ގއ. ދާންދޫގައި ރޭ މާރާމާރީއެއް ހިންގައި ކުއްޖަކު ޒަހަމްކޮށްލާފައިވާއިރު، އެކަމުގައި ޝާމިލުވަނީ މުޅިން ވެސް ސްކޫލް ކުދިންނާއި 18 އަހަރުން ދަށުގެ ކުޑަކުދިން ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ. ކުޑަ ކުދިންތަކެއް ނުރައްކާތެރި މާރާމާރީއެއްގައި ޝާމިލުވެފައިވާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ދާންދޫގައި ރޭ ހިނގި މާރާމާރީގައި 17 އަހަރުގެ ކުއްޖެއްގެ ކަރަށް ވަޅިއެއް ހަރައި ވަނީ ޒަހަމް ކޮށްލާފަ އެވެ. އެ ހަމަލާ ދިނީ އެރަށު ސްކޫލުގެ ދަރިވަރެކެވެ. ޒަހަމްވި ކުއްޖާގެ ކަރަށް ދިން ހަމަލާއިން ހަތަރު ވަރަކަށް އިންޗީގެ ފުނަށް ތަންގަނޑެއް ކަފައިގެން ދިޔަ އެވެ. ނަމަވެސް ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމަށްފަހު އެ ކުއްޖާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުދިންގެ ގްރޫޕަކުން ރޭ މާރާމާރީ ހިންގާފައިވަނީ ބައިސްކަލެއްގެ މައްސަލާގަ އެވެ.
"އަނިޔާ ލިބުނު ކުއްޖާގެ ހާލު މިހާރު ރަނގަޅު. އެކަމަކު ކުޑަ ކުދިންތަކެއް މިފަދަ އަމަލެއްގައި ޝާމިލުވުމަކީ އޭގެ ޒާތުގައި ވަރަށް ކަންބޮޑުވާ މައްސަލައެއް. މިކަމަށް ބެލެނިވެރިން މިހާރަށްވުރެ ކަންބޮޑުވާންޖެހޭ. ހޭލަންޖެހޭ. އަޅުގަނޑުމެންވެސް މިދަނީ މުއައްސަސާތައް ގުޅިގެން މި ފަދަ މައްސަލަތަކަށް ކުދިންނާ ބެލެނިވެރިން ހޭލުންތެރިކުރަން ޕްރޮގްރާމްތަކެއް ރާވަން މަސައްކަތް ކުރަމުން،" ދާންދޫ ކައުންސިލުން ބުންޏެވެ.
ކުޑަކުދިންތަކެއް މާރާމާރީއެއް ހިންގާފައިވާއިރު ކުށްތަކަށް އަރާ ކުދިން ގިނަ ކަމަށް ޖެންޑާ މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ. އެގޮތުން ވައްކަމާއި މާރާމާރީއާއި މަސްތުވާ ތަކެތި ބޭނުން ކުރުމާއި ވިއްކުން ފަދަ ކުށްތަކަށް ކުޑަކުދިން އަރައިގަންނަ މިންވަރު އިތުރު ވެފައިވާކަން އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. ފާއިތުވި ތިން މަހުގެ ތެރޭގައި އެކި ކުށްތަކަށް ކުޑަކުދިން އަރައިގަތުމުގެ 37 މައްސަލައެއް ޖެންޑާއަށް ހުށަހެޅި އެވެ. އޭގެ ތެރޭގައި ވައްކަން ކުރުމުގެ 10 މައްސަލައާއި މާރާމާރީގެ 8 މައްސަލަ އަދި މަސްތުވާ ތަކެތިން ބޭނުންކުރުމާއި ވިއްކުމުގެ މައްސަލަތައް ހިމެނެ އެވެ.