ދުނިޔެ

ގުއާޓެމާލާގެ އަލިފާންް ފަރުބަދައެއް ގޮވައި ހަތް މީހުން މަރުވެއްޖެ

މެދުތެރޭ އެމެރިކާ ސަރަހައްދުގެ ގުއާޓެމާލާގައިވާ ފުއޭގޯ ނަމަކަށް ކިޔާ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ހަތް މީހަކު މަރުވެ 300 ވަރަކަށް މީހުން ޒަހަމްވެއްޖެ އެވެ.

ގުއާޓެމާލާގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ އެގައުމުގެ ވެރިރަށް ގުއާޓެމާލާ ސިޓީގެ ހުޅަނގު ދެކުނުން 25 މޭލު ދުރުގައިވާ ފުއޭގޯ އަލިފާން ފަރުބަދައިން މިހާރުވެސް ކަޅު ދުމާއި އަޅި ބޭރު ވަމުންދާ ކަމަށެވެ. މީހުން މަރުވުމާއި މީހުން ޒަހަމްވީ އެ ފަރުބަދައިގެން ފޭބި ވިރިކެކޭ ހިލައިގެ ސައިލެއް މީހުން އުޅޭ ރަށަކާ ހިސާބަށް ދެމިގެން ދިއުމުން ކަމަށް ވެސް ބުންޏެވެ.

އަލިފާން ފަރުބަދަ ގޮވަމުން ދާތީ ގުއާޓެމާލާ ސަރުކާރުން ވަނީ އެތައް ސަރަހައްދަކުން މީހުން ހުސްކޮށް ވެރިރަށުގެ ލަ އަރޯރާ އެއާޕޯޓް ބަންދު ކޮށްފަ އެވެ. އެ ގައުމުގެ ރައީސް ޖިމީ މޮރާލްސް ބުނީ ކުއްލި ހާލަތުގައި މީހުންނަށް އެހީތެރިވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ގުއާޓެމާލާ ސަރުކާރުން ބުނީ އަލިފާން ފަރުބަދަ ގޮވުމުގެ އަސަރު މިލިޔަނެއްހާ މީހުންނަށް ކޮށްފައިވާ ކަަމަށެވެ. އަލިފާން ފަރުބަދައިން ނުކުންނަމުންދާ އަޅިތައް އެ ގައުމުގެ އިދާރީ ހަތަރު ސަރަހައްދަށް ވެހެމުން ދާއިރު މާސްކު އަޅައިގެން ނޫނީ ގެއިން ބޭރުގަައި ނޫޅުމަށް ވަނީ އިރުޝާދު ދީފައެވެ.