ހަބަރު

މަހުލޫފް ގާޒީ އަށް: އިންސާފުވެރި ހުކުމެއް އިއްވައިދެއްވާ

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ، ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއާ ގުޅިގެން އިންސާފުވެރި ހުކުމެއް އިއްވުމަށް މިއަދުުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީގެ ކިބައިން މަހުލޫފް އެދިވަޑައިގެންފި އެވެ.

ޖެނުއަރީ މަހު ލަންކާގައި ހުންނަވާ މަހުލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މާފުށީ ޖަމުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި ސީދާ މަރަނީ ކަމަށެވެ. އެކަށީގެންވާ ފަރުވާއެއް ނުދީ ގައިދީން މަރާލަނީ ކަމަށެވެ. އެކަމުގެ ޒިންމާ ކަރެކްޝަން ސާވިސްއިން ނަގަން ޖެހޭނެ ކަމަށް އެ ޓްވީޓްގައި އޭނާ ވިދާޅުވެފައިވެ އެވެ.

މިއަދުގެ ޝަރީއަތަކީ މަހުލޫފްގެ މައްޗަށް އުފުލާފައިވާ ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެކިތަކާއި ބެހޭ ގޮތުން ބަހުސް ކުރުމެވެ.

މިއަދުގެ ޝަރީއަތުގައި މަހުލޫފް ކޯޓަށް ހާޒިރުވެފައިވަނީ ވަކީލަކާ ނުލަ އެވެ. ވަކީލަކާއެކު ކޯޓަށް ހާޒިރުވުމަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ މަހުލޫފަށް ކޯޓުން ފުރުސަތު ދީފަ އެވެ. ވަކީލަކާއި ނުލާ ކޯޓަށް ހާޒިރުވުމުން މައްސަލާގައި ވަކާލާތު ކުރަން ޖެހުނީ މަހުލޫފް އަމިއްލަ އަށެވެ.

މިއަދުގެ ޝަރީއަތުގައި މަހުލޫފް ވިދާޅުވީ، އެ ޓުވީޓު ކުރެއްވީ މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ގ. ކީމާގޭ އަބްދުﷲ ރަޝީދު މަރުވުމާ ގުޅިގެން ކަމަށާއި އޭނާ މަރުވި މައްސަލަ ފުލުހުންނާއި އެޗްއާރުސީއެމުން ތަހުގީގު ކުރަމުންދާކަން އިނގޭ ކަމަށެވެ. އަދި މި މައްސަލައިގެ ކުށް އޭނާގެ މައްޗަށް ސާބިތުވެފައި ވަނިކޮށް، މަރުގެ މައްސަލައިގައި އިހުމާލުވާ ކަމަށް ކަނޑައަޅައިފި ނަމަ، ގެއްލުމުގެ ބަދަލު ދޭނީ ކާކުތޯ މަހުލޫފް ވަނީ ސުވާލު ކޮށްފަ އެވެ.

މަހުލޫފް ވިދާޅުވީ، އެގޮތަށް ޓްވީޓް ކުރައްވާފައިވާނެ ކަމަށާއި ޓްވީޓް ކުރުމަކީ މަނާ ކަމެއް ނޫން ކަމަށާއި އަދިވެސް ޓްވީޓް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ، ޖަލުތަކުގައި އަމަލު ކުރަމުންދާ ގޮތާއި ގުޅިގެން ކުރިންވެސް ޓްވީޓް ކޮށްފައިވާނެ ކަމަށާއި އެކަންކަމާއި ގުޅޭގޮތުން ޓްވީޓް ކުރައްވަނީ އަމިއްލަ އަށް އެކަން އިހްސާސް ކުރެވިފައިވާތީ ކަމަށެވެ.

އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ލޯ އިންފެކްޓުވި އިރުވެސް ލޮލަށް އަޅަން ބޭސް ނުދޭ ކަމަށާއި ބައެއް ގައިދީންނަށް ބޭސްފަރުވާ އަށް އެދޭތާ ތިން މަސް ފަހުން ވެސް އެކަން ހަމަޖައްސާ ނުދޭ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވަނީ މި މައްސަލައަކީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ދައުވާ ނުކުރެވޭނެ މައްސަލައެއް ކަމަށާއި އޭނާގެ މައްޗަށް ކުރަން ޖެހޭނީ އެހެން ދައުވާއެއް ކަމަށެވެ. އެއީ ކަރެކްޝަނަލް ސާވިސްއަކީ ގާނޫނު ތަންފީޒުކުރާ ބަޔެއް ނޫން ކަމަށާއި ގާނޫނު ތަންފީޒު ކުރާ އިދާރާތައް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްދީފައިވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލް ޝަކްރުﷲ ޝަކީލް ވިދާޅުވީ، މަހްލޫފްގެ ޓުވީޓަކީ ދައުލަތުގެ ހުރިހާ އިދާރާއެއް ޝާމިލްވާ ގޮތަށް ކުރެއްވި ޓުވީޓެއް ކަމަށާއި އެކަމުގެ މައުލޫމާތު ކަރެކްޝަނަލް ސާވިސަށާއި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި ޖަލުގައި ގައިދީން މަރުވަނީ ކަރެކްޝަނަލް ސާވިސްގެ އިހުމާލުން ކަން ތަހުގީގީ އެއްވެސް އިދާރާއަކުން މިހާތަނަށް ހާމަކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަކްރުﷲ ވިދާޅުވީ، މި މައްސަލައާ ގުޅިގެން ކަރެކްޝަނުން ހުށަހެޅި ސިޓީން މަހްލޫފްގެ ޓުވީޓުގައި ހުރި ވާހަކަތަކަކީ ދޮގު މައުލޫމާތުތަކެއް ކަން އެނގޭ ކަމަށާއި ދައުލަތުން ހުށަހެޅި ހެކިތަކުންވެސް ޝައްކެއް ނެތް މިންވަރަށް މައްސަލަ ސާބިތުވާނެ ކަމަށެވެ. އަދި މަހުލޫފް ކުރެއްވި ޓްވީޓްފައި ވަކި މުއައްސަސާއެއް ޓެގް ކޮށްފައިނެއް ނަމަވެސް އެ ޓުވީޓަކީ އާންމު މައުލޫމާތެއް ދިނުންމަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަށް މަހުލޫފް ވިދާޅުވީ، ކަރެކްޝަނުން ހުށަހެޅި ސިޓީގައި އޭނާ ކުރެއްވި ޓުވީޓްގައި ހިމެނޭ މައުލޫމާތު ތަކަކީ ދޮގު މައުލޫމާތެއް ކަން ބަޔާންކޮށްފައިނުވާ ކަމަށާއި ދައުލަތުން ހުށަހެޅި ހެކިތަކުންވެސް ދޮގު މައުލޫމާތެއް ދީފައިވާ ނުވާކަން އެނގެން އޮންނަ ކަމަށެވެ.

ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކަވައި ނިމުމުން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ދެން އޮންނަ އަޑުއެހުމެއްގައި ހުލާސާ ބަޔާން ހުށަހެޅުން އޮންނާނެ ކަމަށާއި އަޑުއެހުން އޮންނަ ތާރީހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވެ މިއަދުގެ ޝަރީއަތް ނިންމާލައްވާފަ އެވެ.

މި މައްސަލައިގެ ކުށް މަހުލޫފްގެ މައްޗަށް ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ އެވެ. މީގެކުރިން ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަމުގެ ދެ ދައުވާއެއް ސާބިތުވެ މަހުލޫފް ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވައިފަ އެވެ.

މިހާރު ވެސް އިތުރު ދައުވާތަކެއް މަހުލޫފަށް ކުރެ އެވެ. އެގޮތުން މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާއިރު މާލޭގައި ކުރި މުޒާހަރާއެއްގައި ބައިވެރިންނަށް މާސްކް ބެހި މައްސަލާގައި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ.