ދުނިޔެ

ޣައްޒާއިން އަނެއްކާވެސް ބޭސް ހުސްވަނީ

އިޒްރޭލާއި މިސްރުން ހިސާރުކޮށްފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ ފަލަސްތީނުގެ ޣައްޒާއިންް ބޭހާއި ސިއްހީ ފަރުވާއަށް ބޭނުން މުހިއްމު އެހެން ބައެއް ތަކެތި އިންތިހާއަށް މަދުވެ، ހުސްވުމުގެ ބިރު ހީވެއްޖެއެވެ.

ޣައްޒާގައި ހަމާސް އިން ގާއިމްކޮށްގައިވާ ސަރުކާރުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ޕަލެސްޓީނިއަން އިންްފޮމޭޝަން ސެންޓަރުން އިއްޔެ ބުނީ ބޭހުގެ ދަތިކަމާ ހެދި ޣައްޒާގެ ސިއްހީ ނިޒާމުު މުޅިން ހަލާކުވުމާ ކައިރިވެފައިވާ ކަަމަށެވެ. ހަމާސް ސަރުކާރުގެ ހެލްތު މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދެއްކެވި އޮފިޝަލުން ވިދާޅުވީ ޣައްޒާއިން ބޭހާއި ސިއްހީ އެހެން ތަކެތި މިހާ ބޮޑަށް މަދުވީ ޣައްޒާއާ އިޒްރޭލު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައި ކުރި މުޒާހަރާތަކާ ގުޅިގެން ކަމަށެވެ.

އެތައް އަހަރުވަންދެން ހިސާރުކޮށްފައި އޮތުމާއި އިޒްރޭލުން ދޭތެރެ ދޭތެރެއިން ދޭ ހަމަލާތަކުގެ ސަބަބުން ވީރާނާވެގައިވާ ޣައްޒާގެ ހޮސްޕިޓަލުތަކުން ބޭސް މުޅިން ހުސްވާ ހާލަތްތައް ކުރިން ވެސް އައިސްފައި ވެއެވެ.

އިޒްރޭލު އުފެއްދި އިރު ވަޒަނުން ބޭރުކޮށްލާފައިވާ ފަލަަސްތީނުމީހުން އެނބުރި އައުމުގެ ފުރުސަތު ދިނުމަށް ގޮވާލައި " ދަ ގްރޭޓް މާޗް އޮފް ރިޓާން" ގެ ނަމުގައި މާޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން މި މޭމަހުގެ 15 ވަނަ ދުވަހާ ހަމައަށް ޣައްޒާ ބޯޑަރުގައި މުޒާހަރާ ކުރިއެވެ. އެ ދުވަސްތަކުގައި އިޒްރޭލުން ދިން ހަމަލާތަކުގައި 100 އަށް ވުރެ ގިނަ މީހުން މަރުވެ، 13000 މީހުން ޒަހަމްވިއެވެ. އޭގެ ތެރެއިން 7000 މީހުންނަށް ފަރުވާ ދިނީ ޣައްޒާގެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ. އެހެން މީހުންނަށް ފަރުވާ ދިނީ މުޒާހަރާ ކުރަމުން ދިޔަ ސަރަަހައްދުގައެވެ.