ދުނިޔެ

ކިމް-ޓްރަމްޕް ސަމިޓަށް ހަރަދުކޮށްދޭން ޖަމިއްޔާއަކުން ހުށަހަޅައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕާއި އުތުރުކޮރެއާގެ ލީޑަރު ކިމްޖޮން-އުން މިމަހުގެ 12 ވަނަ ދުވަހު ސިންގަޕޫރިގައި ބާއްވާ ސަމިޓަށް ހަރަދުކޮށްދޭން ، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ އައިސީއޭއެން އިން ހުށަހަޅައިފިއެވެ.

އައިިސީއޭއެން އަކީ ނުއުކްލިއަ ހަތިޔާރާ ދެކޮޅަށް ކެމްޕޭންކޮށް ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ ޖަމާއަތެކެވެ. އެޖަމާއަތުން ބުނީ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ޓަކައި އުތުރުކޮރެއާގެ ލީޑަރު ކިމްޖޮން އުން ސިންގަޕޫރަށް ވަޑައިގެން ހުންނަވާ ހޮޓަލަށް ދައްކަން ޖެހޭ ފައިސާވެސް ދައްކައިދޭން ތައްޔާރު ކަމަށެވެ.

އައިސީއޭއެން އިން މިހެން ބުނެފައި މިވަނީ ކިމްއާއި އަރިހުގައި ވަޑައިގަންނަވާ އެހެން ބޭފުޅުން ސިންގަޕޫރުގައި ތިއްބެވުމަށް ހަރަދުކުރާހާ ފައިސާ އުތުރުކޮރެއާގައި ނުހުންނާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަތައް ފަތުރާފައި ވަނިކޮށެވެ.

" ދަ އިންޓަނޭޝަނަލް ކެމްޕެއިންް ޓް އެބޮލިޝް ނިއުކްލިއަ ވެޕަންސް ( އައިސީއޭއެން) އިން ބުނީ ކިމް-ޓްރަމްޕް ސަމިޓަށް ހަރަދުކުރަން ޖެހިއްޖެ ނަމަ ކުރާނީ ނޯބެލް ސުލްހައިގެ އިނާމާ އެކު އެޖަމާއަތަށް ލިބިފައިވާ ފައިސާއިން ކަމަށެވެ.

" ނޯބެލް ޕީޒް ޕްރައިޒްގައި ހިމެނޭ ފައިސާގެ އިނާމެއް. އަޅުގަނޑުމެން މިހުށަހަޅަނީ އެ ސަމިޓުގެ ހަރަދުތައް ހަމަޖައްސަން އެފައިސާ ހަރަދުކުރަން. ކޮރެއަން ޕެނިންސިއުލާއަށް ސުލްހަ ގެނައުމަށް އަދި ދުނިޔެއަކީ ނިއުކްލިއަ ހަތިޔާރު ނެތް ތަނަކަށް ހަދަން އެހީވުމަށްޓަކައި،" އައިސީއޭއެންގެ އޮފިޝަލް އަކީރާ ކަވަސާކީ ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.