ދުނިޔެ

ޓްރަމްޕްގެ ހަރުކަށި ސިޔާސަތުގެ ހިޔަނި ޖީ7 ސަމިޓަށް

މޫސުމަށް އަންނަ ބަދަލުތަކާއި ހާރިޖީ ކަންކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ގެންްގުޅުއްވާ ސިޔާސަތުތަކުގެ މިއަހަރު ބާއްވާ ޖީ7 ސަމިޓަކީ ކަންތައް ބޮޑު ސަމިޓަކަށް ވާނެ ކަމަށް ފްރާންސުން ބުނެފިއެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސާދުތައް ބައިވެރިވާ "ގްރޫޕް އޮފް ސެވަން" (ޖީ7)ގެ މިއަހަރުގެ ސަމިޓް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު-ހޮނިހިރުގައި ކެނެޑާގެ ކިއުބެކްގެ ޕްރޮވިންސްގެ ލަމަލްބައި ނަމަކަށް ކިޔަ ރަށުގައެވެ.

ފްރާންސްގެ ރިޔާއީ ގަނޑުވަރުގެ މަސްދަރަކާ ހަވަލާދި ރޮއިޓާސް ބުނީ މޫސުމަށް އަންނަ ބަދަލުތަކާއި ހާރިޖީ ކަންކަމުގައި ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން ސަމިޓުގެ އެޖެންޑާ އެކުލަވައިލަން އުނދަގޫ ވެފައިވާ ކަމަށެވެ.

"ބައެއް މައްސަލަތަކުގައި އެމެރިކާއޮިން ގެންގުޅޭ އުސޫލުގެ ސަބަބުުން ސަމިޓުގެ އެންމެ ފަހު މަޝްވަރާތައް އުނދަގޫ ކަމަކަށް ވާނެ،" ރޮއިޓާސްއާ ވާހަކަ ދެއްކި މަސްދަރު ބުނި ކަމަށް އެ އެޖެންސީން ބުންޏެވެ.

އެމެރިކާއިން ގެންގުޅޭ ހަރުކަށި ނުވަތަ ބަަލައި ނުގަނެގޭ ސިޔާސަތުތަކުގެ ތެރޭގައި އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަތުމާއި ނިއުކްލިއަ މަޝްރޫއު ހުއްޓައިލަން އީރާނާ އެކު ވެފައިވާ އެއްބަސްވުމުން ވަކިވުން ހިމެނެއެވެ.

މީގެ ތެރެއިން އީރާނާ އެކު އޮތް އެއްބަސްވުމުން ވަކިވުމުގެ މައްސަލައިގައި ފްރާންސްގެ ރައީސް އިމެނުއަލް މެކްރޮން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕާ ވަރަށް ބޮޑަށް ދެބަސްވެވަޑައިގެންފައެވެ.