ތިމާވެށި

ޕްލާސްޓިކް ކޮތަޅުން ރާއްޖެ މިންޖުވާނީ ކޮންއިރަކު!

ދުނިޔޭގައި ކޮންމެ އަހަރަކު 500 ބިިލިއަނާއި ޓްރިލިއަނަކާ ދެމެދުގެ އަދަދަކަށް ޕްލާސްޓިކް ކޮތަޅު ބޭނުން ކުރެއެވެ. މިއީ ތަފާސް ހިސާބުތަކުން ދަައްކާގޮތެވެ. މާނައަކީ އެއީ މިނެޓަކަށް މިލިޔަނަކަށްވުރެ ގިނަ ޕްލާސްޓިކް ކޮަތަޅެވެ. ކޮންމެ ސިކުންތަކު 160،000 ޕްލާސްޓިކް ކޮތަޅު ދުނިޔޭގައި ބޭނުންކުރެ އެވެ. މީގެ ތެރެއިން 10 ޕަސެންޓް ޕްލާސްޓިކް ކޮތަޅު ބޭރުވަނީ ކަނޑުތަކަށެވެ.

ދިރާސާތަކުން ދައްކާ ގޮތުން އުފައްދާ ޕްލާސްޓިކް ކޮތަޅުގެ ތެރެއިން އެންމެ ޕަސެންޓެއް ވެސް ރީސައިކަލް ނުކުރެވެ އެވެ. ގޮނޑުދޮށްތަކުން ފެންނަ ކުނީގެ ބާވަތްތަކުގެ ތެރެއިން 12 ވަނަ އަށް އެންމެ އާންމުކޮށް ފެންނަނީ ޕްލާސްޓިކް ކޮތަޅު ކަމަށް ދައްކަ އެވެ. މިއަހަރު ފަސް ޓްރިލިއަން ޕްލާސްޓިކް ކޮތަޅު ދުނިޔޭގައި ބޭނުން ކުރާނެ ކަމަށް ވެއެވެ.

ރާއްޖެ އާއި ދިވެހިންނަކީ ވެސް ޕްލާސްޓިކް ކޮތަޅާ ބީރައްޓެހި ބައެއް ނޫނެވެ. ރާއްޖޭގެ ވެށީގެ ކޮންމެ ދިމާއަކަށް ބެލިއަސް އެންމެ އާންމުކޮށް ފެންނަ އެއްޗަކަށް ޕްލާސްޓިކް ކޮތަޅު ވެއެވެ. ރާއްޖެއަށް ޕްލާސްޓިކް ކޮތަޅު އެތެރެކޮށްފައި ހުރި އަދަދުތަކަށް ބަލައިލުމުން އެކަން ރަނގަޅަށް އެނގެއެވެ.

ދެހާހުގެ އަހަރުތަކުގެ ކުރީކޮޅަށް ބަލާއިރު ރާއްޖެއަށް 100 މިލިޔަނަށް ވުރެ ގިނަ އަދަދަކަށް އެއްއަހަރެއްގެ ތެރޭގައި ޕްލާސްޓިކް ކޮތަޅު އެތެރެކޮށްފައި ހުރިކަން ކަސްޓަމްސްގެ ނަމްބަރުން ދައްކަ އެވެ. އެގޮތުން 2006 ވަނަ އަހަރު 160 މިލިޔަން ޕްލާސްޓިކް ކޮތަޅު ރާއްޖެއަށް އެތެރެ ކޮށްފައި ވެއެވެ.

ޕްލާސްޓިކް ކޮތަޅާ ގުޅޭގޮތުން އާންމުން ހޭލުންތެރިކަން އިތުރު ކުރުމުގެ އިތުރުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދު ކުރުމަށް ތަފާތު އެކިއެކި މަސައްކަތްތައް ސަރުކާރާއި ޖަމިއްޔާތައް ކުރެ އެވެ. ސަރުކާރުން އެޅި އެންމެ މުހިންމު އެއް ފިޔަވަޅަކީ ޕްލާސްޓިކް ކޮަތަޅުން ނަގާ އިމްޕޯޓް ޑިއުޓީ 200 ޕަސެންޓަށް މަތިކުރުމެވެ.

މީގެއިތުރުން 2012 ވަނަ އަހަރު ތިމާވެއްޓާ ރައްޓެހި ކޮތަޅު އެތެރެކުރަން ފެށި އެވެ. ނަތީޖާއަކީ އަމިއްލަ ޒާތުގައި ފަނާވެގެން ނުދާ ޕްލާސްޓިކް ކޮތަޅު ރާއްޖެ އެތެރެކުރާ މިންވަރު އަހަރުން އަހަރަށް ދަށަށް ދިއުމެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން 2015 ވަނަ އަހަރު ރާއްޖެއަށް 66 މިލިޔަން ޕްލާސްޓިކް ކޮތަޅު އެތެރެ ކުރި އެވެ. ދެހާސް ސޯޅަ ވަނަ އަހަރު ރާއްޖެއަށް އެތެރެ ކޮށްފައިވަނީ 42 މިލިޔަން ޕްލާސްޓިކް ކޮތަޅެވެ. ނަމަވެސް މިދިއަ އަހަރު އެއަދަދު ވަނީ ބޮޑުތަނުން މައްޗަށް ޖެހިފައެވެ. އެއީ 104 މިލިޔަން ޕްލާސްޓިކް ކޮތަޅެވެ. 104 މިލިޔަން ޕްލާސްޓިކް ކޮތަޅު ރާއްޖެ އެތެރެކޮށްފައިވާއިރު މީގެތެރެއިން 75 މިލިޔަން ޕްލާސްޓިކް ކޮތަޅަކީ ތިމާވެއްޓާ ރައްޓެހިގޮތަށް އުފައްދާފައި ހުރި ކޮތަޅުތަކެވެ.

މި އަދަދުތަކަށް ބަލާލުމުން ރާއްޖޭގެ މިވެށީގެ ތެރޭގައި ޕްލާސްޓިކް ކޮތަޅު އުޅޭނެ މިންވަރު ލާފާ ކުރާށެވެ؛ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ އާބާދީ އުޅެނީ ހަތަރުލައްކައަށް ވުރެ މަތީގަ އެވެ. ހަތަރުލައްކައަށް ވުރެ ގިނަ މީހުންގެ އެކި ބޭނުންތަކުގައި މިލިޔަނުން ގުނާލެވޭވަރަށް ޕްލާސްޓިކް ކޮތަޅު އެތެރެކުރާއިރު އެއީ ވިސްނާލަންޖެހޭނެ ކަމެކެވެ.

ދިރާސާތަކުން ދައްކާގޮތުން ޕްލާސްޓިކް ކޮަތަޅެއް ނެތި ފަނާވެދިޔުމަށް މަދުވެގެން 30 އަހަރު ނަގައެވެ. ޕްލާސްޓިކް ކޮތަޅުގެ ސަބަބުން އަހަރަކު 10،000 މަސްމަހާމެހި މަރުވެ އެވެ. ރާއްޖެއަކީ 99 ޕަސެންޓް ކަނޑުގެ ސަރަހައްދު އޮންނަ ގައުމަކަށް ވާއިރު ކަނޑުގެ ދިރުންތަކަށް ޕްލާސްޓިކް ކޮތަޅުގެ ސަބަބުން އޮތް ނުރައްކާ ކުޑަ ކުރެވޭނީ ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދުކޮށްގެނެވެ. އެއް ފަހަރު ބޭނުން ކުރުމަށްފަހު އެއްލައިލުމުގެ ބަދަލުގައި އެއް ކޮތަޅެއް ގިނަ ފަހަރަށް ބޭނުން ކުރެވިދާނެއެވެ. މީގެ އިތުރުން ވިޔަފާރި ކުރާއިރު އެކަމަށް ވަކިން ހާއްސަ ކޮތަޅެއް ބޭނުން ކުރެވިދާނެ އެވެ. ފޮތާއި ބާލީހާއި ބަދިގޭގެ ސާމާނު ފަދަ ހިފާ ގެންގުޅޭ ތަކެތި އުފުލާ ހަދާއިރު ކަރުދާސްފޮށި ގަނޑު ފަދަ އެއްޗެއް ބޭނުން ކޮށްގެން ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދު ކުރެވިދާނެ އެވެ.

ޕްލާސްޓިކް ކޮތަޅު ރާއްޖޭގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް މިހާރުވެސް ތަފާތު އެކިއެކި މަސައްކަތްތައް ކުރެ އެވެ. އެގޮތުން ބައެއް ރަށްރަށާއި ސްކޫލްތަކާއި އޮފީސްތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ވަނީ މަނާ ކޮށްފަ އެވެ. ތަފާތު އެކިއެކި މުއައްސަސާތަކުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދުކު ރުމަށް އެކިއެކި ޕްރޮގްރާމްތައް ހިންގަމުންދާއިރު އަމިއްލަ މީހުންނަށް ވެސް މިކަމުގައި ކުރެވިދާނެ ކަންކަން އެބަހުއްޓެވެ.