ކުޅިވަރު

2026 ގެ ވޯލްޑްކަޕު އެމެރިކާ، ކެނަޑާ، މެކްސިކޯގައި

ފީފާގެ 2026 ވަނަ އަހަރު ވޯލްޑްކަޕު އުތުރު އެމެރިކާގެ ބައްރުގެ ތިން ގައުމު ކަމަށްވާ އެމެރިކާ އާއި ކެނާޑާ އަދި މެކްސިކޯގައި ބާއްވަން ފީފާގެ ކޮންގްރެސްއިން ނިންމައިފި އެވެ.

މި އަހަރުގެ ވޯލްޑްކަޕު ރަޝިއާގައި ބާއްވާތީ 2026 ގެ ވޯލްޑްކަޕަށް ޔޫރަޕްގެ އެއްވެސް ގައުމަކަށް ބިޑެއް ނުކުރެވޭނެ އެވެ. އަދި 2022ގެ ވޯލްޑްކަޕު ގަތަރުގައި ބާއްވާތީ އޭޝިއާގެ އެއްވެސް ގައުމަކަށްވެސް ބިޑެއް ނުކުރެވޭނެ އެވެ. އަދި 2014 ގެ ވޯލްޑްކަޕު ބްރެޒިލްގައި ބާއްވާފައި ވުމުން ދެކުނު އެމެރިކާގެ އެއްވެސް ގައުމަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދީފައި ނުވެ އެވެ.

ވޯލްޑްކަޕު ބާއްވަން ބިޑް ހުށަހެޅީ އެފްރިކާގެ ބައްރުގެ މޮރޮކޯ އާއި އުތުރު އެމެރިކާގެ ޔުނައިޓަޑް ބިޑެވެ.

ވޯލްޑްކަޕު ބިޑަށް ވޯޓު ދިނުމުގެ ފުރުސަތު ފީފާގެ ހުރިހާ މެންބަރު ގައުމަކަށް ލިބިގެންވެ އެވެ. މިއަދު ނެގި ވޯޓްގައި މޮރަކޯއަށް 65 ވޯޓެވެ. އުތުރު އެމެރިކާގެ ޔުނައިޓަޑް ބިޑަށް 134 ވޯޓް ވަނީ ލިބިފަ އެވެ. އެއް ގައުމުން ވަނީ ވަކި ކޮޅަކަށް ބިޑް ދޭން ނުފެންނަ ކަމަށް ވޯޓް ދީފަ އެވެ.

މެކްސިކޯގައި ވަނީ މީގެ ކުރިން ދެ ފަހަރަށް ވޯލްޑްކަޕު ބާއްވަފަ އެވެ. އެއީ 1970 ވަނަ އަހަރާއި 1986 ވަނަ އަހަރު އެވެ. އެމެރިކާގައި ވަނީ އެއްފަހަރު ވޯލްޑްކަޕު ބާއްވާފަ އެވެ. އެއީ 1994ވަނަ އަހަރު އެވެ.

މިއި އެއް ގައުމަށް ވުރެ ގިނަ ގައުމެއްގައި ވޯލްޑްކަޕު ބާއްވަން ފީފާއިން ނިންމި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ޖަޕާނާއި ދެކުނު ކޮރެއާގައި ވަނީ ވޯލްޑްކަޕު ބާއްވާފަ އެވެ. އެއީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕެވެ. ފީފާ ވޯލްޑްކަޕު 2026 ގައި 48 ޓީމު ވާދަ ކުރާނެ އެވެ.