޫރާ އަހްމަދު ނަޖީބު އާއި މިދިޔަ އަހަރު މޮރިޝަސްގައި ބޭއްވި މުބާރާތުން ޑަބަލްސް އިވެންޓުން ބްރޯންޒް މެޑަލް ރާއްޖެއަށް ހޯދައިދިން ޕެއާ ކަމަށްވާ މައިޝާ އާއި ނަފްހާވެސް ހިމެނިފައެއް ނުވެ އެވެ. ތިން އަހަރު ގައުމީ ޗެމްޕިއަންކަން އައިޝަތު އަފްނާން ރަޝީދު އާއި ނީނާވެސް މޮރިޝަސްއަށް ދިޔަ ޓީމުގައި ހިމެނިފައެއް ނުވެ އެވެ.

ޓީމުގެ ކޯޗުގެ ގޮތުގައި ދިޔައީ އަފްސަލް ރަޝީދެވެ. ޓީމުގެ މެނޭޖަރަކީ އަހްމަދު އަދީމް އެވެ.