މޯލްޑިވިއަން

ޕޯސްޓް ލިބުމުން ކާގޯގެ ހިދުމަތަށް ބޮޑު ބަދަލެއް އަންނާނެ: އައިއޭއެސް

ގައުމީ އެއާލައިން އޮފަރޭޓް ކުރާ، އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ސަބްސިޑަރީއެއްގެ ގޮތުގައި ހަމަޖެއްސުމުން ކާގޯގެ ހިދުމަތަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ގައުމީ އެއާލައިންއިން ބުނެފި އެވެ.

ގައުމީ އެއާލައިން އޮޕަރޭޓްކުރާ އައިއޭއެސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު މިއަދު "އަވަސް" އަށް ވިދާޅުވީ މި ބަދަލާއެކު، އެންމެ ބޮޑު ފައިދާއެއް ކުރާނީ ކާގޯގެ ހިދުމަތަށް ކަމަށެވެ.

"ދެ ކުންފުންޏަކީ ވެސް ކާގޯގެ ހިދުމަތުގައި އެކްޕަޓީސް ހުރި ދެ ކުންފުނި. ހާއްސަކޮށް ޕޯސްޓް. އެހެންވެ މީގެ ސަބަބުން ކާގޯގެ ހިދުމަތް ވަރަށް ބޮޑުތަން ރަނގަޅު ވެގެންދާނެ. ބޮޑު ބަދަލެއް އަންނާނެ،" ނަޝާތު ވިދާޅުވި އެވެ.

އައިއޭއެސްގެ ސަބްސިޑަރީއެއްގެ ގޮތުގައި ޕޯސްޓް ބަދަލުކޮށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ނެރެފައިވާ ނޫސް ބަޔާއެއްގައި ބުނީ، ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ އައިއޭއެސްގެ ހިއްސާގެ އޮނިގަނޑަށް ބަދަލު ގެނައުމާއެކު، ޕޯސްޓް ލިމިޓެޑުގެ ހިއްސާގެ 99 ޕަސެންޓް އައިލެންޑް އޭޝިއޭޝަނަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މި ބަދަލާއެކު ބާކީއޮތް އެއް ޕަސެންޓް ހިއްސާއަކީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) ގެ ހިއްސާ ކަމަށް ޕީސީބީ އިން ބުނެފައިވެ އެވެ