ވިޔަފާރި

ޕޯސްޓް ލިމިޓެޑު އައިލެންޑް އޭވިއޭޝަންގެ ސަބްސިޑަރީއަކަށް ބަދަލުކޮށްފި

Jun 4, 2018
2

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ސަބްސިޑަރީއެއްގެ ގޮތުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ބަދަލުކޮށް، ހިއްސާގެ އޮނިގަނޑަށް ބަދަލު ގެނެސްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ބުނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ އައިއޭއެސްގެ ހިއްސާގެ އޮނިގަނޑަށް ބަދަލު ގެނައުމާއެކު، ޕޯސްޓް ލިމިޓެޑުގެ ހިއްސާގެ 99 ޕަސެންޓް އައިލެންޑް އޭޝިއޭޝަނަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މި ބަދަލާއެކު ބާކީއޮތް އެއް ޕަސެންޓް ހިއްސާއަކީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) ގެ ހިއްސާ ކަމަށް ޕީސީބީ އިން ބުނެފައިވެ އެވެ.

ޕީސީބީއިން ބުނީ މި ބަދަލާއެކު ޕޯސްޓް ލިމިޓެޑުން ކުރަމުން ދިޔަ މަސައްކަތްތަކާއި ގާނޫނީ ގޮތުން ލިބިފައިވާ ހައްގުތަކާއި އުފުލަން ޖެހޭ ޒިންމާތަކާއި އަދި ކުންފުނީގެ އުފުލޭ މުދަލާއި އަދި ދަރަނި ހިއްސާގެ އޮނިގަނޑާއެއްގޮތަށް ބަދަލު ވެގެންދާނެ އެވެ.

ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ރާއްޖޭގައި ޕޯސްޓުގެ ހިދުމަތްދޭ ޕޯސްޓް ލިމިޓެޑް ކުންފުނިން ރާއްޖޭގެ 14 އަތޮޅެއްގައި ހިދުމަތްދެ އެވެ. އަދި ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަންއަކީ 2000 ވަނަ އަހަރު ސަރުކާރުން އުފެއްދި ކުންފުންޏެވެ.