ބުރާސްފަތި ދުވަހު ހއ.އިންނަފިނޮޅުގެ ފަރަށް އެރި ބޯޓެއްގައި ތިބި ފަޅުވެރިންތަކެއް އެބޯޓުގައި ރޯކޮށްލުމަށްފަހު ފުންމާލި ވާހަކަ އިވިފައި ގިނަބަޔަކު ސުވާލުކުރަންފެށީ އެއީ ކީއްވެ އެމީހުން ކުރި ކަމެއްތޯ އެެވެ. ސަހަލު ކަމައިގެން ރާއްޖެ ސަރަހައްދަށް އައި ބަޔަކަށް ނުވާނެކަމަށް ގިނަބަޔަކު އޭރުވެސް ލަފާކުރި އެވެ. ފަރަށް އަރާފައި އޮތް ބޯޓެއް ސަލާމަތްކުރުމަށް އެމްއެންޑީއެފުން އެހިސާބަށް ކައިރިކުރުމުން ބޯޓްގައި އަލިފާން ރޯކޮށްލައި ފަޅުވެރިން މޫދަށް ފުންމާލައިގެން ފިލަން އުޅުނީ ކީއްވެތޯ އެތައް ބަޔަކު ސުވާލުކުރި އެވެ. އެސުވާލުގެ ޖަވާބު ރަނގަޅަށް ލިބެންފެށީ އެރޭ އިރުއޮއްސޭކަންހާއިރު އެހިސާބުގެ ރަށްތަކަށް ލައްގަންފެށި އެއްޗިހިތަކުން އެވެ. ޑްރަގްކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ގިނަ އަދަދަދަކަށް ހއ.އުލިގަމަށް ލައްގަމުންދިޔައިރު އެހިސާބު ކައިރި ރަށްތަކަށްވެސް މިޒާތުގެ ތަކެތި ލައްގަމުން ދިޔަ އެވެ. މިތަކެތި އެންމެ ގިނައިން ލައްގަމުންދިޔައީ އުލިގަމަށެވެ. އެހެންކަމުން ރަށުގެ ރައްޔިތުންނަށް ފުރަތަމަ އެއީ ކޯޗެއްކަން ވެސް ނޭނގުނެވެ. އެތަކެތި ވަރަށް ފަސޭހައިން އާންމުންގެ ތެރެއަށް ދޫވެގެންދިޔުުގެ ފަހިމަގެއް ތަނަވަސްވެގެން އޮތީ ގޮސްފަ އެވެ.
މިހާދިސާ އާއި ގުޅޭގޮތުން އުލިގަމު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޒިޔާދު "އަވަސް"އަށް ވިދާޅުވީ އުލިގަމު އޮންނަ ސަރަހައްދަކީ އާންމު ގޮތެއްގައިވެސް ކާގޯ ބޯޓުތައް ދަތުރުކުރާ ވަރަށް ބޮޑަށް ހުޅުވިފައިވާ ސަރަހައްދަކަށް ވުމުން މިފަދަ ހާދިސާއެއް ހިނގައިގެން ދިޔައިރު ރައްޔިތުންނަށް ރައްކާތެރިކަން އޮތް މިންވަރާމެދު ސުވާލުއުފެދޭކަމެށެވެ. އެސަރަހައްދުގައި ހިނގާކަންކަން ބަލާ ރާޑަރު ސިސްޓަމެއް ގާއިމްކުރެވި ހއ. އުލިގަމުގައި އެމް.އެން.ޑީ.އެފް މެރިން ރެސްކިޔު ކޯޑިނޭޓް ސެންޓަރ ގާއިމްކޮށްފައި ވާއިރު ، މިފަދަ ހާދިސާއެއް ހިނގައި ދިޔުމުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ހުރި މިންވަރާމެދު ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތްކަމަށް ޒިޔާދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުން ތަކެއް އެބަހުރި މިކަމުގައި. މިހާދިސާ އެހާބޮޑު ކަމަކަށް ނަހަދާ ވަރަށް އާދައިގެ ގޮތަކަށް މިދިޔައީ. މިކަން ހިނގީ އެދުވަހު ހެނދުނު ގާތްގަޑަކަށް 10:30 އެހާއިރު އަޅުގަނޑުވެސް ބަލަހައްޓައިގެންހުރިން ވަރަށް ބޮޑަށް ދުން އަރަމުންދިޔަ. އެކަމަކު އެރޭ މިތަކެތި ރަށްތަކަށް އެހާ ގިނައިން ލެއްގުމުގެ ޗާންސުއެހާބޮޑަށް ލިބިގެން މިދިޔައީ ކީއްވެތޯ ސުވާލުއުފެދޭ. އެތަކެތި ކަނޑުތެރެއަށް ފެތުރި ރަށްތަކާއި ހަމައަށް އައިރު ފުލުހުންނާއި ސިފައިން އެތަން ބަލަހައްޓަން ތިބި. އެ ކަނޑުތެރެއަށާއި ރަށްތަކަށް ފެތުރިގެންދާން ޖެހުނު ސަބަބެއް އޮންނާނެ،" އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ޒިޔާދު ވިދާޅުވިއެވެ.
މި ބޯޓުން ތަކެތި މިހާރުވެސް ލައްގަމުންދާކަމަށާއި މިހާރު ސީދާ ޕެކެޓްގެ ގޮތުގައި ތަކެތި ލައްގަމުންނުދާކަމަށް ޒިޔާދު ވިދާޅުވިއެވެ.
"މިހާރު ބޮޑަށް ވިރިގެންގޮސްފައި ހުންނަ ތަކެތި މިއަންނަނީ. އެކިގޮތްގޮތަށް ބަންދުކުރެވިފައިހުރި ޕެކެޓްތަކެއް މިލެއްގީ. ކެޝުލްނަޓްގެ ގޮތުގައި ބަންދުކުރެވި އޭގެ ތެރޭގައި ލޭޔަރެއް ލެވި އޭގެތެރެއަށް ކޮންމެސް ވަރަކަށް ކެޝުލްނަޓް އެޅި އޭގެ އަޑީގައި މި ޕެކެޓް ބަންދުކުރެވިފައިހުރީ. އެކިގޮތްގޮތައް ޑަބިޔާތަކާއި ދަޅުތަކުގެ ބަންދުކުރެވިފައި އައިސްފައި މިހުރީ." ޒިޔާދު ވިދާޅުވިއެވެ. ޒިޔާދު ވިދާޅުވީ އެސަރަހައްދަށް އެމް.އެން.ޑީ.އެފް އާއި ފުލުހުން ޑައިވްކޮށް ބަލަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ.
އުލިގަމާއި އިންނަފިނޮޅު ހިމެނޭ ސަރަހައްދަކީ ހުއްޓާނުލާ ކާގޯ ބޯޓު ދަތުރުކުރާ ސަރަހައްދެކެވެ. ޒިޔާދު ވިދާޅުވީ، 24 ގަޑީރު ބެލެހެއްޓެމުންދާތަނަކަށްވާއިރު މިފަދަ ހާދިސާތައް ހިނގާއިރު ގިނަފަހަރަށް އެކަން ފުރަތަމަ އެނގެނީ މަސްވެރިންނަށް ނޫނީ އެސަރަހައްދުން ދަތުރު ކުރަމުންދާ ބަޔަކަށެވެ. ޒަމާނީ ވަސީލަތްތައް ގާއިމްވެފައި ހުންނަ އިރުވެސް މިސަރަހައްދުގެ ކަންކަން ނުބެލެހެއްޓޭތީ މަސްވެރިންގެ ކަންބޮޑުވުން ފާޅުކުރާ ކަމަށް ޒިޔާދު ފާހަގަކުރެއްވި އެވެ.
"އަވަސް"އާ ވާހަކަ ދެއްކި މައުލޫމާތު އެނގިހުރި ފަރާތަކުން ބުނި ގޮތުގައި މިއީ މިބޯޓް ރާއްޖެ އައި ފުރަތަމަ ފަހަރެއް ނޫނެވެ. ކުރިންވެސް ރާއްޖެ އައިސްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ތިން ފަހަރެއްގެ މަތިން މި ބޯޓު ރާއްޖެ އައިސްފައިވާއިރު އެއް ފަހަރު ހުންގާނު މައްސަލަޔެއް ޖެހިގެން އެހީއަށް އެދިފައިވާކަމުގެ މައުލޫމާތުވެސް ލިބިފައިވާކަން އެ ފަރާތުން އަވަސް އަށް ބުންޏެވެ.
މިބޯޓު ފަރުމައްޗަށް އަރައިގެން އުޅެނިކޮށް ފެނިފައިމިވަނީ ވަދާ ދާން ނިކުމެ އުޅުނު ބަޔަކަށެވެ. އެ ދޯނީގައި އިސްކޮށް ހުރި، އަހުމަދު ޝިނާން ބުނި ގޮތުގައި އޭނާ އާއި އިތުރު ދެ އެކުވެރިންފަތިހު 4:15 ހާއިރު އުލިގަމުން ފުރައިގެން ދަނިކޮށް އިންނަފިނޮޅާ ހިސާބަށް ބައްތިއެއް ދިއްލާތަން ފެނިގެން މަޑުކުރި ކަމަށެވެ.
"އެއީ ފަތިހު 5:30 ހާއިރު. ދެން އިނގިއްޖެ ޔަޤީނުންވެސް ބޯޓެއްކަން އަރައިގެން އުޅެނީ. ދެން އަޅުގަނޑު ވަރަށް މަސައްކަތްކުރިން އެމް.އެން.ޑީ.އެފްގެ އޮފީހަށް ގުޅޭތޯ އުލިގަމުގައި އިންނަ. ދެން އެތަނުން ފޯނުނުނެގީމަ އަޅުގަނޑު ބައްޕައަށް ގުޅާފައި ބުނީ ވަރަށް އަވަހަށް އެމް.އެން.ޑީ.އެފް އޮފީހަށް ގޮސް ބުނާށޭ ބޯޓެއް ފަރަށް އަރާފައި އެބައޮތޭ. ދެން ގޮސް ބުނީމާ އެބޭފުޅުން އަޅުގަނޑަށް ގުޅާފައި މައުލޫމާތު ސާފުކުރި ކޯއްޗެއްތޯ. ބޯޓެއްތޯ؟ ރާއްޖެ އެއްޗެއްތޯ އާއި ބޭރު އެއްޗެއްތޯ؟. ދެން އެމް.އެން.ޑީ.އެފް ބޭފުޅުން ވިދާޅުވީ ދިޔަޔަސް މައްސަލައެއްނެތޭ. އެހިސާބުން ދެން އަޅުގަނޑުމެން ދިޔައީ،" މިކަން ހިނގައިދިޔަ ގޮތް ކިޔައިދެމުން ޝިނާން ބުންޏެވެ.
ޝިނާން ބުނީ އެތާ ކައިރީ އެމީހުން ތިބި އިރު އެއްވެސް އެއްވެސް ވަރަކަށް އެ ބޯޓުން އެހީތެރިކަމަށް ނޭދޭކަމަށާއި އިރުއިރުކޮޅާއި އޭތި ދުއްވުމަށް މަސައްކަތް ކުރާތަން ފެންނަކަމަށެވެ. ނަމަވެސް ބޯޓުގެ ބޭރުން އެއްވެސް ވަރަކަށް މީހަކު ނުފެންނަކަމަށް ޝިނާން ބުންޏެެވެ. އެހެންކަމުން އެހިސާބުން އެމީހުންނަށްވެސް މިއީ ރަނގަޅުކަމަކައިގެން އުޅޭ ބަޔެއްނޫންކަން ޝައްކު ކުރެވުނު ކަމަށް ޝިނާން ބުންޏެވެ. އޭނާ ބުނީ އާންމުކޮށް ފަރަށް އަރާފައި އޮންނަ ބޯޓްތަކުން އެހީއަށް އެދި ހަނާއަޅާ ނަމަވެސް، އެ ބޯޓުން އެފަދަ އެއްވެސް ނިޝާނެއް ނުފެނުންކަމަށެވެ
ޝިނާން ބުނީ އެމްއެންޑީއެފް އިން އެތަނަށް އެޓެންޑް ކުރީ، އެ މީހުން މަސްވެރިކަމަށް ގޮސްފައި އެނބުރި އައި މަގުމަތީގައި ކަމަށެވެ. އެެއީ އެ މީހުން އެނބުރި އުލިގަމަށް މިސްރާބު ޖެހި އިރު އެމްއެންޑީއެފްގެ ލޯންޗެއް ބޯޓާ ކައިރީ ކުރަނީ ކަމަށް ޝިނާން ބުންޏެވެ. އަދި ސިފައިންގެ ދެ މީހަކު ލޯންޗުން ފުންމާލައިގެން ބޯޓާ ދިމާލަށް ފަތައިގަތް ތަނުން އެ ބޯޓުގައި އަލިފާން ރޯކޮށްލި މަންޒަރު ފެނުނު ކަމަށް ޝިނާން ބުންޏެވެ.
"ވަކިހިސާބަކަށް ކައިރިވިތަނާ ދެން ފެނުނު ބޯޓުގެ ތިބި މީހުން ބޭރަށް ނިކުމެ އުޅޭތަން. ތަންމަތި ކަހަލަ އެއްޗެއް ބަނދެގެން ކޮންމެ މީހަކު އަތުގައި އޮތް ތަންފެނޭ. ދެން އެންމެން އެއްތާކަށް ޖަމާވާތަން ފެނުނު. އެކަމަކު އެކަކު ވަކިން އުޅޭތަން ފެނުނު. ދެން އިރުކޮޅަކުން ފެނުނީ ދުން އަރާތަން. އެހިސާބުން އިނގުނު ރޯކޮށްލީކަން. ވަރަށް ބާރަށް ދެތިން އަޑެއްވެސް އިވުނު ރޯކޮށްލިތަނާ. " ހާދިސާ ހިނގާދިޔަ ގޮތް ކިޔައިދެމުން ޝިނާން ބުންޏެވެ. އެމީހުން ބޯޓުން ފުންމާލީމާ ދެން އެމް،އެން،ޑީ،އެފް ލޯންޗަށް އެމީހުން ނެގީކަމަށް ޝިނާން ބުންޏެވެ. މިހުރިހާ ކަމެއް ނިމި ޝިނާންމެން ރަށަށް ދާން ފުރީ އެދުވަހު މެންދުރު 11 ޖަހަން އުޅެނިކޮށްކަމަށް ޝިނާން ބުންޏެވެ.
މިހާދިސާ ހިނގުމާއެކު ބޯޓެއް ފަރަށް އަރައިގެން އޭގެން ތަކެތި ލައްގަފާނެތީ، ލައްގާތަކެތީގެ މައުލޫމާތު ފުލުހުންނާއި ސިފައިންނަށް ހިއްސާކުރުމަށް ރައްޔިތުންނަށް އެންގި ކަމަށް އުލިގަމު ކައުންސިލްގެ ނައިބު ރައީސް ޒިޔާދު ވިދާޅުވި އެވެ. އެއާއެކު ރައްޔޔިތުންގެ ކަންބޮޑުވުންތައް ފާޅުކުރަން ފެށިކަމަށް އުލިގަމު ކައުންސިލްގެ ޒިޔާދު ވިދާޅުވިއެވެ.
"ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އޮތް. ވާނުވާ ނޭންގޭތީ. ފުލުހުންނަށް މިމަޢުލޫމާތު ލިބިފައިވީނަމަވެސް ރަށްރަށުގެ ރައްޔިތުންނަށް ލިބިފައިނުވާތީ އެކަމުގެ ކަންބޮޑުވުން އޮތް ވަރަށް ބޮޑަށް. " ޒިޔާދު ވިދާޅުވިއެވެ. ޒިޔާދު ވިދާޅުވީ ފަހަރެއްގައި ފުލުހުން ރައްޔިތުންނާ ހަމައަށް މިމައުލޫމާތު ސާފުކޮށްދީފައިނުވަނީ މިމައްސަލަޔަށް ހުރަސް އެޅިދާނެތީކަމަށް ވުން އެކަށީގެންވާކަމަށާއި ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުމަކީ މިތަކެތި ރަށްތަކަށް ލައްގާ ފަސޭހައިން އެންމެންނަށްވެސް މިތަކެއްޗާ ހަމައަށް ވާސިލްވުމުގެ މަގު ތަނަވަސްވެފައި އޮތުމުން ކަމަށެވެ.
ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށްވާއިރު މިސަރަހައްދުން މަސްތުވާތަކެއްޗާއި ހަތިޔާރު ހިފައިގެން ބޯޓުފަަހަރު ދަތުރުކުރާކަމުގެ ވާހަކަޔަކީ ދޭތެރެ ދޭތެރެއިން ދައްކާ ވާހަކަތަކެކެވެ. ރާއްޖޭގެ ކަނޑުގެ ސަރަަހައްދު ބެލެހެއްޓުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވަމުންދާއިރު މިފަދަ ހާދިސާތަކުން ރައްޔިތުން ސަލާމަތްވާނެކަމުގެ ޔަގީންކަން ކޯސްޓްގާޑުން މި ވަނީ ރައްޔިތުންނަށް ހޯދައިދޭން ޖެހިފަ އެވެ.