ކުޅިވަރު

ޓިއުނީޝިއާގެ ޓީމުގެ ރޯދަ ވީއްލުން މާ ތަފާތު

ވޯލްޑްކަޕު ބޯމަތި ވަނީ އެވެ. ވޯލްޑްކަޕަށް ތައްޔާރު ވުމުގެ ގޮތުން މުބާރާތުގައި ވާދަ ކުރާ ޓީމުތަކުގެ ތައްޔާރީތައް ދަނީ ހުއްޓުމެއް ނެތި ކުރިއަށެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުން ގައުމުތައް އެއް ބަޔަކު އަނެއް ބަޔާކާ ދެކޮޅަށް އެކުވެރި ކަމުގެ މެޗުތައް ކުޅެ މުބާރާތަށް ތައްޔާރު ވުން ދަނީ ފޯރި އާއެކު އެވެ.

މުސްލިމު ގައުމުތަކުގެ ޓީމު ތަކުގެ ކުޅުންތެރިންނަށް، މިއީ ރޯދަ މަހެވެ. ރޯދައިގެ ރޫހާއެކު އެ ކުޅުންތެރިން ހިމެނޭ ޓީމުތަކުގެ ތައްޔާރީތައް ވެސް ދަނީ ފޯރި އާއެކު އެވެ. ރޯދަ ވުމަކުން މަސައްކަތައް ހުއްޓުމެއް ގެނައުމެއް ނެތެވެ. ވޯލްޑްކަޕުގައި ވާދަ ކުރާ ޓިއުނީޝިއާގެ ކުޅުންތެރިންގެ ރޯދަ ވީއްލުން ތަފާތު ވެފައި އެހާމެ ފައްކާ މެ އެވެ.

މިދިޔަ ހަފުތާގައި ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލްއާ ދެކޮޅަށް ޓިއުނީޝިއާ ކުޅުނު މެޗުގައި، ކުޅުންތެރިން ތިބީ ރޯދަ އަށެވެ. ރޯދަ ވީއްލަން ޖެހޭ ވަގުތު ޖެހެނީ މެޗު ފޯރިއާއެކު ކުރިއަށް ދަނިކޮށެވެ. އެހެންވިޔަސް ވަރިހަމަ ތާ އެވެ. ޓިއުނީޝިއާ ކުޅުންތެރިންގެ ރޯދަ ވީއްލުމަކަށް ބަދަލެއް ނާދެ އެވެ. އެކަމަށް އެ ޓީމުގެ ކުޅުންތެރިން ރާ ވަނީ މޮޅު ރޭވުމެކެވެ.

ފުޓްބޯޅައިގެ ގަވާއިދުގައިވާ ގޮތުން ކީޕަރަށް އަނިޔާ ވެއްޖެނަމަ، ފަރުވާ ދިނުމަށް ޓަކައި ކުޅުން މެދު ކަނޑަލަން ޖެހެ އެވެ.

ޕޯޗްގަލްއާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ވަނަ ހާފުގެ 58 ވަނަ މިނެޓްގައި ޓީއުނީޝިއާގެ ކީޕަރު މޮއީޒް ހަސަން ދަނޑު މައްޗަށް ވެއްޓި ޖެއެވެ. އޭނާ އަށް ފަރުވާ ދޭން ޖެހުނީ އެވެ. އެ ވަގުތަކީ އިރުއޮއްސުނު ވަގުތެވެ. މެޑިކަލް ޓީމު ދަނޑަށް އަރުމާއެކު ޓީމުގެ އެހެން ކުޅުންތެރިން ދުއްވައި ގަންނަނީ ބެންޗާ ދިމާލަށެވެ. ކަދުރާއި ފެންފޮދަކުން ކުޅުންތެރިން ރޯދަ ވީއްލައި އަލުން ކުޅުމާ ބައިވެރި ވެއެވެ.

ހަގީގަތުގައި، ހަސަން އިންޖަރީވީކީ ނޫނެވެ. ޓީމުގެ ކުޅުންތެރިންނަށް ރޯދަ ވީއްލުމުގެ ފުރުސަތު ހޯދައިދީނީ އެވެ. އޭރު ޕޯޗްގަލް އޮތީ 2-1 ން ކުރީގައެވެ. ފެނާއި ކަދުރުން ހަށިގަނޑަށް ބާރު ޖެހުމުން ޓީއުނީޝާއާގެ ކުޅުންތެރިން ވަރުގަދަ އަށް ކުޅެން ފަށައި ޕޯޗްގަލްއާ ހަމަހަމަ ކުރި އެވެ.

މިދިޔަ ހުކުރު ދުވަހު ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ކަން ކުރީ އެހެންނެވެ.

ވޯލްޑްކަޕުގައި ޓިއުނީޝިއާ ހިމެނެނީ ބެލެްޖިއަމް އާއި ޕެނަމާ އަދި އިންގްލެންޑާއެކު ގުރޫޕް "ޖީ" ގަ އެވެ. ވޯލްޑްކަޕުގައި އެ ޓީމު ކުޅޭ ފުރަތަމަ މެޗުގައި މި މަހު 18 ވަނަ ދުވަހު ނިކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ.