ގއ. ދާންދޫގައި ބުރާސްފަތި ދުވަހުގެ ރޭ ހިންގި މާރާމާރީގައި އަނިޔާވި ތިން މީހުންގެ ތެރެއިން ހާލު ސީރިއަސްވެ މާލެ ގެނައި މީހާގެ ސިކުނޑިއާއި ލޮލަށް ގެއްލުން ވެފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.
އަނިޔާވި ތިން މީހުންގެ ތެރެއިން ދެ މީހަކަށް ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ފަރުވާދެމުންދާއިރު ހާލު ސީރިއަސްވެ އިއްޔެ މާލެ ގެނައި މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.
އާޢިލާގެ ފަރާތުން އަވަސްއާ ވާހަކަ ދައްކަމުން އަނިޔާވި މީހާގެ ބޭބެ، ޖިނާހު އަބްދުﷲ ބުނީ އޭނާގެ ކޮއްކޮގެ ބޮލުގެ ނާށިގަނޑަށް ގެއްލުންވެ ސިކުނޑިއަށް ލޭ އެޅިފައިވާއިރު އޭނާގެ ލޮލަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.
ޖިނާހު ބުނީ އޭނާގެ ކޮއްކޮއަށް ހަމަލާދީފައި ވަނީ ކޯންޗަކުން ކަން ނޭނގޭ ކަމަށާއި ބެލެވެނީ ކޮފީ ބޯން ބޭނުން ކުރާ ޖޯޑަކުން ކަމަށެވެ. އަދި އެ ހަމަލާދީފައި ވަނީ ކަންފަތާ ދިމާލުން ބޮލަށް ކަމަށެވެ.
"ކޮއްކޮއަކަށް ވެސް ނޭނގެ ހަމަލާދިނީ ކޯންޗަކުން ކަމެއް. ކޮއްކޮ ބުނަނީ ތޫނު އެއްޗެއް އެތާ ނެތް ކަމަށް. އެންމެ ފަސޭހައިން ހަމަލާ ދެވޭނީ ވެސް ކޮފީބޯން އިން ޖޯޑުން ކަމަށް. ކޮންމެވެސް ވަރަކަށް ކޮއްކޮގެ ހޭ ހުރޭ. އެކަމަކު ލޯ ފުސްވެ ބޮލުގަ ވަރަށް ބޮޑަށް ރިއްސާ ވާހަކަ ބުނަނީ. ޑޮކްޓަރުން ވިދާޅުވަނީ އޮޕަރޭޝަނެއް ކުރަން ޖެހުނަސް އެކަން އެނގޭނީ 48 ގަޑިއިރު ފަހުންނޭ،" އޭނާ ބުންޏެވެ.
ޖިނާހް ބުނީ އެ މާރާމާރީ ހިނގި ސީދާ ސަބަބު ވެސް އަދި މުޅީން ސާފު ނުވާ ކަމަށެވެ. އެކަމަކު މާރާމާރީ ހިންގި ދެ ގުރޫޕުގައި ހިމެނޭ މީހުންނަކީ ވެސް މީގެ ކުރިން އެފަދަ އެއްވެސް ކަމެއް ކޮށްފައިވާ ބައެއް ނޫން ކަމަށެވެ. އަދި ހަމަލާ ދީ ސީރިއަސް ހާލަތުގައި އޮތް އޭނާގެ ކޮއްކޮ އަކީ އެމީހުން ޒުވާބު ކުރާތީ ވެގެން އުޅެ ގޮތް ބަލަން އެތަނަށް ދިޔަ މީހެއް ކަމަށެވެ.
ދާންދޫ ކައުންސިލް ރައީސް އިސްމާއިލް މުހައްމަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރޭގެ ވަގުތެއްގައި ކުޑަކުދިން ހިމެނޭ ގޮތަށް ނުވަ މީހަކު ހައްޔަރު ކޮށްގެން ފުލުހުން ގޮސްފައިވާ ކަމަށެވެ. އަދި ހައްޔަރު ކުރި މީހުންނަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ ރިކޯޑު އޮންނަ ބައެއް ނޫން ކަމަށެވެ. އިސްމާއިލް އަދި ވިދާޅުވީ މި މާރާމާރީ އައީ ބަޔަކު މަގުމަތީގައި ހުތުރުބަހުން ވާހަކަ ދައްކާ އަޑުގަދަ ކުރާތީ އެ ހިސާބުގަނޑު މީހަކު އެކަން ހުއްޓުވުމުން ހިނގި ދެބަސްވުމެއްގެ ތެރެއިން ކަމަށެވެ.
ފުލުހުން ބުނީ މާރާމާރީގެ މި މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ނުވަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި މީގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަ ކުދިންވެސް ހިމެނޭ ކަމަށެވެ.