އިދިކޮޅު ކޯލިޝަނުން ކެނޑިޑޭޓަކަށް އެންމެ ގާބިލް ބޭފުޅަކީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހް، އިބޫ ކަމަށާއި ނަޝީދަށް ކުރިމަތި ނުލެވޭ ހާލަތެއްގައި ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ތާއީދު ކުރާނީ އިބޫއަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މަހުލޫފް މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާއެއްގެ ޝަރީއަތް ވަރަށް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށާއި މި ބަޔާނަކީ ކައިރި މުސްތަގުބަލެއްގައި ޖަލުހުކުމެއް އައިސް އަޑު ކަނޑުވާލުމުގެ ކުރިން ރިޔާސީ އިންތިހާބާ ބެހޭ ގޮތުން އެއްޗެއް ދެންނެވުމަށް ނެރުނު ބަޔާނެއް ކަމަށެވެ.
އެގޮތުން މިހާރު ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ އެންމެ ބޮޑު އެއް ސުވާލަކީ އިދިކޮޅު ކޯލިޝަނުން އެއް ކެނޑިޑޭޓެއް ނެރެވޭނެތޯ ކަމަށެވެ. އެމްޑީޕީ ރިޔާސީ ކެނޑިޑޭޓަކީ މުހައްމަދު ނަޝީދު ކަމަށާއި ޖުމްހޫރީ ޕާޓީިގެ ރިޔާސީ ކެނޑިޑޭޓަކީ ގާސިމް އިބްރާހިމް ކަމަށެވެ. އަދި އެފަރާތްތަކަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ ކަމުގެ ފުރުސަތު ފަހިވެއްޖެ ނަމަ ވަކިވަކިން ވާދަ ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ދެވަނަ ބުރުގައި ކޯލިޝަން އެކުގައި މަސައްކަތް ކުރާނެ ކަމަށާއި ފުރަތަމަ ބުރުގައި ވަކި ވަކިން ވާދަ ކުރުމަކީ މައްސަލައެއް ނޫން ކަމަށް މަހުލޫފް ވިދާޅުުވި އެވެ.
މަހުލޫފް ވިދާޅުވީ، ޕީޕީއެމުން ވަކި ކުރި ހިސާބުން އެންމެ ގާތުން މަސައްކަތް ކުރެވުނު ޕާޓީ އަކީ އެމްޑީޕީ ކަމަށާއި ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ވިސްނުމާއި ފިކުރާއި އުސޫޅުތަކަކީ މިއަދު އެންމެވެސް ގަބޫލުކޮށް ތާއީދު ކުރާ ކަންކަން ކަމަށް މަހުލޫފް ވިދާޅުވި އެވެ.
"ވޭތުވެދިޔަ ހަތަރު އަހަރު ކުރެވުނު ތަޖުރިބާއިން ލިބުނު ފިލާވަޅުތަކަށް ބަލާއިރު ރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހައްގުތައް ކަށަވަރު ކޮށްދީ ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ގާއިމްކުރުމަށް މީގެ އަހަރުތަކެއް ކުރިން ފެށިގެން އެމްޑީޕީން ކުރަމުން އަންނަ ދަތުރުގައި ބައިވެރިވެ ކޮންމެސް ވަރެއްގެ ހިއްސާއެއް ދެވުނު ކަމަށްޓަކައި އުފާ ކުރަން،" މަހުލޫފް ވިދާޅުވި އެވެ.
އެ ދަތުރުގައި މުހިންމު ދައުރެއް އަދާކުރައްވާ އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި އެއް ބޭފުޅަކީ ރައީސް ނަޝީދު ކަމަށާއި ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަ ކުރެއްވޭނެ ތާއީދު ކުރާނީ ނަޝީދަށް ކަމަށް މަހުލޫފް ވިދާޅުވި އެވެ. އަދި ޕާޓީތަކުން އިހުތިޔާރު ކުރާ ކެނޑިޑޭޓަކަށް ފުރުސަތު ގެއްލި ކޯލިޝަނުން އެއްބަސްވާ ކެނޑިޑޭޓެއް ނެރޭނަމަ އެމްޑީޕީގެ ކެނޑިޑޭޓަކަށް ފުރުސަތުދީ ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީގެ ފަރާތެއް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް މަހުލޫފް ވިދާޅުވި އެވެ.
އެގޮތުން ކޮމަން ކެނޑިޑޭޓެއްގެ ގޮތުގައި ޕާޓީތަކުން އިހްތިޔާރު ކުރުމަށް އެންމެ އެކަށީގެންވާ އަދި ރައީސްގެ މަގާމަށް އެންމެ ގާބިލް ބޭފުޅަކީ އިބޫ ކަމަށެވެ. އަދި ވިދާޅުވީ، އޭނާ އަށް މަހުލޫފްގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށެވެ.
"ވޭތުވެދިޔަ އަހަރުތަކުގައި ކޯލިޝަން އެކަތިގަނޑެއްގެ ގޮތުގައި ބަދަހިކޮށް ބޭއްވުމަށް ބުރަ އަދި ރިސްކްބޮޑު މަސައްކަތް ތަކެއް ކުރައްވާ މި ތަފާތު ފިކުރުތަކުގައި ލީޑަރުންނާއެކު އެމަނިކުފާނުވަނީ ގާތްކޮށް މަސައްކަތް ތަކެއް ކުރައްވާފަ، ކޯލިޝަންގެ ޕާޓީތަކުގެ ގިނަ ބޭފުޅުންނާއެކު ކުރެވުނު މަޝްވަރާތަކަށް ބަލާއިރު އިބްރާހިމް މުހައްމަދު ސޯލިހަށް ޕާޓީތަކުގެ ލީޑަރުންގެ އިތުބާރާއި ތާއީދު އޮތް ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ، ރިޔާސީ އިންތިހާބަށް އިއުލާން ކުރުމަށް ދޮޅުމަހަށްވުރެ ވަގުތު ކުޑަތަންވެފައިވާއިރު އެކަށީގެންވާ ވަގުތު އޮއްވާ ޕާޓީތަކުގެ މެދުގައި އިންތިހާބާމެެދު ނިންމަންޖެހޭ ނިންމުންތައް ނިންމައި ރައްޔިތުންނަށް އުންމީދާއި ޔަގީންކަން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
"މި ހިއްސާ ކުރީ އަޅުގަނޑުގެ ހިޔާލު، އަޅުގަނޑުގެ ވިސްނުމާއި ފިކުރު، މިއީ ފަހަރުގައި އެހެން ބައެއް ބޭފުޅުންގެ ވިސްނުމަށް ނުވުމަކީ އެކަށީގެންވާ ކަމެއްކަމުން، އެބޭފުޅުންގެ ވިސްނުމަށް އަޅުގަނޑު އިހުތިރާމް ކުރާނެެ ވާހަކަ ދަންނަވަން،" މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުން ރިޔާސީ އިންތިހާބުގައި ކުރިއަށްދާން ނިންމާ ގޮތަކަށް އިހުތިރާމްކޮށް އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.