ދުނިޔެ

ތޫނިސްގެ ބޯޓެއް ބަންޑުންޖަހާލައި 48 މީހުން މަރުވެއްޖެ

ޔޫރަޕަށް ހިޖުރަކުރަން ތޫނިސް އިން ފުރި ބަޔަކު ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލައި އެއިން ގާތްގަނޑަކަށް 48 މީހުން މަރުވެއްޖެ އެވެ.

ތޫނިސް ސަރުކާރާ ހަވާލާދީ ބީބީސީ ބުނީ ބޯޓު ބަންޑުން ޖަހައިލުމުގެ ހާދިސާ ހިނގީ އެ ގައުމުގެ އިރުމަތީ އައްސޭރިފަށުގެ ކައިރީގައި ކަމަށާއި ބަންޑުން ޖަހައިލި ބޯޓުން ދަތުރުކުރި 67 މީހަކު ސަލާމަތް ކޮށްފައިވާ ކަމަށެވެ.

ބަންޑުން ޖަހައިލި ބޯޓުގައި 180 މީހުން ތިއްބެވެ. އޭގެ ތެރޭގައި ގިނައީ ތޫނިސްގެ މީހުން ކަމަށް ތޫނިސްގެ އިންޓީރިއާ މިނިސްޓްރީން ބުންޏެވެ.

އެމިނިސްޓްރީން ބުނީ ބޯޓު ބަންޑުން ޖަހައިލީ ކިރުކިންނާހް ޖަޒީރާތަކުގެ ފަސް މޭލު ބޭރުން ކަމަށެވެ. މީހުން ހޯދައި ސަލާމަތް ކުރުމަށް ތޫނިސްގެ ސިފައިން ހިންގި އޮަޕަރޭޝަން މިހާރު ވަނީ މެދުކަނޑާލާފަ އެވެ. އެކަމަކު އެ މަސައްކަތް މިއަދު އަލުން ފަށާނެ އެވެ.

ބޯޓުން ސަލާމަތްވީ އެކަކު ރޮއިޓާސްއަށް ބުނެފައި ވަނީ ބޯޓް ފެތެން ފެށުމުން ކެޕްޓަން ފިލާފައިވާ ކަމަށާއި އެއީ ހައްޔަރު ނުވާން ވެގެން ކަމަށެވެ. އެހެން މީހަކު ބުނީ ބަންޑުން ޖަހައިލި ބޯޓަކީ 90 މީހުންގެ ޖާގައިގެ ބޯޓެއް ކަމަށެވެ.

ލީބިޔާ މަގުން ހިޖުރަކުރަން މަސައްކަތް ކުރި މީހުންނަށް އަނިޔާކޮށް މެރުމާއި އަޅުވެތި ކުރުން ފަދަ ކަންތައްތައް ހިންގާކަން ފަޅާ އެރި ފަހުން، ހިޖުރަކުރާ މީހުންގެ އާ މަގަކަށް މިހާރު ވެފައި ވަނީ ތޫނިސް އެވެ. އެއީ ލީބިޔާގައި ހިންގި ޖަރީމާތައް ފަޅާއެރުމުން އެ ގައުމާ ދެކޮޅަށް ގައުމުތަކުން ވަރުގަދަ ފިޔަވަޅުތައް އަޅާފައިވާތީ އެވެ.

ތޫނިސްއާއި އެފްރިކާގެ އެހެން ގައުމުތަކުގެ ވަޒީފާނެތް މީހުން އެ ގައުމުން ފުރައިގެން އިޓަލީގެ ސިސިލީއަށް ހިޖުރަ ކުރުމަކީ އާއްމު ކަމެކެވެ. މި ހާދިސާ އިއްތިފާގުން ހިނގާފައި މިވަނީ ސިސިލީ އަކީ ޔޫރަޕްގެ ރެފިއުޖީ ކޭމްޕްގެ ގޮތުގައި އޮތް އޮތުން ނިމުކަށް އަންނަން ޖެހޭ ކަމަށް އިޓަލީގެ އާ އިންޓީރިއާ މިނިސްޓަރު ވިދާޅުވި ދުވަހުއެވެ.