މި ސީޒަންގައި ޔުނައިޓަޑް ވިކްޓަރީއަށް ކުރިމަތި ނާކާމިޔާބުގެ ޒިންމާ އޭނާ ނަގާ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހް ބުނެފި އެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ދިވެހި ލީގްގެ ގަދަ ހަތަރެއްގައި ހިމެނުނު ޔުނައިޓަޑް ވިކްޓަރީއަށް މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުން ޖާގަ ނުލިބުނެވެ. މި އަހަރުވެސް އެ ފުރުސަތު މިހާރު ވަނީ ގާތްގަނޑަކަށް ބަންދު ވެފަ އެވެ.
ޔޫވީގެ ކޯޗު ކަމާ، ނަޒީހް އަލުން ހަވާލުވީ މިދިޔަ އަހަރު ވަކި ހިސާބަކުންނެވެ. މިދިޔަ އަހަރު މާލޭ ލީގްގެ ފަހު މެޗަށް ނިކުތުމުގެ ކުރިން ނަޒީހް ބުނެފައި ވަނީ މި އަހަރަށް ޔުނައިޓަޑް ވިކްޓަރީ ވަރުގަދަ ކުރުމަށް މެނޭޖްމެންޓުން ޕްލޭނެއް އެބައޮތް ކަމަށެވެ. ނަމަވެސް މި އަހަރުވެސް އެ ޓީމުގެ ކިބައިން ތަފާތެއް ނުފެނުނެވެ.
ލީގްގެ ފުރަތަމަ ދެ މެޗުން މޮޅުވި ނަމަވެސް ފަހުން މައްސަލަ ދިމާވެ ފޯމު ގެއްލުނެވެ. ނަމަވެސް އެންމެ ފަހުން ކުޅުނު ތިން މެޗުގައި އެ ޓީމުގެ ކުޅުން ރަނގަޅު ކުރި އެވެ. ރޭ ޓީސީއާ އެއްވަރު ކުރި އެވެ. ނަމަވެސް ނަޒީހް ގަބޫލު ކުރާ ގޮތުގައި ދިވެހި ލީގަށް ދިއުމުގެ ފުރުސަތެއް ޔޫވީ އަކަށް މިހާރު ނެތެވެ. ކުޅުނު 12 މެޗުން އެ ޓީމަށް ލިބުނީ އަށް ޕޮއިންޓެވެ. އަށް މެޗުން ބަލިވިއރު ދެ މެޗުން މޮޅުވިއިރު އަނެއް ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
"ދެން އެހިޔަސް ބުނާނީ މި އަހަރު ދެން މިކަމެއް ނުވާނޭ، މިކަން ނުވުމުގެ ޒިންމާ ނަގާނީ އަޅުގަނޑުކަން ނުވުމުގެ ހުރިހާ ޒިންމާއެއް ކޯޗު ނަގަނީ." 2015 ވަނަ އަހަރު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ޔޫވީ ފުރަތަމަ ޑިވިޝަނަށް ކޮލިފައި ކޮށްދިން ކޯޗު ބުންޏެވެ.
ދިވެހި ލީގަށް ދިއުމުގެ ހަނި ފުރުސަތުގެ ތެރެއިންވެސް ދެމި ނުގަނެވިއްޖެނަމަ ޔޫވީއަށް އޮންނާނީ މާލޭ ލީގް ކޮލިފިކޭޝަން އެވެ. ކޮލިފައިންގައި ވާދަ ކުރާނީ ދެ ވަނަ ޑިވިޝަންގެ ރަނަރަފް ޖޭޖޭ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
ނަމަވެސް ނަޒީހް ބުނީ ކޮލިފައިންއިން ދެމި ގަނެވޭނެ ކަމުގެ ފުރުސަތު އޭނަ އަށް އެބައޮތް ކަމަށާއި ޓްރންސްފާގައި ޓީމު ވަރުގަދަ ކުރުމަށް ތައްޔާރު ވަމުންދާ ކަމަށެވެ.