އިންޑޮނީޝިއާއަށް އެފް-15 މަރުކާގެ 36 ޖެޓް ވިއްކަން އެމެރިކާ އެއްބަސްވެއްޖެ އެވެ. މިއީ 14 ބިލިއަން ޑޮލަރުގެ ޑީލެކެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުރާސްފަތި ދުވަހު ބުނި ގޮތުން، އިންޑޮނީޝިއާއަށް އެފް-15 މަރުކާގެ 36 ޖެޓާއި ގުޅުން ހުރި ހާޑްވެއާ އަދި ޓެކްނޮލޮޖީ ވިއްކަން ބައިޑަން ސަރުކާރުން އާނބަސް އޮތީ ބުނެފަ އެވެ.
އިންޑޮނީޝިއާއަށް ވިއްކަން ހަމަޖެހިފައިވާ އަސްކަރީ ފެންވަރުގެ އާލާތްތަކުގެ ތެރޭގައި ޖެޓް އިންޖީނާއި ރާޑަރާއި ނެވިގޭޝަން އަދި ތަމްރީން ކުރަން ބޭނުންވާ ސާމާނު ހިމެނެ އެވެ.
އިންޑޮނީޝިއާ ސަރުކާރުން ބުނާ ގޮތުން ފައިޓަރު ޖެޓްތައް ގަތުމުގެ ބޭނުމަކީ ހަނގުރާމަ ކުރުމެއް ނޫނެވެ. އެހެން ނަމަވެސް، ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ހަރުދަނާ ކުރުމާއި ގައުމުގެ ދިފާއު ބާރުވެރި ކުރުމެވެ.
އެމެރިކާ ބުނާ ގޮތުން ޒަމާނީ އަސްކަރީ ޓެކްނޮލޮޖީ އިންޑޮނީޝިއާއަށް ވިއްކުމަކުން ސަރަހައްދީ އަސްކަރީ ތިލަފަތް ވަކި އަތަކަށް ބުރަވެގެން ނުދާނެ އެވެ. އަދި ސިންގަޕޫރާއި ފިލިޕީންސް ފަދަ ގައުމުތަކަށް ބިރަކަށް ނުވާނެ އެވެ.
އެމެރިކާއިން ހަތިޔާރާއި އަސްކަރީ އާލާތްތައް ވިއްކުމުގައި ގެންގުޅޭ އާންމު އުސޫލަކީ އެމެރިކާ ޝަރުތުކުރާ ގޮތްތަކެއް މަތިން އެފަދަ އާލާތްތައް ބޭނުންކުރުމެވެ. އެހެންކަމުން އިންޑޮނީޝިއާއަށް ޖެޓްތައް ވިއްކުމުގެ ކުރިން ޝަރުތު ކަނޑައަޅައި ސޮއިކުރުވާނެ އެވެ.
އެމެރިކާ ކަނޑައަޅާ ޝަރުތު ތަކުގެ ތެރޭގައި އެމެރިކާގެ ޝައުވެރިކަން އޮންނަ ސަރަހައްދަކަށް ހަމަލާއެއް ނުދިނުމާއި ޖެޓްތައް ގަތުމުގެ ކުރިން ލިސްޓްކޮށްފައި އޮންނަ ބޭނުންތައް ފަހަނައަޅައި ނުދިއުން ހިމެނެ އެވެ.
އެމެރިކާއިން މިފަހަކަށް އައިސް ފައިޓަރު ޖެޓުގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ. މެދުއިރުމަތީ ގައުމުތަކުން ފެށިގެން ޔޫރަޕްގެ ބައެއް ގައުމުތަކާއެކު ވެސް ވަނީ އޯޑަރުތަކުގައި ސޮއިކޮށްފަ އެވެ.
އަނެއްކޮޅުން އުތުރު ކޮރެއާއާ ކުރިމަތިލުމަށް ސައުތު ކޮރެއާގެ ޖެޓްތައް ބާރުގަދަ ކުރުމާއި ޗައިނާއާ ކުރިމަތިލުމަށް ޓައިވާނަށް ޖެޓް ވިއްކުން ހިމެނެ އެވެ.
ރަޝިއާ އާއި ޔުކްރޭނާ ދެމެދު މިހާރު އުފެދިފައި އޮތް މައްސަލަގަނޑު ތެރެއަށް އެމެރިކާގެ ފައިޓަރު ޖެޓްތައް ވަނީ ވައްދާފަ އެވެ.
އިންޑޮނީޝިއާ ބުނާ ގޮތުން ފްރާންސްގެ ރަފާލް މަރުކާގެ 42 ޖެޓް ވެސް އަސްކަރިއްޔާއަށް ހޯދާނެ އެވެ.