ދުނިޔެ

މޮނިކާ ލްވިންސްކީގެ ކިބައިން މައާފަށް އެދޭކަށް ނުޖެހޭ: ކްލިންޓަން

އެމެރިކާގެ 42 ވަނަ ރައީސް ބިލް ކްލިންޓަންގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރު، ވައިޓްހައުސްގެ އިންޓާން މުވައްޒަފެއް ކަަމަށްވާ މޮނިކާ ލްވިންސްކީއާ އެކު ބޭއްވެވި ގުޅުމުގެ މައްސަލައިގައި މޮނިކާގެ ކިބައިން މައާފަށް އެދިވަޑައިގަންނަވަން ޖެހިވަޑައި ނުގަންނަވާ ކަމަށް ކްލިންޓަން ވިދާޅުވެއްޖެ އެވެ.

އެންބީސީގެ "ޓްޑޭ ޝޯ"ގައި މޮނިކާ މައްސަލައިގެ ސުވާލު ކްލިންޓަނަށް އަމާޒު ކުރީ މިހާރު ކުރިއަށްދާ "މީޓޫ މޫމެންޓް"އާ ގުޅުވައިގެންނެވެ. މީޓޫ މޫމެންޓަކީ މާކުރިން ހިނގާފައިވާ ޖިންސީ ފުރައްސާރައާއި ގޯނާ ކުރުމުގެ އަމަލުތައް، އެކަންކަމުގެ ޝިކާރައަކަށްވީ އަންހެނުން ހާމަ ކުރުމުގެ ހަރަކާތެކެވެ. އެ ހަރަކާތުގެ ނަތީޖާއެއްގެ ގޮތުން ހޮލީވުޑްގެ ނުފޫޒު ގަދަ ޕްރޮޑިއުސަރު ހާވީ ވިއިންސްޓަން ހައްޔަރުކޮށް އޭނާގެ މައްޗަށް ވަނީ ދައުވާ ވެސް އުފުލާފަ އެވެ. އެއީ ހޮލީވުޑްގެ ބައެއް އަންހެން ތަރިން އޭނާއަށް ކުރި ތުހުމަތުތަކާ ގުޅިގެންނެވެ.

ގުޅުމުގެ މައްސަލައިގައި ލްވިންސްކީީގެ ކިބައިން މައާފަށް އެދިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާތޯ ދެންނެވުމުން ކްލިންޓަން ވިދާޅުވީ ޖެހިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ [އޭގެ ފަހުން] އޭނާއާ ވާހަކަފުޅު ނުދައްކަވާ ކަމަށެވެ.

"ހާލަތާ ގުޅޭ ގޮތަށް ވަރަށް ގިނަ ހަގީގަތްތައް ވަނީ [ބަޔާންނުކޮށް] ދޫކޮށްލާފައި. އެއީ ވާހަކަ ހިންގަން ވެގެން. މިހާރު އޯވަލް އޮފީހުގައި އިންނެވި ބޭފުޅާ [ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް] އަށް ސީރިއަސް ތުހުމަތުތައް ހުރެފައި ވޯޓުލީ މީހުން އެކަމާ އަޅައި ނުލާތީ އެކަމާ ހިތްހަމަ ނުޖެހިގެން ހެން،" ރައީސް ޓްރަމްޕަށް ކުރާ ތުހުމަތު ތަކަށް އިޝާރާތް ކުރައްވަމުން ކްލިންޓަން ވިދާޅުވިއެވެ.

މޮނިކާ ލްވިންސްކީ އަކީ ބިލް ކްލިންޓަންގެ ވެރިކަމުގައި އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގެ އިންޓާންއެއްގެ ޒީފާއެއްގައި އުޅުނު އަންހެނެކެވެ. އޭރު އުމުރުން އެންމެ 22 އަހަރުގެ ލްވިންސްކީއާ ކްލިންޓަނާ ދެމެދު ލޯބީގެ ގުޅުމުގެ ކަންތައް ފަޅާ އެރުމުން އެ މައްސަަލަ ފުޅާ ދާއިރާއެއްގައި ތަހުގީގުކޮށް ހުރިހާ ތަފުސީލެއް އާއްްމު ކުރިއެވެ. އެ މައްސަލައިގައި ކްލިންޓަން އިމްޕީޗްކުރުމުގެ މަސައްކަތް ވެސް އެމެރިކާ ސެނެޓުން ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް ފަހުން އެކަން ހުއްޓައިލީ އެވެ. އޭރު ކުރި ތަހުގީގުގައި ލްވިންސްކީ ބުނީ ގުޅުން އޮތީ އޭނާވެސް ރުހިގެން ކަމަށެވެ.

ނަމަވެސް މިދިޔަ ފެބްރުއަރީ މަހު ވެނިޓީ ފެއާ މެގަޒިންއަށް ލިއުނު ލިއުމެއްގައި ލްވިންސްކީ ބުނީ އެ ގުޅުމުގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރުން އެކުލެވިފައިވާ ކަމަށެވެ. އޭނާ މިމޭރުމުން ލިއުނީ ޖިންސީ ގޯނާއާ ފުރައްސާރައާ ކުރިމަތިވި އަންހެނުން އެމީހުންގެ ވާހަކަތައް ހާމަ ކުރުމަަށް މިހާރު ކުރިއަށްދާ "މީޓޫ މޫމެންޓް" އާ ގުޅުވައިގެންނެވެ.

ލިއުމުގައި ލްވިންސްކީ ބުނީ ގުޅުން ކުރިއަށް ދިޔަ އިރު އެކަމުން ނުކުމެދާނެ ނަތީޖާތަކާ ބެހޭ ގޮތުން އޭނާއަށް ލިިބިފައި އޮތީ ވަަރަށް މަދު މައުލޫމާތެއް ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ދިޔައީ އެކަމާ ހިތާމަ ކުރަމުން ކަމަށް ވެސް ބުނެފައި ވެއެވެ.

"ބާރު އޮތް ގޮތަށް ބަލާއިރު އަހަރެންގެ މަގާމު. އޭނާގެ އުމުރު. އޭނާއަކީ އަހަރެންގެ ވެރިމީހާ. އޭނާއަކީ ޕްލެނެޓްގައި [ދުނިޔޭގައި] ހުރި އެންމެ ބާރު ގަދަ މީހާ. ކަންތައްތައް ރަނގަޅަށް އެނގުމަށް [ބޭނުންވާ] ދިރިއުޅުމުގެ ތަޖުރިބާއާ އެކު އޭނާއަކީ އަހަރެންނަށް ވުރެ 27 އަހަރު ދޮށީ،" ލްވިންސްކީ ލިޔެފައި ވެެއެވެ.