ހއ. އުލިގަމު ކައިރީގައި އޮންނަ އިންނަފިނޮޅު ފަރަށް އެރި އީރާނު ބޯޓުން މިހާތަނަށް 115 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. އަދި އޭގައި ތިބި އަށް މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ އަށް މީހުން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އެއީ އީރާންގެ ހަތް މީހަކާއި ޕާކިސްތާނު މީހެކެވެ.
ފަރަށް އެރި ބޯޓުން ފެނުނު މަސްތުވާތަކެއްޗާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ފުލުޖުންނާއި ސިފައިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ފަރަށް އެރި ބޯޓުން ފަސް ރަށަކަށް މަސްތުވާތަކެތި ލައްގާފައިވާ ކަމަށެވެ.
އެގޮތުން 15.8 ކިލޯގެ މަސްތުވާތަކެތި އުލިގަމަށް ލައްގާފައިވާއިރު މޮޅަދޫއަށް 300 ގްރާމް ލައްގާފައިވާ ކަމަށެވެ. އިހަވަންދޫއަށް 380 ގްރާމް މަސްތުވާތަކެތި ލައްގާފައިވާ ކަމަށެވެ. އޭގެއިތުރުން ދެ ފަޅު ރަށަކަށް 4.2 ކިލޯގެ މަސްތުވާތަކެތި ލެއްގި ކަމަށެވެ. ލެއްގި މަސްތުވާތަކެއްޗަށް ބަލާއިރު 115 ކިލޯގެ މަސްތުވާތަކެތިކަން ޝިފާން ފާހަގަކުރެއްވި އެވެ.
ފުލުހުން އެތަނަށް އެޓެންޑްކުރިއިރު ވެސް ބޯޓުގައި ރޯވެ އަނދަމުންދާ ކަމަށާއި ބޯޓުގައި ރޯކޮށްލާފައިވުމުން އޭގައި ހުރި މަސްތުވާތަކެތީގެ ސީދާ އަދަދު އަދިވެސް ބުނަން ދަތި ކަމަށް ޝިފާން ވިދާޅުވި އެވެ. ޝިފާން ވިދާޅުވީ، މަސްތުވާތަކެތި ލައްގާ ރަށްރަށުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެތަކެތި ރަށްރަށަށް އަރުވައި ބޭނުން ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
ޝިފާން ވިދާޅުވީ، އެ މަސްތުވާތަކެއްޗަކީ ރާއްޖެއަށް ގެނައި މަސްތުވާތަކެތި ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް އެ މަސްތުވާތަކެތި ގެންދިޔަ ތަނެއް ޝިފާން ވިދާޅުވެއް ނުވި އެވެ. އެ މައްސަލަ މިހާރު ވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާކަން ވެސް ފާހަގަކުރެއްވި އެވެ.
މިފަދަ ކަންކަން ދެން އިތުރަށް ނުވާނެ ގޮތަށް ކަންކަން ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.