ކުޅިވަރު

36 އަހަރުކުރީގެ ވާދަވެރިކަން، ތާރީހީ ފައިނަލަކުން

ހެންވޭރު މީރުބަހްރު ގެއަކީ ރާއްޖޭގެ ޓީޓީގައި ވަރަށް މަޝްހޫރު ގެއެކެވެ. ޓީޓީ ހަރަކާތްތައް އެގޭ ތެރެއިން ފަށައިގަތް ކިތަންމެ ކުޅުންތެރިންނެއް އުޅޭނެ އެވެ. އެއީ އޭރުގައި ނަމަ ޓީޓީގެ ކުޑަކުޑަ އެކެޑެމީ އެކެވެ.

އާދިއްތަ ދުވަހުގެ ރޭ ނިމިގެން ދިޔަ މިއަހަރުގެ ދުންތަރި މަނިކު މެމޯރިއަލް ޓިޓީ މުބާރާތުގެ ފައިނަލުގެ އެންމެ ފަހު ގޭމްގައި ވާދަ ކުރި، ޕިންގް ޕޮންގްތާސްގެ އަލީ ނާޝިދު (އައިކޯ) އާއި މުޖައްރިބު ޓީމުގެ އަބްދުﷲ ފަތީން އަކީވެސް މީރުބަހްރުގެގެ ތެރެއިން ނިކުތް ދެ ކުޅުންތެރިންނެވެ.

މީރުބަހްރު ގޭގައި ކުރީގެ ގައުމީ ޗެމްޕިއަން އަހްމަދު އަލީ ރިޒާ (އާންޑް) އިސް ނަގައިގެން ޓީޓީ މުބާރާތެއް ބާއްވަން ވާހަކަ ދައްކަމުން ދިޔަ އެވެ. އެއީ 80 ގެ އަހަރުތަކުގެ ކުރީ ކޮޅެވެ. ނަމަވެސް އާންޑް ބާއްވަން އުޅުނު މުބާރާތުގައި ބައިވެރިވާން ތިބީ ފަސް ކުޅުންތެރިންނެވެ. އެއް ކުޅުންތެރިޔަކު މަދެވެ. އައިކޯއަށް އެތަނަށް ދެވުނީ މުބާރާތުގައި އެއް ކުޅުންތެރިޔަކު މަދުވެގެން އެ ވާހަކަ ދެކެވެމުން ދިޔަ ވަގުތެއްގަ އެވެ. އޭރުވެސް އައިކޯ އާއި ފަތީން އަކީ ދެ އެކުވެރިންނެވެ.

"އަޅުގަނޑު އެތަނަށް ދިޔައީމަ އާންޑް ބުނެފި މީހުން ހަމަ ކޮށްދިނުމުގެ ގޮތުން ކަލޭ ބައިވެރިވާން ވީނޫންހޭ އޭރު އަޅުގަނޑަކީ ޓީޓީ ކުޅޭ މީހެއްވެސް ނޫން،" އޭރުގެ ހަނދާންތައް އާ ކުރަމުން އައިކޯ ކިޔައި ދިނެވެ. "އަޅުގަނޑުވެސް ބުނިން ބައިވެރިވާނަމޭ، މީހުން ހަމަކޮށްދިނުމުގެ ގޮތުން އާނ އެކޭ ބުނީވެސް ދެން އެތަނުން ޓީޓީ ކުޅެން ފެށީވެސް."

އޭރުވެސް ފަތީން އަކީ ޓީޓީ ކުޅެމުންދިޔަ ކުޅުންތެރިޔެކެވެ. އެ ދެމީހުންވެސް ކިޔަވަމުން ދިޔައީ މަޖީދިއްޔާ ސްކޫލުގަ އެވެ.

"ފަހުން ދެ މީހުންވެސް ސަލްޓަންޕާކު ތެރޭގައި ހުންނަ ޓީޓީ ކުޅޭތަނަށް ކުޅެން ދަން." ފަތީން،50 ބުންޏެވެ.

ދެ އެކުވެރިންގެ ވާދަވެރިކަން ފެނިގެން ދިޔައީ މާޖިދިއްޔާ ސްކޫލް އިންޓަ ހައުސްގަ އެވެ. ދެ މީހުންވެސް ލައްވާލީ ދެ ހައުސްގަ އެވެ.

"އޭގެ ފަހުން މިހިސާބަށް އަޅުގަނޑުމެން ދެ މީހުން ވާދަ ނުކުރަން، މީ އޭގެ ފަހުން ކުޅުނު ފުރަތަމަ މުބާރާތް،" ފަތީން ބުންޏެވެ. މީގައި ވާގޮތަކީ އެހެން ދާއިރާއެއްގައި މަސައްކަތް ކުރަން ޖެހޭތީ އެހެން ވާދަ ކުރަން ފުރުސަތު ނުލިބެނީ މިހާރު އަޅުގަނޑުމެން މި ކުޅެނީ ފިޓްނަސް ހިފަހައްޓަން، މިހާރުވެސް އައިސް މި ކުޅެނީ ސީވީޑް [އަހްމަދު] ލަތީފު ފަހަތުގައި ހުންނާތީ."

ތިރީސް ހަ އަހަރު ކުރިން އޮތް ވާދަވެރިކަމުގެ ތެރެއިން ފަތީން އަތުން އައިކޯ އަށް މޮޅުވެފައި ނެތް ނަމަވެސް ދުންތަރި މަނިކު މުބާރާތް ޕިންގް ޕޮންގްތާސްއަށް އައިކޯ ކާމިޔާބު ކޮށްދިނީ ފަތީން ބަލި ކުރުމަށް ފަހު އެވެ.

ޑިސައިޑިން މެޗުގައި، އައިކޯ ކާމިޔާބު ކުރީ ސީދާ ތިން ގޭމުންނެވެ. ފުރަތަމަ ދެ ގޭމް ފަސޭހަ ކަމާއެކު އައިކޯ ކާމިޔަބު ކުރި އެވެ. ތިން ވަނަ ގޭމްގައި ފަށައިގެން ލީޑްގައި ވާދަ ކުރަމުން ދިޔައީ ފަތީން އެވެ. އައިކޯ މެޗު ކާމިޔާބު ކުރީ ފަހަތުން އަރައި ހޯދި ޕޮއިންޓް ތަކުންނެވެ.

"މަޖީދިއްޔާ އިންޓަ ހައުސްގައިވެސް އަޅުގަނޑު ނެތް އެއްވެސް މެޗަކުން ފަތީން އަތުން މޮޅުވެފަ އެއް ނަމަވެސް 36 އަހަރު ފަހުން ދެ މީހުން އެއްކޮށް ކުޅެން މިއައީ ދެން މިފަހަރު އަޅުގަނޑު މި މޮޅުވީ،" ފައިނަލަށް ފަހު އަވަސް އާ ވަހަކަ ދައްކަމުން އައިކޯ،47 ބުންޏެވެ. "މެޗުގައިވެސް އެ ރެސްޕެކްޓް އެ ފެނިގެން ދިޔައީ."