ދުނިޔެ

އުތުރު ކޮރެއާގެ ސިފައިންގެ އިސް ބައެއް ބޭފުޅުން ވަކިކޮށްފި!

އުތުރުކޮރެއާ ސިފައިންގެ އެންމެ އިސް ތިން ޖެނެރަލުންް މަގާމުން ވަކި ކޮށްފައިވާކަން އެނގިފަައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް ބުނެފި އެވެ. މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅުން ލަފާކުރައްވާ ގޮތުގައި އުތުރު ކޮރެއާގެ ލީޑަރު ކިމްޖޮން-އުން އެޅުއްވި މި ފިޔަވަޅަކީ އިގުތިސާދީ ތަރައްގީގެ މަސައްކަތް އަލުން ފެށުމަށާއި ދުނިޔެއާ ގުޅުން ބަދަހި ކުރެއްވުމަށް ކުރައްވާ މަސައްކަތަށް ބާރުދޭ ފިޔަވަޅުތަކެކެވެ.

ކިމް މިހާރު ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕާއެކު ބާއްވަވާ ތާރީހީ ބައްްދަލުވުމަށެވެ. އެ ބައްދަލުވުން އޮންނާނީ ޖޫންމަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގަ އެވެ.

ސިފައިންގެ އެންމެ އިސް ތިން ބޭފުޅުން ވެސް ވަކި ކުރައްވައި އެ މަގާމުތަކަށް ކިމް އެހެން ބޭފުޅުން ހަމަޖައްސަވާފައިވާ ކަމަށް ރޮއިޓާސްއަށް ވިދާޅުވީ އެމެރިކާގެ ނަން ހާމަނުކުރާ އޮފިޝަލެކެވެ. އޭނާ މިހެން ވިދާޅުވީ ދެކުނު ކޮރެއާ ސަރުކާރުގެ ޔޮންހަޕް ނިއުސް އެޖެންސީގެ ރިޕޯޓަކަށް ކޮމެންޓް ކުރައްވަމުންނެވެ.

ކިމް މި ފިޔަވަޅު އެޅުއްވި ސަބަބެއް އުތުރުކޮރެއާއިން އަދި ރަސމީކޮށް ހާމައެއް ނުކުރެއެވެ. އޭނާގެ މަގުސަދަކަށް ވެދާނެ އެއް ކަމަކީ އުތުކޮރެއިން ދުނިޔެއާ މުއާމަލާތް ކުރުމުގައި ތާރީހީ އާ ފިޔަވަޅުތަކެއް އަޅަމުން އަންނަ މި ދަނޑިވަޅުގައި ގައުމުގެ ކޮންޓްރޯލް އޭނާގެ އަތްޕުޅުގައި ފުރިހަމައަށް ބޭއްވެވުމެވެ.

" ކިމްޖޮން-އުން އުޅުއްވަނީ އެމެރިކާއާއި ދެކުނުކޮރެއާ ސުލްހަވެވަޑައިގަންނަވަން ކަމަށް ވަންޏާ އަދި އެންމެ ކުޑަމިނުން ނިއުކްލިއަ ޕްރޮގްރާމުން ބައެއް ވެސް ދޫކޮށްލައްވަން ކަމަށް ވަންޏާ، އޭނާއަަށް ޖެހިވަަޑައިގަންނަވާނީ ކޭޕީއޭ [ކޮރެއަން ޕީޕަލްސް އާމީ] ގެ ނުފޫޒު ފޮއްޓަކަށް ލައްވާފައި ބާއްވަވަން،" ކެން ގައުސް ރޮއިޓާސްއަށް ވިދާޅުވެފައި ވެއެވެ.

ކެން ގައުސްއަކީ ހިލޭ ސާބަހަށް މަސައްކަތްކުރަ ޖަމިއްޔާއެއް ކަަމަށްވާ ސީއެންއޭގެ އިންޓަނޭޝަނަލް އެފެއާޒް ގްރޫޕުގެ ޑައިރެކްޓަރެވެ. ގައުސް ވިދާޅުވެފައިވާ ގޮތުގައި އަސްކަރީ އިސް މަގާމުތަކަށް މިހާރު ގެންނަވާފައި ތިއްބަވާނީ ކިމްއަށް ވަފާތެރި ބޭފުޅުންނެވެ.