ރިޕޯޓް

އެމްޑީޕީ މި ޖެހުނީ ވަރުގަދަ ތޫފާނެއްގައި!

މިއީ ސިޔާސީ އޮއެވަރަށް ތަފާތު ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދުވަސްކޮޅެކެވެ. ރިޔާސީ އިންތިހާބު ގާތްވާ ވަރަކަށް ޕާޓީތަކުގެ ކޯޅުން ބޮޑުވަމުންދާ އިރު މިފަހަރު އެންމެންގެ ސަމާލުކަން ދަމައިގެންފައި ވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ތެރެއަށް އައިސްފައިވާ ލޮޅުންގަނޑަށެވެ. އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުމާއި މައްސަލަތައް އުޅޭ ވާހަކައަކީ މީގެ ކުރިން ތުންތުން މަތިން ދެކެވޭ ވާހަކައެކެވެ. ނަމަވެސް ރިޔާސީ އިންތިހާބު ބޯމަތިވި އިރު މިފަހަރު އެމްޑީޕީގެ ތެރޭގައި ހުރި "ރެނދުތައް" ދަނީ އިތުރަށް ފުޅާވެ، އާންމުންނަށް ހާމަވަމުން ކަމަށް ބުނެވިދާނެ އެވެ.

އެމްޑީޕީން ބޮޑު މައްސަލަގަނޑަކުން އަރައި ނުގަނެވިގެން އުޅޭ ވާހަކަދެކެމުން ދަނިކޮށް އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އެ ވާހަކަތަކަށް އިތުރު ބާރެއް ލިބޭ ޓްވީޓެއް ރޭ ކުރެއްވި އެވެ. އާޒިމް ވިދާޅުވި ގޮތުގައި ކުރިޔަށް އޮތީ ވަރަށް ދަތި ދުވަސްތަކެކެވެ. އަދި އޮޑި އޮތީ ތޫފާނެއްގެ ތެރޭގައި ކަމަށް އާޒިމް ސިފަ ކުރެއްވި އެވެ. ނަމަވެސް އެ ވާހަކަތައް ޓްވިޓާގައި ހިއްސާ ކުރެއްވީ ވަކި މައްސަލައަށް އިޝާރާތް ކުރުމެއް ނެތި އެވެ.

އާޒިމް ކުރެއްވި ޓްވީޓް

ތޫފާނުގެ ވާހަކަ ޓްވިޓަރަށް "ބަނަކޮށްލީ" ވެސް އެހާމެ ބާރުގަދަކޮށެވެ. އާޒިމް ޓްވީޓާ އެކު އެމްޑީޕީގެ ގިނަ މެންބަރުންނާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އަންނަނީ އެކަމަށް ރިއެކްޓްކޮށް، ތަފާތު ހިޔާލުތައް ފާޅު ކުރަމުންނެވެ. އޭގެ ތެރެއިން އެއް މެންބަރަކީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާ ތަމްސީލު ކުރައްވާ އަދި އެމްޑީޕީގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މާރިޔާ އަހުމަދު ދީދީ އެވެ. މާރިޔާ ވިދާޅުވި ގޮތުގައި އިރާދަކުރެެއްވިއްޔާ އެމްޑީޕީ އެ ތޫފާނުން އަރައިގަންނާނެ އެވެ. އެ ޕާޓީއިން މިހާތަނަށް ކުރިމަތިލާފައި ވަނީ ހަމައެކަނި ތޫފާންތަކައި އެކަނި ނޫން ކަމަށާއި ބޮޑެތި ނަގޫރޯޅުތަކާ ވެސް ކުރިމަތިލާފައި ވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ކޮންމެ ފަހަރަކު ވެސް ޕާޓީ ދަނީ އިތުރަށް ރަނގަޅުވެ ވަރުގަދަވަމުން ކަމަށް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ކުރެއްވި ޓްވީޓް

ސޯޝަލް މީޑިއާ ތެރޭގައި އެ ވާހަކަތައް ދައުރުވަމުން ދިޔަ އިރު ގިނަ ބަޔަކު ދެކުނީ ތޫފަނުގެ ވާހަކައިން އެ އިޝާރަތް ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ ގުޅިގެން އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ވާހަކައަށެވެ. އެގޮތުން ބައެއް މީހުން ބުނި ގޮތުގައި ތޫފާން އިތުރަށް ބޮޑުވުމުގެ ކުރިން އާ ލީޑަރަކު ނެރެން ޖެހެ އެވެ. އަނެއްބައި މީހުން ބުނަމުން އައި ތޫފާނުން ސަލާމަތްވާ އިރު އެމްޑީޕީ ހިފަހައްޓާ ނުލެވޭ ވަރަށް ވަރުގަދަވާނެ އެވެ.

އިދިކޮޅު ކޯލިޝަންގައި މައްސަލަތަކާއި ދެބަސްވުންތަކެއް އުފެދިފައިވާ ކަމަށް އަޑު ފެތުރެން ފެށުމާއެކު، އެމްޑީޕީގެ ވާހަކަތަކާއެކު ވަނީ އެކަމަށް ހިޔަނި އެޅިފަ އެވެ. ކޮންމެއަކަސް އިންތިހާބު ކަައިރިވަމުން ދާ ވަރަކަށް ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައިސް އެތަށް "ތޫފާންތަކެއް" އަންނާނެ ކަމަށް ބެލެވެ އެވެ. މިފަހަރު ތޫފާނެއް އަރައިގެން މި އުޅެނީ ރައްޔިތުން މަޖިލީހުގެ ލެޓާހެޑްގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އެމްޑީޕީގެ ޕީޖީ ލީޑަރު އިބޫ އިދިކޮޅު ކެންޑިޑޭޓަކަށް ނެރެން ތާއީދު ކުރައްވާކަން ހާމަ ކުރެއްވުމާ ހިސާބުން އެވެ. މި ހިޔާލުން އުފެދުނު ބަހުސް ނިމި ދާއިރު އިދިކޮޅު ކެންޑިޑޭޓެއްގެ ފަހަތައް އެރޭނެ ކަމަށްބެލެވެ އެވެ.