ފެޝަން

މިއީ ޓީޝާޓެކަމެއް، ގަމީހެއް ކަމެއް ނޭނގެ!

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ފެޝަނަކީ އާޓެކެވެ. އެމީހަކު ބޭނުންގޮތަށް ބޭނުން ވައްތަރެއްގެ އެއްޗެއް ތައްޔާރުކޮށްލެވިދާނެ އެވެ. ބޭނުންވަނީ އެކަމުގެ ހުނަރެވެ. މީހުން އެ ކުރާ މަސައްކަތެއް ބަލައިގަނެ "ހާދަ ރީއްޗޭ" ބުނާ ވަރުގެ ހުނަރެވެ.

ލަގްޒަރީ ހެދުން ޑަޒައިންކުރާ ސްޕެއިންގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ބެލެންސިއާގާ" އިން އަލަށް ޑިޒައިނުކޮށް ބާޒާރަށް ނެރުނު "ޓީ-ޝާޓް ޝާޓް" ނުވަތަ ޓީޝާޓް ގާމީސްއަކީ ބޭނުން ގޮތަކަށް ހަދާލެވިދާނެއޭ މި ބުނާ އާޓަށް ވެދާނެ އެވެ.

މި ޓީޝާޓް ގަމީހުގައި އިންނަނީ ޓީޝާޓެއްގެ ކުރިމަތީގައި އަތްދިގު ޖަމީހެއް ހަރުކޮށްފަ އެވެ. ގިނަ ބަޔަކަށް މިކަން ބޮޑު ޖޯކަކަށްވީއިރު، މީގެ އަގު އިގިފައިވެސް މީހުން ދަނީ ސިހިގެންނެވެ. މީގެ އަގަކީ 1200 ޑޮލަރެވެ.

"ބެލެންސިއާގާ" ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މީއީ އަވަސް އަވަހަށް ހެދުން ބަދަލުކުރަން ބޭނުންވާ މީހުނަށް "ސަޅި" އެއްޗެއް ކަމަށެވެ. ޓީޝާޓް ލާން ބޭނުންވީމާ ޓީޝާޓް ލުމުން ކުރިމައްޗަށްވާ ގޮތަށް ގަމީސް އޮންނަނީ އެލިފަ އެވެ. ދެން އެ ގާމިސް ލާން ބޭނުންވީމަ، ގަމީސް ލީމާ ޓީޝާޓް އޮންނަނީ ފަހަތުން ތިރިއަށް އެލިފަ އެވެ.

މި ބްރޭންޑްގެ ޕްރޮޑަކްޓުތަކަށް އަބަދުވެސް ތަފާތު ފާޑުކިޔުންތައް އަމާޒުވެ އެވެ. މިގޮތަށް ފާޑުކިޔުންތައް ގިނަ ފަހަރަށް އަމާޒުވަނީ "ތާކުންތާކު" ނުޖެހޭ ޑިޒައިން ތަކަށް ސާމާނު ތައްޔާރުކުރުމަށްފަހު ބޮޑު އަގުގައި ބާޒާރަށް ނެރޭތީ އެވެ.