ބޮލީވުޑް

"ވީރޭ ދި ވެޑިން"ގައި ކަރީނާ 25 އަހަރު ކުރީގެ ހެދުމެއްގައި

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމު "ވީރޭ ދި ވެޑިން" އަކީ މިހާރު ބީޓައުންގައި އެންމެ އަޑުގަދަ ފިލްމެވެ. ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ވެސް ލިބެމުންނެވެ. ކާރީނާ ކަޕޫރް ޚާން، ސޯނަމް ކަޕޫރް އަހޫޖާ، ސުވަރާ ބާސްކަރް އަދި ޝިޚާ ތަލްސާނިއާ ލީޑުން ފެނިގެންދާ މި ފިލްމަށް ކްރިޓުކުން ވެސް އަންނަނީ ތައުރީފު އޮއްސަމުންނެވެ.

ސްޓައިލް، ގްލެމާ، ރިލޭޝަންޝިޕްސް އަދި ގޮސިޕްސްގެ މައްޗަށް އެކުލެވޭ މި ފިލްމަށް އެންމެ ބޮޑު ތަރުހީބެއް ލެބެނީ ފިލްމުގެ ލީޑުން ހުސް އަންހެން ތަރިން ފެންނާނީތަކަމަށް ބެލެވެ އެވެ. އެއީ މި ޒާތުގެ ފިލްމުތައް އާންމުކޮށް ނިކުންނަލެއް މަދުވުމުންނެވެ.

ފިލްމު ބެލުމަށްފަހު ބެލުންތެރިންގެ މެދުގައި ފިލްމާއި ގުޅޭގޮތުން އެންމެ ގަދައަށް ދެކެވެނީ މި އެކްޓްރެސުންގެ ހެދުން އެޅުމުގެ ސްޓައިލްތަކާއި މޭކަޕްގެ ވާހަކަތަކެވެ. މި ހުރިހާ އެކްޓްރެސުން ފިލްމުގެ ހުރިހާ ސީންނެއްގައި ހެދުން އަޅާފައި ހުރީ "ޕާފެކެޓް" ކޮށް ކަމަށް ފެޝަން ނިއުސްތަކުގައިވެސް ބުނެފައި އެބަ ހުއްޓެވެ.

އެންމެ ގިނަ ބައެއް ސަމާލުކަން ދަމައިގެންފައި ވަނީ މި ފިލްމުގައި ކަރީނާ އޭނާގެ ކައިވެނި ހަފްލާއަށް ލައިގެންހުރި ހެދުމަށެވެ. ނުވަތަ އިންޑިއާ މީހުން ކިޔާ ނަމުންނަމަ ލެހެންގާ އެކެވެ. މަޑު ރީނދޫ ކުލައިގެ ލެހެންގާ އެވެ. ކޮނޑުމަތިން ވައްޓާލާފައި ތިރިއަށް ދިގުކޮށް އިންނަ މި ލެހެންގާ ޑިޒައިންކުރީ އަބޫ ޖާނީ އަދި ސަންދީޕް ކޯޝާލް އެވެ.

އަބޫ އާއި ޝަންދީޕްއަކީ މި ފިލްމުގެ ހުރިހާ ކޮސްޓިއުމެއް ޑިޒައިންކުރުމާއި ހަވާލުވެގެން ތިބި ދެ މީހުންނެވެ.

މި ލެހެންގާގެ ވާހަކަ ދެކެވެމުން އަންނަނިކޮށް މިއީ 25 އަހަރު ކުރިން ތައްޔާރުކޮށްފައިވާ ހެދުމެއްކަން ވަނީ ހާމަވެފަ އެވެ. މިކަން ހާމަކުރީ ސަންދީޕް އޭނާގެ އިންސްޓަގުރާމް ސްޓޯރީގައި ކުރި ޕޯސްޓެއްގަ އެވެ.

"މިއީ އަހަރެމެން 25 އަހަރު ކުރިން ތައްޔާރުކުރި ހެދުމެއް. މި ހެދުން އޮތީ އަހަރެމެން ކުރީގެ ހެދުނަތައް އާޅާފައި އޮތް ފޮއްޓެއްގެ ތެރޭގައި. އެ އެއްޗެހި ހާވަނިކޮށް ފެނުނީ. މި ހެދުން ފެނުނީމަ އަލުން މީތީ ރީތިކޮށް ޑިޒައިންކޮށްލަން ބޭނުންވީ. އޭގެ ސްކާޓްއާއި ބްލައުސްވެސް ހަމަ ގާތްގަނޑަކަށް ކުރީގައި އިން ގޮތަށް އެއިނީ."

"އެންމެ ބޮޑު ބަދަލެއް އަހަރެމެން ހެދުން ފަތިޖަހާފައި ކަރީނާގެ ސައިޒަށް ހެޔޮވަރުކުރީ. ދެން ދުޕައްޓާއެއް ލާފައި ކުޑަކޮށް ޒަމާނީކޮށްލާފައި އިންނާނީ. ކަރީނާގެ ވެޑިންގައި އެންމެންވެސް ލައިގެން ތިބޭނީ އަހަރެމެން ކުރީގައި ފަހާފައި ހުރި ހެދުންތައް."