ރެއާލް މެޑްރިޑްގެ ކޯޗުކަމުން މިދިޔަ ބުރާސްފަތި ދުވަހު ކުއްލި ގޮތަކަށް އިސްތިއުފާ ދިން ޒައިނުއްދީން ޒިދާންއަށް ގަތަރުގެ ގައުމީ ޓީމުން އަގު ބޮޑު ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް ދަނީ ވާހަކަ ދައްކަމުންނެވެ.
ރެއާލް އަށް ޖެހިޖެހިގެން ތިން ފަހަރަށް ޗެމްޕިއަންސް ލީގް ހޯދައިދިން، ޒިދާން ރެއާލްގެ ކޯޗުކަމުން ޒިދާން އިސްތިއުފާ ދީފާނެ ކަމަށް އެއްވެސް މީހަކު ހީއެއް ނުކުރެ އެވެ. މިސްރުގެ މުވާސަލަތީ ދާއިރާގެ މިލިއަނަރެއް ކަމަށްވާ ނަގުއިބު ސާއިރިސް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އަގުބޮޑު ކޮންޓްރެކްޓެއް ގަތަރުން ޒިދާން އަށް ހުށަހަޅާފައިވާ ކަމަށެވެ. އޭނާ ޓްވިޓަށް ހަވާލާދީ ބައެއް ނޫސްތަކުން އެ ވާހަކަ އާންމު ކުރި އެވެ.
ގަތަރުން ޒިދާންއަށް ހުށަހަޅާފައިވާ ކަމަށް ވާހަކަ ދެކެވޭ ކޮންޓްރެކްޓްގައި ވަނީ ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕުގެ ނިޔަލަށް ޒިދާން އަށް ކޮންޓްރެކްޓް ހުށަހަޅާ ފައިވާ ކަމަށެވެ. އެއީ އަހަރަކު 50 މިލިއަން ޔޫރޯ ޒިދާނަށް ލިބޭ ގޮތަށެވެ. އޭރުން ޒިދާންގެ ކޮންޓްރެކްޓްގެ ނިމޭއިރު އޭނާ އަށް 200 މިލިއަން ޔޫރޯ ލިބޭނެ އެވެ.
އަގުބޮޑު ކޮންޓްރެކްޓްގެ ވާހަކަ ދެކެވެން ފެށުމުން ގިނަ ބަޔަކު ބުނެފައި ވަނީ، ރެއާލްގެ ކޯޗުކަމުން ޒިދާން އިސްތިއުފާދިން ސަބަބަކީ އެއީ ކަމަށެވެ. ޒިދާން ރެއާލްގެ ކޯޗު ކަމުން އިސްތިއުފާ ދިން ދުވަހު އޭނާ ބުނެފައި ވަނީ ކޯޗު ކަމަށް އަލުން ނިކުންނާނީ އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ކަމަށެވެ. ނަމަވެސް ގަތަރުގެ އަގުބޮޑު ހުށަހެޅުމަކީ ތެދެއް ނަމަ، އޭނާގެ ވިސްނުން ބަދަލު ވުމުގެ ފުރުސަތުވެސް އެބައޮތެވެ. މިކަމާ ބެހޭގޮތުން ގަތަރު ފުޓްބޯޅަ ފެޑްރޭޝަނުން މިހަތަނަށް އެއްވެސް އެއްޗެއް ބުނެފަ އެއް ނުވެ އެވެ.
ޒަވީއަށް ވަނީ ކިހިނެއް؟
ގަތަރުގެ ގައުމީ ޓީމަށް ކޯޗު ކޮށްދޭން ބޭނުންވާ ކަމަށް، ގަތަރުގެ އަލް ސައާދަށް ކުޅެމުން އަންނަ ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް ވަނީ މިދިޔަ އަހަރު ބެނެފަ އެވެ. ޒަވީ އޭރު ބުނެފައި ވަނީ 2022 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕުގައި ގަތަރުގެ ޓީމަށް އިރުޝާދު ދޭން އޭނާ ބޭނުންވާ ކަމަށެވެ.
"އަހަރެން މިތާންގަ މިހުރީ އެ ޓީމަށް އެހީތެރިވެ ދޭން، އޭރުން އެ ޓީމަށް (ގަތަރު ޓީމަށް) ދުނިޔޭގެ އެހެން ގައުމުތަކާ ވާދަ ކުރެވޭނެ،" މިދިޔަ އަހަރު ޒަވީ ބުނެފައި ވެއެވެ. "އަހަރެންގެ ޓާގެޓަކީ ގަތަރުގެ ކޯޗަކަށް ވުން، އަހަރެން ބޭނުން ވަނީ ތަޖުރިބާތަކެއް، ނަމަވެސް މިހާރުވެސް އަހަރެންނަށް އެޑްވާންޓޭޖު އެބައޮތް އަހަންނަށް ގަތަރުގެ ކުޅުންތެރިންނާ ގަތަރުގެ މާހައުލު އެނގޭތީ."