ހަބަރު

އެއްްވެސް ޕާޓީއެއް އުވާލާކަށް ބޭނުމެއް ނޫން: އީސީ

އެއްވެސް ސިޔާސީ ޕާޓީއެއް އުވާލަން އިލެކްޝަން ކޮމިޝަން (އީސީ) އިން ބޭނުން ނުވާ ކަމަށް އެ ކޮމިޝަނުން މިރޭ ބުނެފިއެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް މިރޭ ވިދާޅުވީ ޕާޓީއެއް އުވާލަން އީސީން ބޭނުން ނުވިޔަސް ތަކުރާރުކޮށް ގާނޫނުގެ ބާރު ކަނޑުވާލަމުންދާ ނަމަ ގާނޫނުގައި ބުނާ ފިޔަވަޅު އަޅަން މަޖުބޫރު ވެދާނެ ކަމަަށެވެ.

"އަޅުގަނޑުމެން މިފަހަރު މި ޕްރައިމަރީއާ ގުޅިގެން [އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން] ބައެއް ފަރާތްތަކަށް ނަސޭހަތް ދީފައި ވާއިރު ވާނީ މެންޝަން [ބަޔާން] ކޮށްފައި އަޅުގަނޑުމެން ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 31 ވަނަ މާއްދާއާ އަދި 49 ވަނަ މާއްދާގައި ބުނާ [ފިޔަވަޅުތައް]. އެއްތިރީސް ވަނަ މާއްދާއަކީ ސިޔާސީ ޕާޓީތައް އުވާލުމަށް ކޯޓަށް ފޮނުވުން. އަޅުގަނޑުމެން އުއްމީދެއް ނުކުރަން އެއްވެސް ސިޔާސީ ޕާޓީއެއް އުވާލާކަށެއް، އެއީ އަދި އަޅުގަނޑުމެން ބޭނުންވާ ގޮތެއް ވެސް ނޫން،" އަކުރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެހެން ނަމަވެސް ތަކުރާރުކޮށް ގާނޫނުގެ ބާރު ކަނޑުވާލާނަ އީސީއަށް ޖެހޭނީ ގާނޫނުގައި ބުނާ ގޮތަކަށް ކުރިއަށްދާން ކަމަށާއި ގާނޫނުން ބޭރުން ކަންކަން ކުރުމުގެ ބާރެއް ކޮމިޝަނުގެ މެމްބަރުންނަކަށް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ކޮމިޝަނުން އަބަދުވެސް އަމަލު ކުރާނީ ގާނޫނުތަކާއި ގަވާއިދު ތަކާއި ކޯޓުތަކުގެ ހުކުމްތަކާ އެއްގޮތަށް ކަމަށެވެ.

އޭނާ ވިދާޅުވީ ޕާޓީއަކުން ތަކުރާރުކޮށް ގާނޫނުގެ ބާރު ކަނޑުވާލާ ނަމަ އެޕާޓީއެއް އުވާލަން ހައިކޯޓަށް ހުށަހަޅަން ގާނޫނުން ލާޒިމުކުރާ ކަމަށާއި އެހެން ނަމަވެސް އެ ފިޔަވަޅު އަޅަން ނުޖެހޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން މި އުއްމީދު ކުރަނީ އެފަދަ ކަމެއް ކުރަން އަޅުގަނޑުމެންނަށް ނުޖެހޭނެ ކަަމަށް. އެހެން ނަމަވެސް ޕާޓީތަކުން ކުރާ ކަންތައް އަބަދުވެސް ބަލަމުން މިގެންދަނީ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން މިދިޔަ ހަފުތާގައި ބޭއްވި ރިޔާސީ ޕްރައިމަރީ ހުއްޓުވަން އީސީން ކޯޓު އަމުރެއް ވެސް ހޯދި އެވެ. އަދި އެއަމުރު ތަންފީޒުކޮށް ޕްރައިމަރީ ހުއްޓުވަން ފުލުހުން މަސަައްކަތް ވެސް ކުރިއެވެ. ނަމަވެސް އެމްޑީޕީން ވަނީ އެކަންކަމަށް ގޮންޖަހައި ޕްރައިމަރީ ބާއްވާފަ އެވެ.

އަކްރަމް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި އެ ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ގާނޫނާ ހިލާފުވެފައި ވާނަމަ އެކަން ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް މޯލްޑިވްްސް ޕޮލިސް ސާވިސްގައި ކޮމިޝަނުން އެދިފައިވާނެ ކަމަށެވެ.